ޚަބަރު

130 ލޯކަލް ކައުންސިލެއް އޮޑިޓު ކުރުމަށް އޮޑިޓް ފާމުތައް ހޯދަނީ

އޮޑިޓާ ޖެނެރަލްގެ އޮފީހުން އޮޑިޓްކުރަން ޖެހޭ 130 ލޯކަލް ކައުންސިލެއް އޮޑިޓް ކޮށްދޭނެ، އޮޑިޓް ފާމުތައް ހޯދަން އިއުލާނުކޮށްފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، 130 ލޯކަލް ކައުންސިލެއްގެ 2019 އަދި 2020 ވަނަ އަހަރު އޮޑިޓް ކުރުމަށް، އޮޑިޓް ފާމުތަކަށް ބީލަމަށް ހުޅުވާލާ ކަމަށެވެ.

މި ކައުންސިލުތައް ބަހާފައި ވަނީ ދެ ބަޔަކަށެވެ. ފުރަތަމަ ބައި ހަތް ގުރޫޕަކަށް އަދި ދެވަނަ ބައި ތިން ގުރޫޕަކަށެވެ. އެއީ 10 އޮޑިޓުގެ ހަތް ގުރޫޕް އަދި 20 އޮޑިޓުގެ ތިން ގުރޫޕެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ، ކައުންސިލް އޮޑިޓުކުރުމަށް އެދި ބީލަން ހުށަހެޅޭނީ އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން، އެ އޮފީހުން އޮޑިޓުތައް ބަހާފައިވާ ދެ ބައިންކުރެ ކޮންމެވެސް އެއް ބަޔަކަށް ކަމަށެވެ. އަދި އެކަމަށް ކުރިމަތި ލެވޭނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ލައިސަސް ދޫކޮށްފައިވާ ފާމްތަކަށް ކަމަށްވެސް ބުންޏެވެ.

އެ އޮފީހުގެ އިއުލާނުގައި ބުނެފައި ވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އޮފީހަށް ހާޒިރުވެ މައުލޫމާތު އޮޅުންފިލުވުމަށްފަހު އެ މަހުގެ 18 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި މައުލޫމާތު އޮޅުންފިލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް ބުންޏެވެ.