މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕީޖީ ލީޑަރަކަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އައްޔަންކޮށްފި އެވެ.

އެމްއެންޕީ ރަޖިސްޓްރީ ކޮށް ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއާއެކު އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ތިން މެންބަރުންނާއެކު އެމްއެންޕީއަކީ ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ހިމެނޭ ޕާޓީއެއް ކަމަށް އިއުލާން ކުރީ އިއްޔެ އެވެ.

އެ ތިން މެންބަރުންނަކީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ތިއްބެވި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ރިޔާޒު އަދި އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެ ވަޑައިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމެވެ.

އެމްއެންޕީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ރަޖިސްޓްރީ ކުރުމާ ގުޅިގެން އެމްއެންޕީގެ މަޖިލިސް މެންބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރުމަށް މަޖިލީހުގެ އިދާރާއިން އެ އިންތިޒާމު ހަމަޖައްސާދީފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޕީގެ ޕާލަމަންޓްރީ ގުރޫޕުގެ ލީޑަރުގެ ގޮތުގައި ރިޔާޒު އަދި ޑެޕިއުޓީ ލީޑަރަކަށް އުޝާމް އައްޔަން ކުރައްވާފައިވާ ކަމަށް ބުންޏެވެ.