ބޮލީވުޑުގައި ޒަމާންތަކެއް ވަންދެން ނެގެޓިވް އަދި ކޮމެޑީ ރޯލުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދަމުން އަންނަ ޕަރޭޝް ރަވަލް އޭނާގެ އަންހެނުންނާ ކައިވެނިކުރެވުނު ގޮތުގެ ވާހަކަތައް ހިއްސާކޮށްފިއެވެ.

އިންޑަސްޓްރީގެ ހަބަރުތައް ގެނެސްދޭ ބޮލީވުޑް ބަބްލް އަށް ދިން އިންޓަވިއުއެއްގައި ޕަރޭޝް އެވާހަކަތައް ކިޔައިދީފައިވާއިރު އޭނާގެ ވާހަކަ ބޮލީވުޑުގެ ފިލްމީ ޑަޔަލޮގަކަށް ވަކި ދުލެއް ނުކުރެއެވެ.

ޕަރޭޝް ކިޔައިދީފައިވާ ގޮތުގައި އަންހެނުން ސްވަރޫޕް ފުރަތަމަ ފެނުމުންވެސް އޭނާއަށް ހިތް ކިޔެވެ. އަދި ގާތް ރަހުމަތްތެރިޔާ މަހޭޝް ގާތު އޭނާ އިންނާނީ އެ ކުއްޖާ އާ ކަމަށް ބުނިކަމަށް ޕަރޭޝް ބުނެއެވެ. ''މަހޭޝް ބުނި ''ކަލެއަށް އެނގޭހޭ އެއީ ކާކުގެ ދަރިއެއްކަން؟ އެއީ ބޮސް ގެ ދަރިފުޅޭ'' އަހަރެން ބުނިން އެއީ ކޮންމެ މީހެއްގެ ދަރިއަކަސް، މަންމައަކަސް އަންބަކަސް އަހަރެން އިންނާނީ ހަމަ އޭނަޔާއޭ'' ޕަރޭޝް ކިޔައިދީފައިވެއެވެ.

ޕަރޭޝް ބުނީ އޭނާ ސްވަރޫޕު ގާތުގައި އިންނަން އެހީ 1975 ވަނަ އަހަރުގައި ކަމަށާއި ނަމަވެސް ކައިވެނި ކުރެވުނީ 1987 ވަނަ އަހަރުގައެވެ. ''ރައްޓެހިވުމަށް ފަހު އަހަރެން ބުނިން އަހަރެން އިންނަން ބޭނުމޭ، އަދި ދެމީހުން ދަސްވަންދެން މަޑުކުރަން ހިނގާށޭ ނުބުނައްޗޭ. މަރުވަންދެން އެކުގައި ކިތަންމެ އަހަރެއް ހޭދަކުރިއަސް މީހަކު ދަހެއް ނުވާނޭ އަހަރެން ބުނިން'' ޕަރޭޝް ފާހަގަކުރިގޮތުގައި އޭނާ އެހެން ބުނި ނަމަވެސް ދެމީހުންނަށް ކައިވެނި ކުރެވުނީ ރައްޓެހިވެގެން 12 އަހަރު އުޅުމަށް ފަހުގައެވެ.

ކުރީގެ މިސް އިންޑިއާ ސްވަރޫޕް އާއި ޕަރޭޝް 1987 ވަނަ އަހަރު ކައިވެނިކޮށް އާއިލާއާ ގާތް ރަހުމަތްތެރިންނާއެކު ކައިވެނީގެ ހަފުލާއެއް ބޭއްވިއެވެ. ނަމަވެސް އެ ކައިވެނީގެ މޮޅުކަމަކީ އެކަން ގިނަ ބަޔަކަށް އޭރު އެނގިފައި ނުވާކަން ކަމުގައި ޕަރޭޝް އަދި ސްވަރޫޕު ފާހަގަކުރެއެވެ.

ޕަރޭޝް ރާވަލް އަދި ސްވަރޫޕަށް ވަނީ ދެ ފިރިހެން ކުދިން ކަމަށްވާ އަނިރޫދް ރަވަލް އަދި އަދިތުޔާ ރަވަލް ލިބިފައެވެ.