ބައިނަލްއަގުވާމީ އެންމެ ބޮޑު އެގްޒިބިޝަން، ވޯލްޑް އެކްސްޕޯ ދުބާއީގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ދުބާއީއަށް ވަޑައިގަތުމަަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ފާހަގަކުރާ ޒުވާނުންގެ ދުވަހާ ގުޅިގެން ރައީސް ސޯލިހު މިއަދު އެ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށާއި އަދި އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ ދުބާއީއަށް ފުރާވަޑައިގަންނަވާ ކަމަށެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯގެ މިއަހަރުގެ ޝިއާރަކީ "ކަނެކްޓިން މައިންޑްސް، ކްރިއޭޓިން ފިއުޗާ" އެވެ. މިއަހަރުގެ އެކްސްޕޯގެ އަމާޒަކީ އިންގިލާބީ އާ އީޖާދުތަކާއި ތަފާތު ހިޔާލުތައް، އެއްތަނަކުން ދައްކައިދީ އެ ހިޔާލާއި ވިސްނުމުގެ ތެރެއިން އިންސާނިއްޔަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހިކޮށްދިނުމެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާ މި އެކްސްޕޯގައި 200 ގައުމަކުން ބައިވެރިވާ އިރު، ދުވާލެއްގެ މައްޗަށް އެކްސްޕޯއަށް 300،000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި އެކްސްޕޯގައި ރާއްޖެއިން ވެސް ބައިވެރިވާ އިރު، ރާއްޖޭގެ ތަރައްގީގެ ދަތުރު އެ ޕެވިލިއަނުން ފެންނަން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އޭގެ އިތުރަށް، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖޭގެ ސަގާފަތް އަދި ތަރައްގީގެ ވިސްނުމާއި ސިޔާސަތުތައް ޕެވިލިއަނުން ރަމްޒުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

1851 ވަނަ އަހަރުން ފެށިގެން، ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ މި އެކްސްޕޯގައި މިއީ ރާއްޖެ ބައިވެރިވާ ހަތަރުވަނަ ފަހަރެވެ.