ހަ މީހަކު ޕޮޒިޓިވްވެ ށ. މަރޮށި މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެރަށު ހެލްތު ސެންޓަރު ހިންގުމާ ހަވާލުވެހުންނެވި ރުޝްދާ މުހައްމަދު މިއަދު "ވަން" އަށް އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އަލާމާތްތައް ހުރެގެން މިދިޔަ ބުރާސްފަތި ދުވަހު އެރަށު ހެލްތު ސެންޓަރަށް ދެއްކި މީހެއް ކަމަށެވެ.

އޭނާގެ ކޮންޓެކްޓުންގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުން އިތުރު ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި ޕޮޒިޓިވްވެފައިވަނީ އެމީހާގެ އާއިލާގެ ފަސް މީހުން ކަމަށެވެ. އެ ކޭސްތަކާ ގުޅިގެން އެރަށް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ރުޝްދާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހަ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 70 މީހުން މިހާރު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ސާމްޕަލް ނެގުމުގެ ކަންކަން ރަށުގައި ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ރަށް މޮނީޓަރިންގެ ހާލަތަށް ގެނެވުމާއެކު ފިޔަވަޅުތައް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން އެއްވެ އުޅުން މަނާކޮށް، ޒަރޫރީ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށްވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަރޮށި ވަނީ މީގެ ކުރިންވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އެފަހަރު މޮނީޓަރިންގެ ހާލަތަށް ގެނައީ ޅ. ނައިފަރުން މަރޮށްޓަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.