މުނިފޫހިފިލުވުން

''ފްރެންޑްސް''ގައި ގަންތާގެ ރޯލު ކުޅުނު ޓައިލާ މަރުވެއްޖެ

މަޝްހޫރު ޓީވީ ސީރީސް ''ފްރެންޑްސް''ގައި ގަންތާގެ ރޯލު ކުޅުނު ޖޭމްސް މައިކަލް ޓައިލާ މަރުވެއްޖެއެވެ.

ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން ދަނިކޮށް އުމުރުން 59 އަހަރުގެ ޓައިލާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

ޖޭމްސްއަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށްފައި ވަނީ މިއަހަރުގެ ޖޫންމަހު ''ޓުޑޭ'' އަށް ދިން އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުގައި އޭނާ ބުނީ، 2018 ވަނަ އަހަރުން ފެށިގެން ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދަމުންދާ ކަމަށާއި އަދި އެބަލި ކަށިތަކަށްވެސް ފެތުރިފައިވާ ކަމަށެވެ.

ޓައިލާ ބުނި ގޮތުގައި، އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ރޫޓިން ޗެކަޕަކުންނެވެ. އަދި ބައްޔަށް ހޯމޯން ތެރަޕީ ނަގަމުން އައި ނަމަވެސް، ބަލީގައި ބޮޑުވަރުވާން ފެށީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށް ބުންޏެވެ.

''ފްރެންޑްސް'' ސީރީސް ނިމުނުތާ 17 އަހަރު ފަހުން މި އަހަރުގެ ކުރީކޮޅު ގެނެސްދިން ''ފްރެންޑްސް ރީޔޫނިއަން''ގައި ޓައިލާ ވަނީ ވީޑިއޯ މެދުވެރިކޮށް ބައިވެރިވެފައެވެ.