2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި، އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ފެނިގެން ހިނގައިދާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދމް ޝާރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން ސާވިސްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގައި ވަރަށް ގިނަ ވުޒާރާ ތަކާއި ގިނަ މުއައްސަސާތަކެއް ހުރި އިރުވެސް އަދި، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބެވި އިރުވެސް އަބުދުﷲ ޝާހިދު ފަދަ ނުފޫޒު ގަދަ ބާރު ގަދަ ބޭފުޅެއް ނެތް ކަމަށެވެ. އަދި ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވައިގެން ވެސް ބޭނުންވާ މަގުސަދު ހާސިލު ކުރައްވަން އެވަރުގެ ބޭފުޅަކު ރާއްޖެއިން ފެންނަން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަ ހައިރާން ވޭ، އަބުދުﷲ ޝާހިދަށް މަރުހަބާ ދަންނަވަންވެސް ބޭނުން ވޭ، މިއަދު އެމްޑީޕީގައި ހުންނަވައިގެން ވަރަށް ބޮޑެތި ކާމިޔާބުތައް ހާސިލު ކުރައްވަމުން އެ ގެންދަވަނީ، މިއަދު އދ. ގެ އާއްމު މަޖިލީހުގެ ރައީސަކަށް ހުންނެވުމަކީ އެމަނިކުފާނުގެ ކުޅަދާނަކަން، ގާބިލުކަން އެއީ މި ސަރަހައްދުގެ ގައުމުތަކާއި ނުވަތަ އެހެން ގައުމުތަކާއެކުގައި ހެއްދެވި ޑީލެއްގެ ދަށުން ކަމަށްވިޔަސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކޮންމެ އެއްޗެއް ވިސްނައިދީގެން ވިޔަސް މި ތިއްބެވި 65 މެންބަރުންނާ އެކުގައި އެ މެންބަރުންނަށް އެ ވިސްނަވައިދެއްވާ ގޮތަކަށް ވިސްނަވައިދެއްވައިގެން ވެސް ހަމަ ޔަގީނުން ވެސް އަޅުގަނޑަށް ފެންނަން އޮތް މަންޒަރަކީ މިއަދު ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ ޝާހިދު،" ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް ޝަރީފް ވަނީ ޝާހިދު ފޮރިން މިނިސްޓްރީ ހިންގަވާ ގޮތާ މެދު ފާޑު ވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވީ، މިދިޔަ ހަފުތާގެ ތެރޭގައި އޮސްޓްރޭލިއާގެ މިނިސްޓަރަކު ރާއްޖެ ވަޑައިގަތުމުން، ފޮރިން މިނިސްޓަރުގެ ބަދަލުގައި އޭނާއާ ބައްދަލު ކުރެއްވީ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އެއީ މިހާތަނަށް ރާއްޖޭގައި ކަން ހިނގާފައިވާ ގޮތް ނޫން ކަމަށާއި، މިހާތަނަށް މިނިސްޓަރެއް ނެތް ހާލަތެއްގައި އެ މިނިސްޓްރީއެއްގެ ހިންގުން ހަވާލު ކުރައްވަނީ ކެބިނެޓުގެ އެހެން މިނިސްޓަރަކާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ ފަތުރުވެރިކަމާ ގުޅޭ ވަޒީރު ޑޭން ޓޭހާން އާ ފޮރިން މިނިސްޓްރީން ބައްދަލުކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އެވެ.
ކުރީގެ މެންބަރު އާދަމް ޝަރީފް އުމަރު
ކުރީގެ މެންބަރު އާދަމް ޝަރީފް އުމަރު