މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުގައި ހުރި އޮލެ ގުނަ ސޮލްޝެއާ އެ މަގާމުން ވަކި ކުރުމަށް ކްލަބުގެ ބޯޑުން މަޝްވަރާ ކުރާ ކަމަށް ހަބަރުތައް ބުނެފިއެވެ.

2018 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ސޮލްޝެއާ އަށް ކްލަބުގެ ކޯޗުގެ މަގާމުގައި ހުރުމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެންމެ ފަހުން ޔުނައިޓެޑުން ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ޔުނައިޓެޑަށް މޮޅެއް ނުލިބެއެވެ.

ސޮލްޝެއާ އަށް އެންމެ ބޮޑަށް ޕްރެޝަރު ވެގެން ދިޔައީ މި ހަފުތާ ތެރޭގައި ލިވަޕޫލް އަތުން ބަލިވި ބަލިވުމުގެ ސަބަބުންނެވެ. ޔުނައިޓެޑުން މީގެ ކުރިން ސޯލްޝެއާ އަށް އިތުބާރު އޮތް ކަމަށް ބުނެފައިވީ ނަަމަވެސް އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން 5-0 އިން ބަލިވުމާއެކު ޔުނައިޓެޑުގެ ބޯޑުން ވަނީ މަޝްވަރާތައް ފަށާފައެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑުގެ ބޯޑުން ވަނީ އެތެރޭގެ ބައްދަލުވުންތަކެއް ބާއްވައިފައެވެ. ކްލަބުގެ މެނޭޖިން ޑިރެކްޓަރު ރިޗާޑް އާނޯލްޑް އިއްޔެ ހޭދަކުރީ ޔުނައިޓެޑްގެ ބައްދަލުވުންތަކުގައި ކަމަށް ނޫސްވެރިން ކަށަވަރު ކޮށްދީފައިވާއިރު، ހަބަރުތައް ބުނެފައި ވަނީ އޭނާ ޔުނައިޓެޑްގެ ވެރިން ކަމަށްވާ ގްލޭޒާސް އާއިލާއާއެކުވެސް ބައްދަލުވުންތައް ބޭއްވި ކަމަށެވެ. އެ ބައްދަލުވުންތަކުގައި އަދި ވަކި ގޮތެއް ނުނިމި އޮތް ނަމަވެސް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔުނައިޓެޑުން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ސޮލްޝެއާ އެ މަގާމުން ފޮނުވާލައިފިނަމަ ދެން އެމަގާމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެމުންދާ ދެ ކޯޗުންނަކީ މިވަގުތު ހުސްކޮށް ތިބި ޒައިނުއްދީން ޒިދާން އާއި އެންޓޯނިއޯ ކޮންޓޭ އެވެ. އޭގެ ތެރެއިން ޒިދާން އަދި ބުނަނީ ޔުނައިޓެޑާ ހަވާލުވުމަށް ޝައުގުވެރިކަން ނެތް ކަމަށެވެ. އެހެން ނަމަވެސް ހަބަރުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑުގެ މަގާމަށް ކޮންޓޭ ހުރީ ތައްޔާރަށެވެ.

ކޮންޓޭ ޔުނައިޓެޑަށް ދާން މަސައްކަތް ކުރާ ކަމަށް އިޓަލީގެ ޖިއާންލޫކާ ޑި މާޒިއޯއިން ރިޕޯޓު ކޮށްފައިވާއިރު، އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ ރަސްމީ ބިޑެއް ނެތް ނަމަވެސް ކޮންޓޭގެ ޝައުގު ޔުނައިޓެޑަށް ހުރި ކަމަށެވެ. އެހެން ކަމުން މިއަދު ނޫނީ މާދަމާގެ ވަގުތެއްގައިވެސް ޔުނައިޓެޑުން ކޮންޓޭ އަށް ހުށަހެޅުމެއް ހުށަހަޅާނެ ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.