ކުޅިވަރު

ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ ހަމްނާ، ސައުޝަން، އާން އަދި އިމްއާން

ފަނަރަ ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސް 2021 ގައި ދިވެހިރާއްޖެ ތަމްސީލު ކުރާނެ ފެތުންތެރިން ހޮވައިފިއެވެ.

ދުބާއީގެ ވެރިރަށް އަބޫދާބީގައި މިއަހަރު ޑިސެންބަރު މަހުގެ 16-21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ރާއްޖެއިން ވާދަ ކުރާނީ ހަތަރު ފެތުންތެރިއެކެވެ. އެއީ އައިޝަތު ސައުސަން އާއި ހަމްނާ އަހުމަދުގެ އިތުރުން މުހައްމަދު އާން ހުސައިން އަދި އިމްއާން އަލީއެވެ. ރާއްޖެ ތަމްސީލު ކުރާ ފެތުންތެރިން ހޮވާފައިވަނީ ފެތުންތެރިން ހޮވުމަށް ބޭއްވުނު ޓްރަޔަލްގެ ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުންޏެވެ.

ރާއްޖެ ތަމްސީލުކުރާ ފެތުންތެރިންނަށް ބަލާއިރު، ސައުޝަން ވަނީ މީގެ ކުރިންވެސް ގައުމީ ލެވަލްގެ އިތުރުން ބައިނަލްއަގުވާމީ ފެތުމުގެ މުބާރާތްތަކުގެ ތަޖުރިބާތައްވެސް ހޯދައިފައެވެ. އޭގެ އިތުރުން ހަމްނާ ވަނީ 2019 ވަނަ އަހަރު ނޭޕާލްގެ ކަތުމަންޑޫގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ގައުމީ ފަތާ ޓީމުގައި ހިމެނިފައެވެ.

ދުނިޔޭ ފެތުމުގެ މައި އިދާރާ ފީނާގެ ސްކޮލަޝިޕެއްގައި މިހާރުވެސް ރަޝިޔާގައި އިމްއާން ތަމްރީންތައް ކުރަމުންދާއިރު، ދެން ވޯލްޑް ޗެމްޕިއަންޝިޕަށް ދާ އާން އަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައިވެސް ރާއްޖެ ތަމްސީލު ކުރި އުންމީދީ ފެތުންތެރިއެކެވެ.