ދީނީ އިލްމުވެރިޔާ މުހައްމަދު ހަސަން އަށް ދޫކޮށްފައިވާ ދީނީ ތަގުރީރުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފެހެއްޓީ ގޯސްކޮށް ކަމަށް ނިންމައި، މުހައްމަދު ހަސަން އަށް ދީނީ ތަގުރީރު ކުރުމުގެ ހުއްދަ އަލުން ދިނުމަށް ހައި ކޯޓުން އިސްލާމިކް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފިއެވެ.
ހަސަން މުހައްމަދު، ގދ. ތިނަދޫ، ރެޑްސީއަށް ދޫކޮށްފައިވާ ދީނީ ތަގުރީރު ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފެހެއްޓީ، އޭނާ ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް އޭނާ އަމަލު ކުރަމުންދާ ކަމަށް ބުނެ 2019 ވަނަ އަހަރުއެވެ.
ހުއްދަ ހިފެހެއްޓުމުން ހަސަން މުހައްމަދު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އޭނާގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ، ފިޔަވަޅު އެޅީ ގޯސްކޮށް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އިސްލާމިކް މިނިސްޓްރީން މުހައްމަދު ހަސަނަށް ތުހުމަތު ކުރާ ކަންތައްތަކާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި ލިޔުންތަކުގެ ތެރޭ "މަކްތަބާސަލަފިއްޔާ" ޖަމިއްޔާއަށް ކޮށްފައިވާ ޓުވީޓްތަކެއް ހިމެނެއެވެ. އެ ޓުވީޓް ތަކަކީ މުހައްމަދު ހަސަން ކޮށްފައިވާ ޓުވީޓު ތަކެއް ކަމަށް އޭނާ އިންކާރު ކުރެއެވެ. އެކަމަކު, އިސްލާމިކް މިނިސްޓްރީން ދެކޭ ގޮތުގައި އެއީ އޭނާ ކޮށްފައިވާ ޓުވީޓްތަކެވެ. އެއީ, އެފަދަ އިންޓެލިޖެންސް ރިޕޯޓެއް ލިބިފައިވާތީއެވެ.
އެ މައްސަލަ ބެއްލެވި ގާޒީ އަބްދުالله އަލީ ވިދާޅުވީ "މަކްތަބާސަލަފިއްޔާ" އަކީ މުހައްމަދު ހަސަންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއް ނޫން ކަމާއި އެ ތަނާ އޭނާ ގުޅުމެއް އޮތް ކަމަށް އިސްލާމިކް މިނިސްޓްރީއަށް ސާބިތުކޮށް ދެވިފައި ނުވާ ކަމަށެވެ. އަދި ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ލިޔުންތަކެއް ހިމެނޭ ކަމަށް ބުނެ މުހައްމަދު ހަސަން ކޮށްފައިވާ ދެ ޓުވީޓުގައި ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ އެއްވެސް އިބާރާތެއް ނެތް ކަމަށް ވެސް ގާޒީ އަބްދުالله އަލީ ވިދާޅުވިއެވެ.
މުހައްމަދު ހަސަންގެ ހުއްދަ ހިފަހައްޓާފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ކަމަށާއި، ހުއްދަ ހިފެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވާ އިޖުރާއަތްތައް ގޯސް ކަމަށް ވެސް ގާޒީ އަބްދުالله އަލީ ކަނޑައެޅުއްވިއެވެ.
އެހެންކަމުން 10 ދުވަހުގެ ތެރޭ މުހައްމަދު ހަސަނަށް ދީނީ ތަގުރީރު ކުރުމުގެ ހުއްދަ އަލުން ދިނުމަށާއި ހުއްދަ ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ދައުވާ ވަކިން ހުށަހެޅޭނެ ކަމަށް ވެސް މައްސަލަ ބެއްލެވި ގާޒީ އަބްދުالله އަލީ ވަނީ ނިންމަވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު