ޚަބަރު

ޗެމްޕިއަނުންގެ މުބާރާތުގައި "ފެންމުތުގެ" ޝަރަފު އާން އާއި ހަމްނާއަށް

ޗެމްޕިއަން އޮފް ޗެމްޕިއަންސް ފެތުމުގެ މުބާރާތުން ހޮވި "ފެންމުތުގެ" ޝަރަފް މުހައްމަދު އާން ހުސައިން އަދި ހަމްނާ އަހުމަދު ހޯދައިފިއެވެ.

މިމަހުގެ 22 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސްވިމިން ޕޫލުގައި ބޭއްވި މި މުބާރާތުގައި ވާދަކޮށްފައިވަނީ 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެސޯސިއޭޝަނުން ބޭއްވި ހުރިހާ މުބާރާތްތަކާއި ޓްރަޔަލްތަކުގައި ވާދަކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ފެތުންތެރިންނެވެ. ފެންމުތުގެ ޝަރަފަކީ މުބާރާތުގެ އެކިއެކި އިވެންޓްތަކަށް ބަލައި އެންމެ ރަނގަޅު ނަތީޖާތައް ހޯދި އެތުލީޓުންނަށް ދިން ހާއްސަ ޝަރަފެކެވެ. ރޭ ހުޅުމާލޭ ސްވިމިން ޕޫލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ އެތުލީޓުންނަށް ޝަރަފު ހަވާލު ކޮށްދެއްވީ ކުރީގެ ކުޅިވަރު ތަރި ސައްޔިދު އަލީއެވެ.

ހަމްނާ އާއި އާން އަކީ އަންނަ ޑިސެމްބަރު މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ހަތަރު ފެތުންތެރިންގެ ތެރެއިން ދެ ފެތުންތެރިއެކެވެ. ޗެމްޕިއަނުންގެ މުބާރާތުގައި ހަމްނާ ވަނީ 13 އިވެންޓްގައި ވާދަކޮށް 12 އިވެންޓުން ރަން މެޑަލް ހޯދައިފައެވެ. ހަމްނާ އަށް ރަން މެޑަލް ނުލިބުނީ އޭނާ ވާދަކުރި 100 މީޓަރު ބަޓަފްލައި އިވެންޓްގައެވެ. މި އިވެންޓްގައި ހަމްނާ ޑިސްކޮލިފައިވެ، ވަނަ އަކާ ހަމައަށް ދެވޭ ގޮތެއްނުވިއެވެ.

އާން ވަނީ 15 އިވެންޓްގައި ވާދަކޮށް 14 އިވެންޓުން ރަން މެޑަލް އަދި އެއް އިވެންޓުން ރިހި މެޑަލް ހޯދައިފައެވެ. އާން އަށް ރިހި މެޑަލް ލިބުނީ 200 މީޓަރު ބަޓަފްލައި އިވެންޓުންނެވެ. މި އިވެންޓުން ރަން މެޑަލް ގެނައީ މުހައްމަދު ރިހާން ޝިޔާމެވެ.

ރޭގެ ރަސްމިއްޔާތުގައި އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި ސްވިމިން އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެފައިވެއެވެ.