ޖަޕާނުގެ އަމީރާ މާކޯ އެކަމަނާގެ ޒަމާންވީ ލޯބިވެރިޔާ ކެއި ކޮމުރޯ އާއި މީގެ ހަތަރު އަހަރުކުރިން އެންގޭޖު ވެގެން އުޅުއްވުމަށްފަހު އިއްޔެ ވަނީ ކައިވެނިފުޅު ބައްލަވައިގެންފައެވެ.

އެކަމަނާ އާދައިގެ ބޭފުޅަކާ ކައިވެނިފުޅު ބައްލަވައިގަތުމުން ޖަޕާނުގެ ޝާހީ ހައިސިއްޔަތުން ވަނީ ރަސްމީކޮށް އުނިކުރެވިފައެވެ. ދެ ބޭފުޅުންވެސް އުމުރުފުޅުން 30 އަހަރުގައި އިއްޔެ ކައިވެނިކުރައްވާފައިވާއިރު އެ ގުޅުމާ ގުޅިގެން މާކޯ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހުރަސްތަކުގެ ސަބަބުން އެކަމަނާއަށް ނަފުސާނީ މައްސަލަތަކާ ދިމާވެ ޕޯސްޓު ޓުރޮމެޓިކް ޑިސްއޯޑާ (ޕީޓީއެސްޑީ) އަށް ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ.

މާކޯ ލޯބީގެ ގޮތުން ގުޅިވަޑައިގަތީ އެކުގައި ކިޔަވާވިދާޅުވި ބައިވެރިޔާއާ އެވެ. އެ ގުޅުމަށް އާއްމުންގެ ގިނަ ބަޔަކު ތާއީދުކުރި ނަމަވެސް ކަންކަން ބަދަލުވެގެން ދިޔައީ ކޮމުރޯގެ މަންމަގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ކުރެވިގެން ދިއުމުންނެވެ. އެކަމާ ގުޅިގެން ކައިވެނިކުރުން ފަސް ކުރައްވައި ކޮމުރާ ވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވުމަށް 2018 ވަނަ އަހަރު ޖަޕާނު ދޫކުރައްވައި ނިއު ޔޯކަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފައެވެ. އަދި ޖަޕާނަށް އެނބުރި ވަޑައިގެންފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އިއްޔެ މި ދެބޭފުޅުން ކައިވެނިފުޅު ބައްލަވައިގެންފައިވަނީ އިމްޕީރިއަލް ހައުސްހޯލްޑް އޭޖެންސީ (އައިއެޗްއޭ) ގެ އޮފިޝަލެއްގެ ހާޒިރުގައެވެ. އައިއެޗްއޭ އަކީ ޖަޕާނުގެ ޝާހީ އާއިލާގެ ކަންކަން ބެލެހެއްޓެވުމުގެ ޒިއްމާ އަދާކުރާ އޭޖެންސީއެކެވެ. އެ އޭޖެންސީން ޝާހީ އާއިލާ ތެރޭގައި ކުރެވޭ ކައިވެނިތަކުގެ ލިޔެކިޔުންތައް ހުށަހެޅުމާއި ކައިވެނީގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ޒިއްމާ އަދާކުރެއެވެ.

ޖަޕާނުގެ ގާނޫނުގެ ދަށުން ޝާހީ އާއިލާ އަށް ނިސްބަތްވެވަޑައިގަންނަވާ އަންހެން ބޭކަނބަލަކު އާދައިގެ މީހަކާ ކައިވެނިކުރެއްވުމުން ޝާހީ ހައިސިއްޔަތު ގެއްލި، އާއްމު ރައްޔިތަކަށް ބަދަލުވެދެއެވެ. އަދި އެ ހާލަތުގައި ޝާހީ ހައިސިއްޔަތުން ދުރުކުރެވުނު ފަރާތަށް 1.3 މިލިއަން ޑޮލަރުގެ ފައިސާ ހަވާލުކުރައްވައެވެ. ނަމަވެސް މާކޯ ވަނީ މިފައިސާ ހޯދުމަށް އިންކާރުކުރައްވާފައެވެ.

މާކޯ އިއްޔެ ކައިވެނިފުޅު ބައްލަވައިގެން އެކަމަނާގެ އާއިލާއަށް ވަދާއީ ސަލާން ކުރެއްވިއިރު، އެކަމަނާގެ މަންމަ ކަރުނަ ހިފެހެއްޓެވުމަށް މަސައްކަތްކުރެއްވިތަން ފެނިގެން ދިޔައެވެ. އަދި މާކޯގެ ކޮއްކޯފުޅު 26 އަހަރުގެ ކާކޯ ވަނީ އެކަމަނާއަށް ވަދާއީ ސަލާމް ވިދާޅުވެފަ އެވެ.