ޚަބަރު

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި "މުހައްމަދު ގާސިމް ޕްރީސްކޫލް" ނައިބު ރައީސް ހުޅުއްވައިދެއްވައިފި

އައިޝަތު ނިއުޝާ

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތް ކުރި "މުހައްމަދު ގާސިމް ޕްރީސްކޫލް"، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައިދެއްވައިފިއެވެ.

"މުހައްމަދު ގާސިމް ޕްރީސްކޫލް" ހުޅުވުމަށް އެ ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އެ ސްކޫލު ހުޅުމާލޭ ރައްޔިތުންނަށް ލިބުނީ އެންމެ އެކަށޭނަ ވަގުތުގައި ކަމަށެވެ. އަދި ތަނަވަސްކަމުގެ އަހުލުވެރިންނަށް މުޖުތަމައަށް ފައިދާ ހުރި ހެޔޮ ކަމެއް ކޮށްދެވެން ފުރުސަތު އޮތް ކޮންމެ ހާލަތެއްގައި އެ ކަމެއް އެންމެ އެކަށޭނަ ގޮތަކަށް ކޮށްދެއްވުމަށާއި، މިއީ ދުނިޔެ އާއި އާހިރަތުގައިވެސް އޭގެ ސަވާބާއި ދަރުމަ އެ މީހަކަށް ލިބޭނެ ކަމެއްކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު މީހުން އާބާދުވާ މިންވަރާ ބަލާފައި އެކަށީގެންވާ ވަރަށް ސްކޫލްތައް ބިނާކޮށްފައި ނެތުމުން އެތައް ދަތިތަކާ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާކަން ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން ސަރުކާރުން މިހާރުވެސް އަންނަނީ ހުޅުމާލޭގައި ދެ ސްކޫލެއް ބިނާކުރުމުގެ މަސައްކަތްކުރަމުން ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، އަލީ ފިރާގު، އޭނާގެ ބައްޕަ އަލްމަރްހޫމް މުހައްމަދު ގާސިމުގެ ހަނދާނުގައި އިމާރާތްކޮށް، ސަރުކާރަށް ހަދިޔާކޮށްފައިވާ 10 ކްލާސްރޫމާއި، ހޯލު އަދި އިދާރީ ހިންގުމަށް ބޭނުންވާ ކޮޓަރިތައް ހިމަނައިގެން ބިނާކޮށްފައިވާ ސްކޫލަށް ޓަކައި އެ އާއިލާއަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ތައުލީމުގެ ގާނޫނު މިއަހަރުގެ އޯގަސްޓު 10ގައި ތަންފީޒުކުރުމާ ގުޅިގެން ޕްރީސްކޫލް ތައުލީމަކީ ސަރުކާރުން ހިލޭ ފޯރުކޮށްދޭން ޖެހޭ ތައުލީމީ މަރުހަލާއެއްގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ. އަދި، ޕްރީ ސްކޫލް ތައުލީމަކީ މަޖުބޫރު ތައުލީމެއްގެ ގޮތުގައި ކަނަޑައަޅާފައިވާއިރު، އެ ގާނޫނުގެ ދަށުން ޕްރީ ސްކޫލް ތައުލީމު ރާއްޖޭގައި ދިރި އުޅޭ ކޮންމެ ދިވެހި ކުއްޖަކަށް ހިލޭ ފޯރުކޮށްދޭން ޖެހެއެވެ.