ހޯމްސްޓޭ ޓޫރިޒަމަކީ ރާއްޖޭގެ ރަށްރަށުގައި ހުރި ހާއްސަ ކަންކަމާއި، އެ ރަށްރަށަށް ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަން ޕްރޮމޯޓުކޮށް، ރާއްޖޭގެ ސަގާފަތާއި އެ ރަށްރަށަށް ހާއްސަ އާދަކާދަ ޕްރޮމޯޓުކޮށް ފަތުރުވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިންނާއި ރަށްރަށުގެ ރައްޔިތުންނަށް، ފަތުރުވެރިކަމުގެ އެންމެ ފުރިހަމަ ނަފާ ލިބިގަނެވޭނޭ ފަދަ ނިޒާމެއްގެ މައްޗަށް ބައްޓަން ކޮށްގެން ފަށައިގަންނަން ތައްޔާރުވާ ތަފާތު ވައްތަރެއްގެ ފަތުރުވެރިކަމެކެވެ.

ހޯމްސްޓޭ އަކީ މީހުން ދިރިއުޅޭ ގެއެއްގައި ޓޫރިސްޓަކު އަގުދީގެން ހުންނަ ހުރުމެވެ. އެ ހުންނަ ހުރުމުގައި ގޭތެރޭގެ ވަސީލަތްތަކާއި ގޯތިތެރޭގެ ވަސީލަތްތައް ވެސް އެ ގެއެއްގެ ދިރިއުޅޭ މީހުންނާ އެކު ފަތުރުވެރިޔާއަށް ވެސް ހިއްސާކޮށް އުޅޭ އުޅުމެވެ.

ރާއްޖޭގައި ހޯމް ސްޓޭ ތައާރަފު ކޮށްފައިވާއިރު، އެންމެ ފުރަތަމަ މި ޓުއަރިޒަމް އިޝްތިހާރު ކުރާނެ ރަށަކަށް މ. ދިއްގަރު ކަނޑައަޅާފައިވާ ކަމަށް މީގެ ދުވަސްތަކެއް ކުރިން، ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

ޑރ. މައުސޫމް ވަނީ ގިނަ ރަށްތަކަކަށް މިކަމާ ގުޅިގެން ޒިޔާރަތް ކުރައްވައިފަ އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ދިއްގަރަށް ކުރެއްވި ދަތުރުގައި އެރަށުގައި ހޯމްސްޓޭ ޓުއަރިޒަމް ފުރަތަމަ ފެއްޓުމަށް އެރަށު ކައުންސިލުން އެދުނު ކަމަށެވެ. އެހެން ކަމުން ހޯމްސްޓޭ ޓުއަރިޒަމް ފަށާނެ ފުރަތަމަ ރަށަކަށް އެރަށް ކަނޑައެޅުއްވީ ކަމަށްވެސް ވިދާޅުވި އެވެ.

ހޯމްސްޓޭ ޓުއަރިޒަމް ފަށާ ފުރަތަމަ ރަށަކަށް ދިއްގަރު ވެގެންދިއުމަކީ އެރަށަށް ލިބޭ ބޮޑު ފަހުރެއް ކަމަށް އެރަށު ކައުންސިލް ރައީސް އަހުމަދު ނިޝާން "ވަން" އަށް މިއަދު ވިދާޅުވި އެވެ. އަދި މިހާރު އެރަށުގެ ރައްޔިތުންނާއި ކައުންސިލުން އެކަމަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޝާން ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަމާޒަކީ އެންމެ ފުރަތަމަވެސް 30 ކޮޓަރިން ފެށުން ކަމަށެވެ. އަދި މިކަމުގައި ރަށުގެ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރުވެސް ބައެއް ގެތައް އެބަހުރި ހަމަ މިކަމަށް ދޫކުރަން ތައްޔާރަށް. މީހުން ނޫޅޭ ގެތައްވެސް އެބަހުރި. މީހުން މިހާރު ދިރިއުޅޭ ގެތަކުގެ ކޮޓަރިތައްވެސް ރީތިކޮށް ހަދަމުން އަންނަނީ. ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. ވަރަށް ގިނަ ގޭގެއިން ހޯމް ސްޓޭއަށް ކޮޓަރިތައް ތައްޔާރުކުރަން ފަށާފައިވިޔަސް، ބިން ކުޑަވީމަ މި ރަށުގަ ގޭގެ ކުދި ޖާގަތަކުގައި ކޮޓަރިތައް ހަދާފައިވާތީ ގޮންޖެހުންތަކެއް އެބަހުރި. އެކަމަކު އެ ގޮންޖެހުންތަކަށްވެސް މިދަނީ ހައްލު ހޯދައިދެވޭތޯ މަސައްކަތް ކުރަމުން." އޭނާ ވިދާޅުވި އެވެ.

ނިޝާން ވިދާޅުވީ އެކަމުގެ އިޝްތިހާރުތައް މިހާރު ފަށާފައި ނުވި ނަމަވެސް ކުރިއަށް އޮތްތާނގައި ރަށް ޕްރޮމޯޓުކުރުމަށް އެރަށުގެ މީހުންގެ ތެރެއިން ރިސޯޓުތަކުގެ އުޅޭ މީހުންނާ ގުޅިގެން ކުރަން ފަށާނެ ކަމަށެވެ. އެގޮތުން ރަށުން ޓޫރިސްޓުންނަށް ގިނަ ތަޖުރިބާތަކެއް ލިބޭ ގޮތަށް ޕްރޮމޯޓުކުރަން ވިސްނަމުން އަންނައިރު ރިހާކުރު އުފެއްދުމަށް މަޝްހޫރު ދިއްގަރު "ރިހާކުރު އައިލެންޑު"ޓެގްލައިންގައި އިޝްތިހާރު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހޯމްސްޓޭ އާއެކު ދިއްގަރުގެ އެކި ސިނާއަތްތައް ކުރިއަރައި ތަރައްގީވާނެ ކަމަށެވެ. އެގޮތުން ރަށުގެ ރެސްޓޯރަންޓު ވިޔަފާރި އާއި ފިހާރަތަކުގެ ވިޔަފާރި އާއި ޑައިވިން އާއި މިފަދަ އެތައް ކަމަކަށް ކުރިއެރުން ލިބި ޒުވާނުންނަށް ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމު ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހޯމްސްޓޭ ތައާރަފް ކުރުމަށް ޓުއަރިޒަމް މިނިސްޓަރު ވަނީ ގިނަ އަތޮޅުތަކެއްގެ ރަށް ތަކަކަށް ޒިޔާރަތް ކުރައްވައިފައެވެ. އެގޮތުން މ އަތޮޅާއި، ފ އަތޮޅާއި، ބ އަތޮޅާއި ދ. އަތޮޅުގެ އިތުރުން ހއ، އަދި ހދ އަތޮޅު ހިމެނެެ އެވެ.