ފެންފުޅި ހިފައިގެން ފާހަނާ ކައިރިއަށް ގޮސް ޝައުފާ، ޝާމިނަށް ގޮވަން ކަމަށް ހީކޮށްލިއެވެ. އެހެންނަމަވެސް އެވަގުތު ފެނުނު މަންޒަރު އޭނާގެ ހުރިހާ ހިއްސެއް ގަޑުކޮށްލި ކަހަލައެވެ.
ހޮސްޕިޓަލުގެ މަސައްކަތު މީހަކު ފާހަނާގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ. އަދި ދެން އިވުނީ ފާހަނާގެ ދޮރު ލައްޕައި ތަޅުލި އަޑެވެ. ފާހަނާގެ ތެރޭގައި އިތުރު މީހަކު ހުރިނަމަ އެގޮތަށް އެހެން މީހަކު ފާހަނާއަށް ވަދެ ދޮރު ލައްޕައި ތަޅުނުލާނެތާއެވެ. އެތެރޭގައި ޝާމިން ނެތްކަން ޔަގީންވުމުން ޝައުފާގެ ހަތަރެސްފައިން ވަރު ދޫވެގެން ދިޔަ ކަހަލައެވެ.
ޔާރައްބީ… އަސްތަޣްފިރުالله…
ޝާމިންގެ ހާލު ނުލާހިކު ދެރައެވެ. އެކަމަކު އެހާލުގައި ޝާމިން އެކަނިމާ އެކަނި ނުކުމެގެން ދިޔައީ ކޮންތަނަކަށް ހެއްޔެވެ.
ޑޮކްޓަރުން ދަންނަވާފައިވާ ގޮތުންނަމަ ޝާމިނަށް ހިނގާކަށްވެސް ފަސޭހައެއް ނުވާނެއެވެ. އަދި އެއީ ބުއްދިވެރި ކަމެއްވެސް ނޫނެވެ. ސަބަބަކީ ޝާމިންގެ ފުއްޕާމޭ ބަލިކަށިވެފައި ވުމާއި ނޭވާލުމަށް އުދަގޫވެފައިވާތީއެވެ. އެގޮތަށް އެކަނި އެއްވެސް އެހީތެރިއަކާ ނުލައި ހިނގާފައި ދަނިކޮށް ޝާމިނަށް ކޮންމެ ފަދަ ކަމެއްވެސް ދިމާވެދާނެއެވެ. އަނެއްކޮޅުން އެދިޔައީ ހޮސްޕޮޓަލުގެ ކުއްލިފަރުވާ ދޭ ތަނުގައި އެނދުމަތި ކުރެވިފައި ވަނިކޮށް އެތަނުގެ ހުއްދައަކާވެސް ނުލައެވެ. ހޮސްޕިޓަލުގެ މެނޭޖްމަންޓުން މިކަން ކުށްވެރި ނުކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އަނެއްކޮޅުން މިކަމަށް ޖަވާބުދާރީ ވާންވެސް ޖެހޭނީ އޭނާއެވެ.
މާތްކަލާކޯއެވެ. ދެރަވާ ވަރަށް ލަދުވެސް ގަނެއެވެ. ހަދާނީވެސް ކިހިނެއް ހެއްޔެވެ.
އެންމެފަހުން އިރުކޮޅަކު އެގޮތަށް ހުއްޓިހުރުމަށްފަހު ޝައުފާ ގޮސް ނަރުހުންނާއި ޑޮކްޓަރުން ތިބޭ ސްޓޭޝަން ކައިރިއަށް މަޑުކޮށްލިއެވެ.
"މިމީ. .ހައެއްކަ ގަޑިއިރު ކުރިން ގެނެސް ފަންސަވީސް ވަނަ އެނދުގައި ބޭއްވި ބަލިމީހާ… ކުއްލިއަކަށް ގެއަށް ދާން ޖެހިގެން ގޮއްފި… އެކަމާ ވަރަށް ބޮޑަށް މައާފަށް އެދެން… ލާމާގަ ސޮއިވެސް ނުކުރޭ…"
ނަރުހުންނާއި ޑޮކްޓަރުން އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު އާދައިގެ ގޮތަކަށް، އެއް ނަރުހަކު ޝައުފާއާ މުހާތަބުކޮށް ވާހަކަދެއްކިއެވެ.
