އެމެރިކާއިން ސީރިއާއަށް ދިން ޑުރޯން ހަމަލާއެއްގައި އަލްގައިދާގެ އިސް ލީޑަރަކު މަރާލައިފިއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އިއްޔެ ސީރިއާއަށް ދިން ޑުރޯން ހަމަލާގައި މަރާލާފައިވަނީ އަލްގައިދާގެ ލީޑަރު އަބްދުލް ހާމިދު އަލް މަތަރުއެވެ. އެމެރިކާއިން މި ހަމަލާދީފައިވަނީ ސީރިއާގެ ހުޅަނގުގައި ހުންނަ އައުޓްޕޯސްޓަކަށް މީގެ ދެދުވަސް ކުރިން ހަމަލާއެއް ދީފައި ވަނިކޮށެވެ.

އަލްގައިދާގެ ލީޑަރު މަރާލުމަށްފަހު ހުކުރު ދުވަހު އެމެރިކާގެ އަސްކަރިއްޔާގެ މޭޖަރ ޖޯންސް ރިގްސްބީ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އަލްގައިދާގެ ލީޑަރު މަރާލެވިފައިވާ ކަމަށާއި މިކަމުގެ ސަބަބުން އެ ޖަމާއަތުން ދޭ ނިރުބަވެރި ހަމަލާތައް ރާވައި ހިންގުމަށް ހުއްޓުމެއް އަންނާނެ ކަމަށެވެ. މި ހަމަލާގައި އާންމުންގެ މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަން ކަށަވަރުކޮށްދީ ހަމަލާ ދީފައިވަނީ އެމްކިއު-9 ގެ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާގެ ބަޔާނުގައި، އަލްގައިދާއިން ދަނީ ބޭރުގެ ފަރާތްތަކާއެކު މުއާމަލާތުކޮށް ނިރުބަވެރި ހަމަލާތައް ރާވައި ހިންގުމަށް ސީރިއާ އަބަދުވެސް ނިވާ ފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރަމުން ކަމަށް އިތުރަށް ވަނީ ވިދާޅުވެފައެވެ.

މި ހަމަލާ ދީފައިވަނީ މީގެ ދެ ދުވަސްކުރިން އެމެރިކާގެ އައުޓްޕޯސްޓަށް ދިން ހަމަލާއާ ގުޅިގެން ކަމެއް ރިގްސްބީ ކަށަވަރުކޮށްދެއްވާފައި ނުވާ އިރު، ހަމަލާ ދެވިފައިވަނީ ސީރިއާގެ ކޮން ހިސާބަކަށް ކަމެއްވެސް ހާމަކުރައްވައިފައެއް ނުވެއެވެ.