ބޮލީވުޑުގައި 1990ގެ އަހަރުތަކުގައި ވިދާލި ރަވީނާ ޓަންޑަން ދާދި ފަހުން ވަނީ 47 ވަނަ އުފަންދުވަސް ފާހަގަކޮށްފައެވެ. މިވަގުތު ލޮސް އެންޖެލިސްގައި ޗުއްޓީ ހޭދަކުރަމުން އަންނަ ރަވީނާ އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވަނީ ފިލްމީ ކެރިއަރުގެ އިތުރު ވާހަކަތައް ހިއްސާކޮށްފައެވެ.
ގިނަ ތަރިންނާއެކު އޭރު ފިލްމުތަކުގައި ފެނިގެންދިޔަ ރަވީނާ ބުނާ ގޮތުގައި ސަލްމާން ހާން އާއެކު އޭނާ ކުޅުނު ފުރަތަމަ ފިލްމުގައި ދެމީހުން ތަޅާފޮޅުން ނޫން ކަމެއް ނުކުރެއެވެ. ''އަހަރެމެން ދެމީހުންނެކޭ ކުލާހުގައި އަބަދު ތަޅާފޮޅާ ދެކުދިންނެކޭ އެއްވަރު. އަހަންނަށް އޭރު 16 އަހަރު އަދި ސަލްމާން އަށް ވާނީ 23 ވަރަކަށް އަހަރު. އަހަރެމެން ދެމީހުންގެ މިޒާޖު އެއްގޮތްވެފައިވާ ބޮޑުވަމުން އައީވެސް ދާދި އެކުއެކީ.'' ރަވީނާ ކިޔައިދީފައިވެއެވެ.
ރަވީނާގެ ބައްޕަ އާއި ސަލްމާންގެ ބައްޕަ އަކީ އެކުގައި މަސައްކަތްކުރަމުން އައި ދެމީހުން ކަމުން ކުޑައިރު ވަރަށް ގިނައިން އެކީ އުޅެން ޖެހުނު ކަމަށާއި އޭރުން ފެށިގެން ދެމީހުން ކުރާ ހަނގުރާމަތައް ފިލްމު ސެޓާއި ހަމައަށް ގެންދެވިފައިވާ ކަމަށް ވެސް ރަވީނާ ބުނެއެވެ. އަދި ރަވީނާއާއެކު ދުވަހަކުވެސް ފިލްމެއްގައި މަސައްކަތް ނުކުރަން ސަލްމާން ނިންމާފައިވާ ކަމަށާއި ނަމަވެސް އޭގެފަހުން ދެމީހުން އެކީގައި ''އަންދާޒް އަޕްނާ އަޕްނާ'' ކުޅެން ހަމަޖެހުނު ކަމުގައި އޭނާ ބުނެއެވެ.
މި ދެ ތަރިންގެ މެދުގައި އޭގެފަހުން ވަނީ ރަނގަޅު އެކުވެރިކަމެއް އުފެދި މިއަދާއި ހަމައަށްވެސް ގާތް ރަހުމަތްތެރިކަން ދަމަހައްޓާފައިކަން ރަވީނާ ފާހަގަކުރެއެވެ. އެކުގައި އެންމެ މަސައްކަތްކުރާ ހިތްވަނީ އަދި އެންމެ ފޭވަރިޓު ހީރޯ އަކީ ކޮބައިތޯ އެހުމުން ރަވީނާ ބުނެފައިވަނީ އޭނާއާއެކު ފިލްމު ކުޅުނު އެންމެންނަކީވެސް އޭނާގެ ފޭވަރިންޓުންކަމަށެވެ. އެގޮތުން ސަލްމާން، ސުނިލް ޝެޓީ، ގޯވިންދާ އަކީ ފޭވަރިޓުން ކަމަށާއި އަދިވެސް އޭނާގެ ގާތް ރަހުމަތްތެރިންކަމުގައި ރަވީނާ ފާހަގަކުރިއެވެ.
ރަވީނާ އަކީ އެދުވަސްވަރު ކާމިޔާބު ބަތަލާއެއް ނަމަވެސް ކެރިއަރުގެ ފުރަތަމަކޮޅު ދިޔައީ އެހާ ފަސޭހަކޮށް ނޫންކަމުގައި އޭނާ ބުނެފައިވެއެވެ. ކެރިއަރުގެ ކުރީކޮޅު ކުޅުނު ފަސް ވަރަކަށް ފިލްމު ފުލުފުލުކުގައި ފުލޮޕުވުމުން ބައެއް މެގަޒިންތަކުން އޭނައަކީ އިންޑަސްޓްރީއަށް ބަދުނަސީބު މީހެއް ގޮތުގައި ލޭބަލްކުރިކަން ރަވީނާ ފާހަގަ ކުރިއެވެ. ނަމަވެސް އެއަށްފަހު އޭނާ ދެން ކުޅުނު ''ދިލްވާލޭ'' އަދި ''މޮހޮރާ'' ކާމިޔާބުވުމުން އެކަން ބަދަލުވެގެން ދިޔައެވެ. ފިލްމުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޕާޓީއެއްގެ ތެރޭގައި އޭނާއަކީ އިންޑަސްޓްރީއަށް ރަނގަޅު ނަސީބެއް ގޮތުގައި ސޯނަމް ރާއީ ފަހަގަކުރި ހިސާބުން، ބަދުނަސީބެއް ކަމަށް ކުރިން ލޭބަލް ކުރި މެގަޒިނުން ރަނގަޅު ނަސީބެއް ކަމަށް ބުނެ އެ ބުނުން ބަދަލުކުރިކަން ރަވީނާ އުފަލާއެކު ފާހަގަކުރިއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން