ޚަބަރު

ބަންދުގެ މުއްދަތު އިތުރުކުރަން ޖެހޭ ހާލަތެއްގައި ގޭބަންދަށް ބަދަލުކުރުމުން މެޖިސްޓްރޭޓަށް ތަމްރީނު ޕްރޮގްރާމެއް

މުހައްމަދު އިޝާން

ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ތައްޔިބު އިޖުރާތާ ހިލާފަށް އަމުރެއް ނެރުނު ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ތައްޔިބަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ތައްޔިބަށް ފިޔަވަޅު އަޅަން ނިންމީ، އޭނާ ބަލަމުން އަންނަ މައްސަލައެއް ރައްދުވާ ފަރާތެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި ގޭ ބަންދަށް ބަދަލުކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ. ޖޭއޭސްސީން ކުރި ތަހުގީގުން ގޭގައި ބަންދުކުރަން ތައްޔިބު އަމުރު ކުރީ އިޖުރާތާ ހިލާފަށް ކަން ސާބިތުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ތައްޔިބުގެ އެ އަމަލަކީީ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ ޖޭއެސްސީން ނިންމީ އޭނާ އަށް ނަސޭހަތް ދިނުމާއެކު ތަމްރީނު ޕްރޮގްރާމެއް ހެދުމަށް އެންގުމަށެވެ. އެގޮތަށް ނިންމީ ސެޕްޓެމްބަރު މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 74 ވަނަ ބައްދަލުވުމުގައެވެ.

ޖޭއެސްސީން ތައްޔިބުއާ ގުޅޭ ޝަކުވާއެއް ބަލަން ފެށީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓު އަހުމަދު އަކްރަމުގެ މައްސަލައެއް ވެސް ބަލަން ފެށިއެވެ.

އަކްރަމުއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން އަންނަނީ، އޭނާ ހުކުމް ކުރެއްވި މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓު ދޫކުރިފަހުން އެ ރިޕޯޓަށް ބަދަލު ގެނެސް ބައެއް ނުކުތާތައް އިތުރުކުރިކަމަށް ބުނާ މައްސަލައެކެވެ.