އުތުރު ތިލަފަޅުގައި މި ސަރުކާރުން އާކަމެއް ކުރަމުން ނުދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އެދިގެން އުތުރު ތިލަފަޅުގެ އެއްބަސްވުން ގައުމީ ސަލާމަތާ ކޮމިޓީ (241 ކޮމިޓީ) އަށް ހާމަކުރުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އިންޑިއާގެ އެހީގައި އުުތުރު ތިލަފަޅުގައި ގާއިމުކުރާ ވަސީލަތްތަކަަކީ، 2016 ވަނަ އަހަރު އޭރުގެ ސަރުކާރުން އިންޑިއާއާއެކު އެކުލަވައިލި އެކްޝަން ޕްލޭންގެ ތެރެއިން ތަރުތީބުވެގެން ދައުލަތެެއްހެން ގައުމުގެ ދިފާއުގެ ކަންތައްތައް ހިންގަމުންދިއުމަށް ގާއިމު ކުރާ ވަސީލަތްތަކެއް ކަމަށެވެ.
އުތުރު ތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ގާއިމުކުރުމަކީ ކޯސްޓްގާޑަށް އެކަމުގެ މުހިއްމުކަމާއި ބޭނުންތެރިކަން ބޮޑުވެގެން ކުރިއަށްގެންދާ ކަންތައްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެކަންތައްތަކަކީ ކުރިން އޮތް ދެ ސަރުކާރުގައި ހިމެނިވަޑައިގެންނެވި ޑިފެންސް މިނިސްޓަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މިހާރުގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ކުރިއަށްގެންދެވި ކަންތައްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ މި ސަރުކާރުން ކުރަމުން އަންނަ ހަމައެކަނި ކަމަކީ 2016 ވަނަ އަހަރު އޭރުގެ ސަރުކާރުން ސޮއިކުރި އެކްޝަން ޕްލޭން އޮޕަރޭޝަނަލައިޒް ކުރުން ކަމަށެވެ. އެކްޝަން ޕްލޭން އޭރު އޮތީ އިންޑިއާއިންވެސް އެތަން ބޭނުންކުރާ ގޮތަށް ނަމަވެސް އެކަމާބެހޭ އެއްބަސްވުމުގައި މި ސަރުކާރުން ސޮއިކުރީ އެކްޝަން ޕްލޭން ރިވިއުކޮށް، ކުރިން އޮތް ވަރަށް ވުރެ އިންޑިއާގެ ބައިވެރިވުން ހަނިކޮށްގެން ކަމަށްް ވެސް މާރިޔާ ވިދާޅުވިއެވެ.