ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އިންޑިއާގެ ނެވީ އަދި ކޯސްޓު ގާޑަށް އުތުރުތިލަފަޅު ބޭނުންކުރެވޭ ގޮތަށް އެއްބަސްވެފައި އޮތް ނަމަވެސް މި ސަރުކާރުން އެކަން ބަދަލުކޮށްފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޝަމާލް މިހެން ވިދާޅުވީ އުތުރުތިލަފަޅު ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގައި، އެތަން ތަރައްގީކުރުމަށްފަހު އެތަނުގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް އޮތް ކަމަށް ބުނެ ދެކެވޭ ވާހަތަކާ ގުޅިގެން އެ އެއްބަސްވުމާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ދިނުމުގެ ގޮތުން މިއަދު ކުރިއަށްދިޔަ އެ ކޮމިޓީގެ ބައްދަލުވުމަށް މައުލޫމާތު ދެއްވަމުންނެވެ.
އެ ކޮމިޓީއަށް ޝަމާލްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ވަނީ ހާޒިރުކޮށްފައެވެ.
އެ އެއްބަސްވުުގެދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓާބެހޭ މައުލޫމާތު ކޮމިޓީއަށް ދެއްވަމުން ބައްދަލުވުމަށް ވަޑައިގެންނެވި އޮފިސަރުން ވިދާޅުވީ، ރާއްޖޭގައި 99.7 ޕަސެންޓް ކަނޑުގެ ސަރަހައްދެއް ހިމެނޭއިރު، އަމިއްލަ ޑޮކް ޔާޑަކާއި ބަނދަރެއް އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައްތައް ރާއްޖެއަށް ދިމާވަނީ ކަނޑުގެ ސަރަހައްދުން ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ބޯޑާ ތަކަކީ ވަރަށް ފަސޭހައިން ވަދެ ނުކުމެވޭ ތަންތަން ކަމަށް ވެފައި، ރާއްޖޭގެ އާބާދީ ކުދި ޖަޒީރާ ރަށްތަކަށް ބެހިފައިވާއިރު، ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ވަރަށް މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދުނިޔޭގެ ވިޔަފާރިއާބެހޭ ބޮޑުބައެއް ދަތުރުކުރާއިރު، ތެޔޮ ބަދަލު ކުރުމުގެ ކަންތައްތައް ހިނގާއިރު ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް ބެލުމުގެ މުހިއްމު ކަންވެސް ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދުވަހުން ދުވަހަށް ނުރައްކާވަމުންދާ ކަމަށާއި، އަފްޣާނިސްތާނާއި ޕާކިސްތާނު ސަރަހައްދުން ބޭރުކުރެވޭ ހެރޮއިން އެންމެ ގިނައިން ޓްރެފިކު ކުރެވެނީ ރާއްޖެ ސަރަހައްދާ ވަރަށް ކައިރިން ކަމަށްވެސްވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ކަނޑުތަކުގެ މުއްސަދިކަން ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ބޭނުންކުރަމުންދާއިރު، ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖެއަށް އޮތް ގާނޫނީ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.
އެ ބޭފުޅުން ވިދާޅުވީ، އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ ބޭނުމަށް ޑޮކް ޔާޑަކާއި ބަނދަރެއްގެ އިތުރުން އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމުގެ ޕްރޮޖެކްޓަކީ 2013 ވަނަ އަހަރުންފެށިގެން ކުރިއަށް ގެންދަން ރާވަމުން އަންނަ ޕްރޮޖެކްޓެއް ކަމަށެވެ.
އެގޮތުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާއި 2016 ވަނަ އަހަރާއި 2017 އަދި 2018 ވަނަ އަހަރުވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެންމެ މަތީ ފެންވަރުގައި އެ ޕްރޮޖެކްޓަށް މަޝްވަރާކޮށް ނިންމުންތައް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް 2019 ވަނަ އަހަރު އެކަމާބެހޭ އެއްބަސްވުން މިސަރުކާރުން ރިވިއު ކުރި ކަމަށާއި މި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ ބަދަލުތައް ގެނައުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން އެ ޕްރޮޖެކްޓް އިންޑިއާ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައި ވީ ނަމަވެސް، އެ ޕްރޮޖެކްޓުގެ ދަށުން ގާއިމުކުރާ ހުރިހާ ވަސީލަތްތަކަކީ ދިވެހި ސަރުކާރުގެ މިލްކެއް ކަމަށާއި، އެގޮތަށް އެގްރިމެންޓްގައި ހިމެނިފައިވާ ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓް ނިމުމަށްފަހު، ރިޕެއާގެ މަސައްކަތްތަކެއް ކުރިއަށް ގެންދަން ބޭނުންވާ ހާލަތުގައިވެސް އިންޑިއާއިން އެހީތެރިކަން ދޭންޖެހޭނީ ދިވެހި ސަރުކާރުން އެދިއްޖެ ހާލަތެއްގައި ކަމަށް އެގްރީމެންޓްގައި ހިމެނޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދާނީ އިންޑިއާ އާއި ރާއްޖޭގެ ކަމާބެހޭ ފަރާތްތައް ހިމެނޭ ޖޮއިންޓް ކޮމިޓީއަކުން ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު