އެލެކް ބޯލްޑްވިން އަތުން ކުރޫ މެންބަރަކު މަރުވި ހާދިސާއާ މީޑިއާގެ ހޫނު މައުޟޫއަކަށް ވެފައިވަނިކޮށް، ކަންގަނާ އަށް ފިލްމު ސެޓެއްގައި ދިމާވި އެކްސިޑެންޓުގެ ވާހަކަ ދައްކައިފިއެވެ.

ޝޫޓިންއެއްގެ ތެރެއިން ހޮލީވުޑް ތަރި އެލެކް ބޯލްޑްވިން އަތުން ލޯޑުކޮށްފައި އޮތް ބަޑިއެއް ޖެހިގެން ބުރާސްފަތި ދުވަހު ފިލްމުގެ ސިނެމެޓޮގުރާފަރު މަރުވެ ޑައިރެކްޓަރު އަންނަނީ ފަރުވާ ހޯދަމުންނެވެ.

މިކަމާ ގުޅިގެން ބޮލީވުޑް ތަރި ކަންގަނާ ރަނާވަތު ބުނެފައިވަނީ މިއީ ވަރަށް ދެރަކަމެއް ކަމަށާއި ނުރައްކާތެރި ހަތިޔާރު ޝޫޓިންގައި ބޭނުންކުރާއިރު ސަމާލު ނުވެވިއްޖެނަމަ މީހެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި އޭނާވެސް ފިލްމު ޝޫޓިންއެއްގެ ތެރެއިން މިފަދަ ތަޖުރިބާއެއް ކުރަން ޖެހުނުކަމުގައި ވަނީ ބުނެފައެވެ.

ކަންގަނާ ރަނާވަތު 2017 ވަނަ އަހަރު ފިލްމު ''މަނިކަރްނިކާ''ގެ ޝޫޓިންގެ ތެރެއިން މަރުގެ އެތިފަހަރަކުން ސަލާމަތް ވީ ކިރިޔާ އެވެ. އެ ފިލްމުގެ ޝޫޓިންގައި ކަނޑިން ހަނގުރާމަކުރާ މަންޒަރެއް ނެގުމުގެ ތެރޭގައި ކަންގަނާ އަށް ވަރަށް ބޮޑަށް އަނިޔާވެ ވަގުތުން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އަދި އޭގެ އިތުރަށްވެސް އެ ފިލްމު ކުޅުމުގެ ތެރެއިން ލިބުނު އިތުރު ހާނިއްކައެއްގައި އޭނާގެ ފައި ވަނީ ބިންދައިގެން ގޮސް ފަރުވާކުރަން ޖެހިފައެވެ.

ކަންގަނާ ބުނެފައިވަނީ އެފަދަ ހާދިސާތައް ހިނގުން ދުރުކޮަށް ރައްކާތެރިކަން ޔަގީންކޮށްދިނުމަށް ފިލްމު އުފައްދާ ފަރާތްތަކުން ވަރަށްބޮޑަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

ކަންގަނާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ''ތަލައިވީ'' އިންނެވެ. އޭނާ ކުޅެފައިވާ ފިލްމު ''ދާކަޅް' އަންނަ އެޕްރިލްގައި ރިލީސްކުރަން ހަމަޖެހިފައިވާއިރު، މިހާރުވަނީ އިންޑިއާގެ އަންހެން ޕައިލެޓުގެ ރޯލަކުން ކަންގަނާ ފެނިގެންދާނެ ފިލްމު ''ތޭޖާސް'' ގެ ޝޫޓިންތައް ނިންމައިލައިފައެވެ. މީގެ އިތުރުންވެސް އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ކުރީގެ އިންޑިއާގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމު ''އިމަޖެންސީ''ގެ އިތުރުން ފިލްމު ''ސީތާ'' ކުޅުމަށް ވަނީ ހަމަޖެހިފައެވެ.