މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުގައި ހުރުމަށްފަހު ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން ކަފާލާތުގެ ދަށުން މިނިވަން ކުރަން މިއަދު ކުރިއަށްދިޔަ ކޯޓު އަޑުއެހުމުގައި ނިންމައިފިއެވެ.
ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ކަފާލާތުގެ ދަށުން އާރްޔަން މިނިވަންކުރަން ނިންމާފައިވާ އިރު، އާރްޔަން އާއެކު މި މައްސަލައިގައި ހައްޔަރުކުރެވުނު މުންމުން ދަމޭޗާ އަދި އަރްބާޒް މާޗަންޓުވެސް މިނިވަންކުރަން ވަނީ ނިންމައިފައެވެ. އަދި މިގޮތަށް މިއަދުގެ އަޑުއެހުމުގައި ނިންމި ނަމަވެސް ރަސްމީކޮށް މިކަން ތަންފީޒުކުރާނީ މާދަމާ ކަމުގައި ވަނީ ކަނޑައަޅައިފައެވެ.
އާރްޔަން ހާންގެ ވަކީލެއްގެ ގޮތުގައި ކުރީގެ އެޓާނީ ޖެނެރަލް މުކުލް ރޮހާތުގީ، އަރްބާޒް މާޗަންޓުގެ ވަކީލެއްގެ ގޮތުގައި ސީނިއާ އެޑްވޮކޭޓް އަމިތު ދެސާއީ އަދި މުންމުން ދަމޭޗާގެ ވަކީލެއްގެ ގޮތުގައި އެޑްވޮކޭޓް އަލީ ކާޝިފް ހާން ދޭޝްމުކް މިއަދުގެ އަޑުއެހުމުގައި ވަކާލާތުކުރަމުން ދިޔަ އިރު، އެންސީބީގެ ފަރާތުން އޭއެސްޖީ އަނިލް ސިންގާއި ޝްރީރާމް ސުރީސާތު އަދި އަދުވައިތު ސެތުނާ ދިޔައީ ހޫނު ރައްދުތައް ދެމުންނެވެ. ސިންގު ދައުވާކުރި ގޮތުގައި އާރްޔަން އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ މީހެއް ކަމަށާއި އެކަމަށް ބާރު ލިބޭ ހެކި ފެންނަން އެބަހުރި ކަމަށެވެ.
އޭނާ ފާހަގަކުރިގޮތުގައި މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ގެންގުޅުމާއި އަދި ބޭނުންކުރުމުގެ މައްސަލައިގައި ކަމަށާއި މަސްތުވާތަކެތި ގެންގުޅުނު ކަމަށް ސާބިތުވަނީ އަރްބާޒަށް އެކަނި ނަމަވެސް އާރްޔަންއާ ދެމީހުން މަސްތުވާތަކެތި ބޭނުންކުރަން ނިންމާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
މި ދައުވާތަކާ ދެކޮޅަށް އާރްޔަންގެ ވަކީލު އަދި ކުރީގެ އޭޖީ ރޮހާތުގީ ބުނެފައިވަނީ އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ދެއްކެން ނެތް ކަމަށެވެ. އަދި ދެމީހަކު އެއްތަނަކުން ބައްދަލުވާން ނިންމާ ނިންމުމަކީ މަސްތުވާތަކެތި ބޭނުންކުރަން މަޝްވަރާކޮށް ނިންމާ ނިންމުމެއް ކަމަށް ކަނޑައަޅައި އެއީ ހުއްޖަތެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ދެމީހަކު ބައްދަލުކުރަން ނިންމުން އެއީ އިއްތިފާގަކަށް ނުވާނަމަ އެއީ ރާވައިގެން ބައްދަލުކުރަން ނިންމުންކަމުގައި ކަނޑައެޅިގެން ނުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މިމަހުގެ ތިންވަނަ ދުވަހު އެންސީބީން ރެއިޑުކުރި ކުރޫޒް ޝިޕެއްގައި މަސްތުވާތަކެތި ގެންގުޅުނު މައްސަލައިގައި އާރްޔަން ހާން، މުންމުން ދަމޭޗާ އާއި އަރްބާޒް މާޗަންޓު އަދި އިތުރު ބަޔަކު ހައްޔަރުކޮށް، މުމްބާއީގެ އާތަރު ރޯޑު ޖަލަށް މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން ވަނީ ބަދަލުކުރެވިފައެވެ. އަދި ކަފާލާތުގެ ދަށުން އާރްޔަން، މުންމުން އަދި އަރްބާޒު ދޫކޮށްލުމަށް ކޯޓަށް ހުށަހަޅައި ކުރި މަސައްކަތްތައް މިހާތަނަށް ނާކާމިޔާބުވެފައިވީ ނަމަވެސް އެންމެފަހުގެ އަޑުއެހުމުން މި ތިން މީހުން މިނިވަން ކުރަން ކޯޓުން މިވަނީ ނިންމައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން