އިސްލާމީ ތާރީޚު

ރަޙުމަތުގެ ނަބިއްޔާ - އިންސާނީ ޙައްޤުތަކުގެ އެންމެ މަތިވެރި ދާޢީ 02

އަބްދުﷲ ފާރޫގް ހަސަން

(18 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

އާދެ، ތަފާތު ޤައުމުތަކުގައި އިންސާނީ ޙައްޤުތަކާމެދު ޤާނޫނު ހަދަން ފަށައިގެންފިއެވެ. މުޅި ދުނިޔެއިންވެސް އިންސާފަށް ލޯބިކުރާ މީހުން އެކަމާ އަޑުއުފުލާން ފަށައިފިއެވެ. ހަނގުރާމައާއި ޞުލްޙައިގެ ވަގުތުގައިވެސް އެންމެންވެސް ތަބާވާންޖެހޭ އަސާސީ އިންސާނީ ޙައްޤުތަކެއް އެކަށައެޅެންޖެހޭނެ ކަމުގައި ވާހަކަ ދެކެވޭން ފަށައިފިއެވެ. އެންމެފަހުން އެ ހުވަފެނުގެ ތަޢުބީރު ދުނިޔެއަށް ފެނިއްޖެއެވެ. 10 ޑިސެމްބަރ 1948 ގައި އދ. ގެ ޖެނެރަލް އެސެމްބްލީންވަނީ އިންސާނީ ޙައްޤުތަކުގެ ޗާޓަރެއް އެކުލަވައި ފާސްކުރުމުގައި ކާމިޔާބު ހޯދައިފައެވެ. ޑިސެމްބަރުމަހުގެ ދިހަވަނަ ދުވަހަކީ އަސާސީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާންވަނީ ފަށައިފައެވެ. އެކަމަކު ޙަޤީޤަތަކީ ކޮބައިތޯއެވެ. މިއީ ކީރިތި ޤުރުއާނާއި އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ ޙަދީޘްފުޅުތަކުގައި އެކަށައަޅުއްވައިފައިވާ އިންސާނީ ޙައްޤުތަކުގެ ޗާޓަރުގެ ކުރިމަތީގައި ކުޑަވެސް ހައިސިއްޔަތެއް ލިބިފައިވާ އެއްޗެއް ނޫނެވެ. ކުޅޭކުޅޭ އެއްޗެކޭ ދަންނަވައިލުން އެކަށީގެންވާފަދަ އެއްޗެކެވެ. އެހެނީ މި ޗާޓަރަކީ އދ. ގެ ހުރިހާ މެމްބަރު ޤައުމުތަކުން ސޮއިކުރަން ލާޒިމު އެއްޗެއް ނޫނެވެ. ދެވަނަ ކަމަކަށް ބަލާއިރު މި ޗާޓަރަކީ އޭގެދަށުން އެއްވެސް މީހަކަށް އެމީހެއްގެ މައްސަލައެއް ބައިނަލްއަޤުވާމީ ޢަދާލަތަކަށް ގެންދިޔުމުގެ ބާރު ލިބިދޭ އެއްޗެއްވެސް ނޫނެވެ. ކަންމިހެން ހުރިކަމުގައިވިޔަސް މިއީވެސް ކާމިޔާބީއެއް ކަމުގައްޔާއި ކުރިޔަށްއެޅުނު ފިޔަވަޅެއްކަމުގައި ގަބޫލުކުރަމާ ހިންގަވާށެވެ. އޭގައިހުރި އުނިކަންކަން މަޑުމަޑުން ދުރުކުރެވެމުންދާނެ ކަމުގައި އުންމީދުކުރަމާ ހިންގަވާށެވެ. (خــالــد سيف اللّـه رحـمــانــى)

ތިރީގައި މިވަނީ އދ. ގެ އިންސާނީ ޙައްޤުތަކުގެ ޗާޓަރުގެ މައްޗަށް ހިންގައިލައިފައިވާ އަވަސް ކަޅިއެކެވެ.

މިދެންނެވި ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޗާޓަރުގައި މަރުކަޒީ ހައިސިއްޔަތެއް ލިބިފައިވަނީ ފަރުދުންގެ މިނިވަންކަމަށާއި، ޢަދުލުއިންޞާފަށާއި، ހަމަހަމަކަމަށެވެ. އިޤުތިޞާދީ، އިޖްތިމާޢީ ޘަޤާފީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތައްވެސް އެ ޤަރާރުގެ ދާއިރާގައި ވަނީ ޝާމިލުކޮށްފައެވެ. ކޮންމެ މީހަކާމެދުވެސް ހަމަހަމަކޮށް ކަންތައް ކުރެވުމުގެ ޙައްޤު ވަނީ ގަބޫލުކޮށްފައެވެ. އެކަކަށްވުރެ އަނެކަކު މޮޅުކަމުގައި ނުވަތަ ދެރަކަމުގައި ނުބެލުމާއި، އިންސާނާގެ ޖާނާއި މާލު ރައްކާތެރިވުމާއި، އެއްވެސްކަހަލަ ގަދަބަދަވިކަމެއް ނުދެއްކުމާއި، އަނިޔާއެއް ނުކުރުމާއި، ޢަދުލުއިންޞާފު ލިބުމުގެ ޙައްޤަށް ވަނީ އިޢުތިރާފު ވެފައެވެ. ހަމައެފަދައިން ދީނާއި ޢަޤީދާގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމާއި، ޖަމާޢަތްތަކާއި ޖަމުޢިއްޔާތައް ހެދުމާއި، ދަތުރުފަތުރުކުރުމާއި، އެއްތަނުން އަނެއްތަނަށް ބަދަލުވުމާއި، އަމިއްލަ އިޚުތިޔާރުގައި ކާވެނިކޮށް ޢާއިލާ އުފެއްދުމުގެ ޙައްޤު ވަނީ ގަބޫލުކޮށްފައެވެ. ތަޢުލީމު ހޯދުމާއި، ސަރުކާރުގައި ބައިވެރިވުމާއި، ވަޒީފާ އަދާކުރުމާއި، އަރާމާއި އުފާ ހޯދުމާއި، ޒާތީ ދިރިއުޅުމާއި ގޭތެރޭގެ ދިރިއުޅުމާ ނުބެހެވުމަކީވެސް އަސާސީ ޙައްޤު ކަމުގައި ވަނީ ހަމަޖައްސައިފައެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުން މި ޑެކްލަރޭޝަނަށް ތާއީދުކުރިއެވެ. ތާއީދު ނުކުރާ ޤައުމުތަކުންވެސް މި ޑެކްލަރޭޝަނަކާ ދެކޮޅެއް ނަހަދައެވެ. އެހެންކަމުން މި ޑެކްލަރޭޝަނަކީ ދުނިޔޭގެ ހުރިހައި ޤައުމުތަކެއް އިއްތިފާޤުވާ ޑެކްލަރޭޝަނެކޭ ބުނެވިދާނެއެވެ. އެހެންކަމުން މިއީ އިންސާނީ ޙައްޤުތަކުގެ ތާރީޚުގައި ކުރިޔަށް އެޅުނު އިންޤިލާބީ ފިޔަވަޅެކޭ ދެންނެވިދާނެއެވެ.

އެ ޗާޓަރުގައި ހިމެނޭ ރަނގަޅުކަމެއް ކަމުގައި ބެލެވިފައިވަނީ އެ ޗާޓަރު އަފުރާދުންނަށް އެބައިމީހުންގެ އަސާސީ ޙައްޤުތައް ހޯދައިދިނުމެވެ. ވެރިކަންކުރާ ޖަމާޢަތުގެ އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްކުރުމަށް ތަދުބީރު ކުރެވިފައިވުމެވެ. ބާރުތައް ފެށިގެން އަންނީ ޢާއްމު ރައްޔިތުންގެ ފަރާތުން ކަމަށާއި، ވެރީން ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެކަމުގައި ބުނެފައިވުމެވެ. ޢަދުލުއިންޞާފު ލިބިގަތުން ފަސޭހަކުރަން މަސައްކަތް ކޮށްފައިވުމެވެ. ތަޢުލީމާއި ތަރައްޤީއާއި ތިޔާގިކަމުގެ ފުރުސަތު އަފްރާދުންނަށް ހޯދައިދިނުމަށް ސަމާލުކަން ދީފައިވުމެވެ.

އދ. ގެ އިންސާނީ ޙައްޤުތަކުގެ ޗާޓަރުގެ އަނެއްފުށަކީ އެ ޗާޓަރުގައި އަސާސީ ބައެއް އުނިކަންވެސް ހުރުމެވެ. އެއީވެސް ހަމައެކަނި މަތިމަތީން ބަލައިލައިފައި ދޫކޮށްލެވެން ނެތް ކަންތައްތަކެކެވެ. އެކަންކަމާހުރެ އުންމީދު ކުރެވުނު ނަތީޖާތަކެއް އެ ޗާޓަރަކުން ހާސިލުވަމުންނެއް ނުދެއެވެ.