"އެގޮތަށް ހޮސްޕިޓަލުގައި ބާއްވާފައި އޮއްވައި ނުކުމެގެން ދިއުމަކީ ވަރަށް ބޮޑަށް މަނާކޮށްފައި އޮންނަ ކަމެއް… އެއީ ބަލިމީހާގެ ފުރާނައަށް ގެއްލުންވުން ކަހަލަ ކަމެއް ވެދާނެތީ… އެކަމަކުވެސް... މިފަހަރު ތިކަމުގައި ދެން ކުރެވޭނެ ކަމެއް ނެތެއްނު… ދެންވެސް ޕޭޝަންޓް އިތުރަށް ހާލު ދެރަވެ ކަހަލަ ކަމެއް ވެއްޖެނަމަ ވީހާވެސް އަވަހަށް ހޮސްޕިޓަލަށް ގެނެވޭތޯބަލާ… ކިތަންމެ ގިނައިން އަޔަސް… ކިތަންމެ ގިނައިން ޕޭޝަންޓް ރިޖެކްޓް ކުރިއަސް އަޅުގަނޑުމެން ގިވްއަޕެއް ނުކުރާނަން…!!!"
ޝައުފާ ޝުކުރު އަދާ ކުރުމަށް ފަހު ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގޮސް އިމަޖެންސީ ރޫމުން ބޭރަށް ނުކުމެއްޖެއެވެ.
ހޮސްޕިޓަލުން ނުކުމެގެން ލޮލަށް އަވިއައިނު ހެޔޮވަރުކޮށްލުމަށްފަހު ޓެކްސީއެއް ހުއްޓުވިއެވެ. ޓެކްސީއަށް އަރައި ގޭގެ އެޑްރެސް ބުނެލުމާ އެކު، ޝައުފާ އޭނާއިން ސީޓުގައި ލެނގިލައި ލޯމަރާލީ ސިކުނޑިއަށް އިހުސާސް ކުރެވެމުން ދިޔަ ވަރުބަލިކަމާއި ލޮޑުކަން ދުރުކުރެވޭތޯއެވެ.
ކޮޓަރީގެ ފާހަނާއިން ނުކުމެ، ދެއިނގިލި ދޭތެރޭ ހުލިވަމުން ދިޔަ ސިނގިރޭޓް، ތުބުގައި ޖަހައި ދިގުކޮށް ދަމާލަމުން ޝާމިން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެނޭވާއާއެކު ކޮޓަރީގެ ޖައްވުގައި ދުމުގެ ވިލާގަނޑެއް ހެދިގެން ދިޔައެވެ. އިރުކޮޅެއް ކުރިން ހަށިގަޑުގައި އަޅަމުން ދިޔަ ކެތްނުކުރެވޭފަދަ ވޭނަށް ލުޔެއް ހޯދަން އޭނާ ފާހަނާއަށް ވަނީ ބޭނުންވާ ސާމާނު ހަމަކޮށްގެން އައިހެވެ. ކޮޓަރިއަށް ވަދެވުނުއިރު އޭނާގެ އެތެރެހަށި ހީވީ ފުޑުފުޑު ވާހެނެވެ.
ކޮޓަރީގެ ދޮރު ތަޅުލެވުނީ ހަމަ ކިރިޔާއެވެ. އޯކަށް ދެމުމާއެކު ހޮޑު ލެވުނީ ހިފަހައްޓައިގެން ހުރުމާއެކުވެސް އިހުތިޔާރުން ބޭރުވެ، ފާހަނާއާ ހަމައަށްވެސް ނުދެވެނީހެވެ. ކުރިންވެސް އެތައް ފަހަރަކު ހޮޑު ލެވިލެވި އެތެރެހަށީގައި (ގޮހޮރުގައި) އެއްވެސް ކާއެއްޗެއް ނެތުމާއެކު، ހޮޑަށް ލެވުނީ ފެހިކުލައިގެ ދަވަ އާއި ލޭގެ ގަޑުއެތިކޮޅުތަކެކެވެ. އޭނާގެ ބައްޔަށް ބޭނުންވާ ބޭސް ލިބުނީވެސް އެހާ ހާލުންނެވެ.
މިދުވަސްވަރު މާލެތެރޭގައި އެ ތަކެތީގެ ވިޔަފާރި އޮތީ ވަރަށް ތާށިވެ ދަތިވެފައެވެ. އެހެންކަމުން ބޭނުންވާ ވަރަށް ލިބެނީ އެހާ ގިނަ ފައިސާ ހަރަދުކޮށްގެނެވެ. ފުލުހުންގެ ޓީމްތައް ދުވަހެއް ދުވަހަކަށް ހުށިޔާރުވެ މަގުތަކާއި ދޮރާށިތައް ބަންދު ކުރެވޭތޯ ކުރާ މަސައްކަތް ކިތަންމެހާވެސް ކާމިޔާބެވެ. އެހެންނަމަވެސް އަދިވެސް އެކަން ކުރާ މީހުން އާގޮތްތައް އީޖާދުކޮށްގެން ވިޔަފާރީގެ ބޮޅުތައް އިތުރު ކުރަމުންދެއެވެ.
އެނދުގައި އިށީނދެ ހުލިވެފައި އޮތް ސިގިރޭޓް ފިލްޓަރު އަޅިކެޑިއަށް ވައްޓާލި ވަގުތު، ޝާމިންގެ ސަމާލުކަން ދަމައިގަތީ އެނދުމަތީ އޮތް އޭނާގެ ފޯންގެ ރިންގު ވުމުގެ އަޑެވެ. ރިންގްޓޯންގެ އަޑު ޖެހުމާއެކު އެއީ ކާކުކަން އޭނާއަށް އެނގިއްޖެއެވެ. އެފޯނަށް ޖަވާބުދޭނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އެއޯގާތެރި ނުހަނު ހިތްހެޔޮ މައުސޫމު އަންހެން މީހާއަށް އޭނާގެ ވިޔާނުދާ ގޮތެއް ނެތް އާވާރާ ސިފަ ފަޅާ އެރި ފަހުން އޭނާ އެއުޅެނީ ފިލަފިލައިގެނެވެ. އެކަމަކު…
އެންމެފަހުން ޝައުފާ އާދޭހުން ފުރިގެންވާ މެސެޖެއް ފޮނުވުމުން ޝާމިނަކަށް އިތުރަށް ފޯނަށް ޖަވާބު ނުދީ އިންނާކަށް ނުކެރުނެވެ. އެންމެ ފުރަތަމަވެސް އޭނަ މައާފަށް އެދުނެވެ. އަދި އޭނާއަށް މަޖުބޫރުވާ ގޮތާއި ސަބަބު ކިޔައިދިނެވެ.
ޝައުފާ ދިން ހިޔާލަށް އެއްހާހުން ތާއީދު ކުރާވަރުވެއެވެ.
އެއީ ކިތަންމެހާވެސް ރަނގަޅު ވާހަކައެކެވެ. އޭނާ އުފާވެއްޖެއެވެ. ވަޒީފާ ނުގެއްލި މުޖުތަމައުގައި ފަލީހަތްނުވެ އޭނާއަށް މިއަޅުވެތިކަމުން މިންޖުވެވިދާނެއެވެ. ޝައުފާއަކީ ކިހާ ވިސްނުން ރަނގަޅު އަންހެނެއް ހެއްޔެވެ. އޭނާ ހިތާހިތުން ޝައުފާއަށް ތައުރީފު ކުރިއެވެ. އަދި ހިތުގެ އަޑިން ޝުކުރު އަދާކުރިއެވެ.
އޮފީހުން ދެހަފުތާގެ ޗުއްޓީއެއް ނަގައިގެން ފުރުމުގެ ތައްޔާރީތައް ޝާމިން ވާން ފެށީ މަންމަ ކުރާނެ ސުވާލަށް ދޭނެ ޖަވާބު ކިތަންމެހާވެސް ރަނގަޅަށް ތައްޔާރުކޮށްގެނެވެ. މަންމަ ރުއްސުމަށް މާގިނަ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. ނަސީބު ރަނގަޅުކަމުން ވަރަށް ފަސޭހައިން މަންމަ ރުއްސާލެވިއްޖެއެވެ.
"ޝާމިންއަށް ވާނެ… ދެހަފުތާ ފަހުން އަންނަ އާދީއްތަ ދުވަހު ހެނދުނު އެއާޕޯޓްގެ ރަންވޭއަށް ތިރި ކުރާ ފްލައިޓުން… ފައިބައިގެން އަންނަން ވާނީ … މުޅީން އާ މުޅީން ތަފާތު… ޝާމިން ސައީދު އެއް… އަ ހޯލް ބްރޭންޑް ނިއު… ޝާމިން ސައީދު އެއް… މިވަގުތުން ފެށިގެން މުސްކުޅި ޝާމިން ސައީދު މަރުވެގެން ވަޅުލާ ޖަނާޒާ ބޭއްވުނުކަން ހަނދާން ބަހައްޓާތި… ޕްރޮމިސް މީ… އެންޑް ރިމެމްބާ… އިޓްސް އަ ޕްރޮމިސް ޓު ޔުއާ ޑެޑީ… ޔުއާނާ ހަނދާން ނައްތާލާށޭ ޝައު ނުބުނާނަން… އެހެނީ ހަނދާނަކީ ކޮންމެ މީހެއްގެވެސް އަމިއްލަ މިލްކިއްޔާތުގައިވާ އަމިއްލަ އެއްޗެއް… ހަނދާން ނައްތާލާށޭ ނުބުނާނަން… އެކަމަކު އެހަނދާނުގެ ސަބަބުން ކަތި ފިޔަވަޅު ނާޅާ ވާނެ ގޮތަކަށް އެހަނދާންތައް ރައްކާކޮށްލާށޭ ބުނަން… ސަބަބަކީ ޝާމިންގެ ކުރިނަގު އަލިވެ އުޖާލާ ވާން އޮތީ ޔުއާނާއާއި ވަކިން… ޝީ ޑޯންޓް ޑިޒާވް ޔޫ… ޔުއާނާއަކަށް ތިޝާމިން ހައްގެއް ނޫން… އަދި ޝާމިންއަކަށްވެސް އެކަހަލަ ދެފުށް ދެގޮތް ކެހިވެރި ޔުއާނާއެއް ހައްގެއް ނޫން… މައި ޕްރިޝިއަސް ޕްރިންސް ޝާމިން… ޝައު އިންތިޒާރު ކުރާނަން… ބޮޑު ސަޕްރައިޒެއްވެސް އޮންނާނެ…."
ޝާމިންގެ ދަތުރު އެރެހެއްޓުމަށް ހުޅުލެއަށް ދިޔަ ޝައުފާ އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރެ ވައުދު ކުރުވިއެވެ.
ޝާމިން ވައުދުވިއެވެ. ބެންގަލޯގެ ރިހެބިލިޓޭޝަން ސެންޓަރެއްގައި ޑިޓޮކްސިފައި ވާން ދިއުމަށް އެއްބަސްވުމުން، އެތަނަށް ދިއުމުގެ ހުރިހާ ކަމެއް ހަމަޖައްސައި ލިޔެކިޔުންތައް ފުރިހަމަކޮށް ފުރުމުގެ ހުރިހާ ކަމެއްހެން ނިންމީ ހަމަ ޝައުފާއެވެ. އެއީ ހުރިހާ ގޮތަކުންވެސް އޯގާތެރި ރަހުމަތްތެރިއެކެވެ.
"މިއަދު ޑެޑީ ދުނިޔޭގައި ހުންނެވިނަމަ ޝައުއާ ބައްދަލުވެ ވަރަށް ބައިވަރު ލޯބިދިނީސް… ތިކަހަލަ ކުދިންދެކެ ޑެޑީ ވަރަށް ލޯބިވެލައްވާނެ…"
ޝައުފާއަށްޓަކައި އެއީ ވަރަށް ހާއްސަ އެހާމެ އުފާވެރި ބަސްތަކެކެވެ. އޭނާ ޝާމިނަށް އެގޮތަށް އަޅާލައި އޯގާތެރި ވަނީ ހެޔޮހިތުންނެވެ. އެއްވެސް އެދުމެއް އެއްވެސް މުހުތާދެއް އޮވެގެނެއް ނޫނެވެ. އެކަމަކު ޔަތީމުކަމަކީ ކިހާވަރެއްގެ ހިތްދަތި ހިތާމައެއްކަން އިހުސާސްކުރެވޭތީއެވެ. އަދި ޝާމިންފަދަ ޒުވާނަކު އެގޮތަށް ގެއްލިދާން ނޭދޭތީއެވެ. ޝާމިން ހެޔޮ މަގަށް ނުކުތުމަށް ހިތްވަރު ކުރާތީވެސްމެއެވެ.
"ޑެޑީގެ ލާޑްލާއަށް އަބަދުވެސް ހެޔޮކޮށް ހިތާނަމޭ… ޕްރޮމިސް ހިމް… ވިލް ނެވާ ލީވްޔޫ… ހެޔޮ ޝާމިން އެއްޗިހި ކިޔާ ރުޅި އަޔަސް… ފަހަތަކުން ނުފިލާނެ މިއެކުވެރިޔާއެއް…. މަރުވިޔަސް ހެޔޮދުއާއެއް ހެން ތާއަބަދު ފަހަތުން ހިޔަނިހެން އުޅޭނެ..."
"އަމުދުން ޝައު ފައްސައި ފޮނުވާލަން އުޅެނީ ކާކު…؟ ދުވަހެއްގައިވެސް ޝައުއާ ވަކިވުމުގެ އެއްވެސް ހިޔާލެއް ނެތް… ނުވެސް އަންނާނެ އެކަހަލަ ވިސްނުމެއް…"
"ކޮންމެވެސް ދުވަހަކުން ކޮންމެވެސް ކަމަކާހެދި ވަކިވާން ޖެހިއްޖެނަމަ…"
"ތީ މުޅީން ބޭކާރު ވާހަކައެއް… އަމުދުން މިފަދަ ދުވަހެއްގެ… މިފަދަ ގަޑިއެއްގައި…" ޝައުފާގެ އަތުގައި ހިފައި ސަލާމްކޮށްލަމުން ޝާމިން ފަހުގެ ދެތިން ޖުމްލަ ބުނެލިއެވެ.
"ބަސް އަހައިގެން ކައިގެން ރެސްޓްކޮށްގެން… ވަރަށް ހެޕީކޮށް އުޅެންވާނީ… ބަރާބަރަށް ގުޅައި ހަބަރު ވާނަން… އަންނަ ދުވަހުން އެންމެ ފުރަތަމަ ދެކެން ބޭނުމީ ތި ސްމައިލް… އޮކީޑުކީޑުކީ…!!"
ތަނަވަސް ސިޓިންރޫމްގެ މޭޒުގެ އެއް ފަރާތުގައި ހުރި ގޮޑިއެއްގައި މަޑު ފިޔާތޮށިކުލައެއްގެ ފްރޮކެއްގައި އިން ވަށް ބޯޅައެއް ކަހަލަ ކުޑަ އަންހެނަކުއްޖާ އޭނާގެ އަތުގައި އޮތް ބާބީ ފަންސުރު އަނބުރަމުން ބޮޑު ދޮރާ ދިމާއަށް ކަނދުރާ ދަމަދަމާފައި ބަލަމުން ގެންދިޔައެވެ. ހީވާ ގޮތުން އޭނާ އެއިނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