ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ކޮލިފައިންގެ ގްރޫޕް އޭގައި ރާއްޖޭން ކުޅުނު ތިންވަނަ މެޗުގައި ބަހުރެއިން އަތުންވެސް ބަލިވެއްޖެއެވެ.
ކޮލިފިކޭޝަންގައި މިހާތަނަށް ރާއްޖެއިން ކުޅުނު ތިން މެޗުންވެސް ބަލިވެ، ކޮލިފައިވުމުގެ އުންމީދު މިހާރު ވަނީ ގެއްލިފައެވެ. ފުރަތަަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ރާއްޖެ ބަލިވީ ހަތް ވިކެޓުންނެވެ. ގަތަރުން ދެވަނަ މެޗުގައި ރާއްޖެ ބަލިކުރީ 98 ލަނޑުންނެވެ. އަދި މިއަދު ބަހުރެއިނުން ރާއްޖޭގެ މައްޗަށް ކުރި ހޯދީ ހަތް ވިކެޓުންނެވެ.
ދޯހާގެ ވެސްޓް އެންޑް ޕާކް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗުގެ ޓޮސް ދިމާވުމުން ބަހުރެއިނުން ނިންމީ ފީލްޑްކުރާށެވެ. ރާއްޖެއިން ކުޅެން އަރައި 20 އޯވަރުން ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 88 ލަނޑެވެ.
މެޗުގައި ރާއްޖެ ޓީމުން އެންމެ އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 31 ލަނޑު ހެދި އުމަރު އާދަމާއި 15 ބޯޅައިން 15 ލަނޑު ހަމަކުރި މުހައްމަދު ރިޝްވާނެވެ.
ބަދަލުގައި ކުޅެން އަރައި، ބަހުރެއިނުން ހަތް ވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 93 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. ރާއްޖޭގެ އުކުންތެެރިޔާ ހަސަން އިބްރާހިމް ވަނީ މެޗުގައި ރަނގަޅަށް އުކައި، ދެ ވިކެޓު ނަގައިފައެވެ.
ގްރޫޕް އޭގެ ކޮލިފިކޭޝަން މެޗުތައް ގަތަރުގައި ކުރިއަށް ދާނީ މިމަހުގެ 23 އިން 29 އަށެވެ. ކޮލިފިކޭޝަންގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބަހުރެއިނާއި ކުވައިތުގެ އިތުރުން ގަތަރާއި ސައުދީ އަރަބިއްޔާއެވެ. ރާއްޖެއިން ފުރަތަމަ މެޗުގައި ސައުދީ އަތުން ބަލިވީ ހަތް ވިކެޓުންނެވެ.
އަންނަ އަހަރު ބާއްވާ ޓީ20 ވޯލްޑް ކަޕަށް ކޮލިފައިވާނީ މި ގްރޫޕުން އެންމެ ކުރި ހޯދާ ޓީމެކެވެ. ގްރޫޕް ސްޓޭޖުގައި ދެން ރާއްޖެއިން ކުޅޭނީ ކުވައިތާ ދެކޮޅަށެވެ.
ގައުމީ ކްރިކެޓް ޓީމު
ގައުމީ ކްރިކެޓް ޓީމު
ގައުމީ ކްރިކެޓް ޓީމު