އދ. ގެ އިންސާނީ ޙައްޤުތަކުގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ޙައްޤުތައް އިންސާނުންނަށް ލިބެމުންދޭތޯ ބަލާ ވަރަށްގިނަ އިދާރާތަކެއް ދުނިޔޭގައި މަސައްކަތްކުރަމުން ގެންދެއެވެ. ފައިދާހުރި ވަރަށްގިނަ ޚިދުމަތްތަކެއްވެސް އެ އިދާރާތަކުން ކުރަމުން ގެންދެއެވެ. އޭގެތެރެއިން އެއް އިދާރާއަކީ European Court of Human Rights އެވެ. ޔޫރަޕުގެ ޤައުމުތަކުން އިންސާނީ ޙައްޤުތަކާ ޚިލާފުވުމުގެ މައްސަލަތައް ހުށަހަޅަމުން ގެންދަނީ އެ ކޯޓަށެވެ. އެ ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ އަދަދު ވަނީ އެތައް ހާހަކަށް އަރައިފައެވެ.

ނަމަވެސް އެ ޗާޓަރުގެ ފަހަތަކު އެއްވެސްކަހަލަ ތަންފީޒީ ބާރެއް ނެތެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ޤައުމަކުން އެ ޗާޓަރަށް ބޯލެންބޭނެ މަތީބާރެއް ނެތެވެ. އެހެންކަމުން ބައެއްފަހަރު އެ ޗާޓަރު ވެފައިވަނީ ހަމައެކަނި ވަޢުޡާއި ނަސޭހަތާ އެއްމާނައެއްގެ އެއްޗަކަށެވެ. އަޚްލާޤީގޮތުން ގޮވައިލެވޭ ގޮވައިލުމަކަށެވެ. ނަތީޖާއެއްގެގޮތުން އެ ޗާޓަރަކީ މުޤައްދަސް ޞުޙުފެއްކަމަށް ބަލައި އޭގެ އަޑުއަރުވަމުންދާ ޤައުމުތަކުގައިވެސް އިންސާނީ ޙައްޤުތަކާ ޚިލާފު ކަންތައް ވަރަށްގިނައިން ހިނގަމުންދެއެވެ.

އެ ތަހުޒީބީ ޤައުމުތަކުން ދާޚިލީގޮތުން އިންސާނީ ޙައްޤުތަކާ ޚިލާފުވާ ވަރަށްވުރެ އެތައް ގުނައެއް އިތުރަށް ބައިނަލްއަޤުވާމީގޮތުން އިންސާނީ ޙައްޤުތަކާ ޚިލާފުވަމުން ގެންދެއެވެ. ތަރައްޤީވެފައިވާކަމަށް ބެލެވޭ ބާރުގަދަ ޤައުމުތައް އިންސާނީ ޙައްޤުތަކަށް އަރައިގަތަނުދީ ހިފެހެއްޓުމަކީ ބަލިކަށި ޤައުމުތަކަށް ކުޅަދާނަކަމެއް ނޫނެވެ. ބަލިކަލޯ ބޮލަށް ދެތުޅަލޭ ބުނެވޭ ބީދައިން އެންމެގިނަފަހަރަށް ހަސްކާ ލިބެނީ އިސްލާމީ ޤައުމުތަކަށެވެ. އަލްޖޭރިޔާއާއި ފަލަސްޠީނާއި ކޮސޯވޯއާއި ބޮސްނިޔާއާއި ޢިރާޤާއި ލީބިޔާއާއި އަފްޣާނިސްތާނާ އަދި އެނޫންވެސް އެތައް ޤައުމުތަކެއްގައި ހިނގައިފައިވާ ލޭއޮހޮރުވުންތަކަކީ އޭގެ ފާޅުކަންބޮޑު މިސާލުތަކެވެ. ފަލަސްޠީނުގައި އިންސާނީ ޙައްޤުތަކަށް ފައިންއަރަމުންގެންދާ ދިޔުން އދ. ގެ މައްސަލަ ބަލާ ޓީމުގެ މަސްއޫލުވެރީންވެސް ވަނީ ތަޞްދީޤު ކުރައްވައިފައެވެ. ފަރުދުންނާއި ސަރުކާރުގެ ޙައްޤުތައް އެ ޗާޓަރުގައި ޞަރީޙަކޮށް ބަޔާންކުރެވިފައެއް ނުވެއެވެ. ފަރުދުންގެ ޙައްޤުތަކުގެ ދާއިރާއަކީ ކޮބައިކަމެއް، ސަރުކާރުގެ އިޚުތިޔާރުތައް ފެށެނީ ކިހާ ހިސާބަކުންކަމެއް ސާފުކޮށް އޮޅުމެއް ނުފިލައެވެ.

ދީނާ ބެހޭގޮތުންވެސް އެ ޗާޓަރުގައިވާ އުސޫލުތައް ޞަރީޙައެއް ނޫނެވެ. ދީނެއް ޚިޔާރުކުރުމާއި ދީނަށް ޢަމަލުކުރުމުގެ އިޚުތިޔާރު ވަނީ ދީފައެވެ. ނަމަވެސް އިންސާނާއަށް ލިބެންވާ ޙައްޤުތަކަކާއެކު ވާޖިބުތަކެއްވެސް ކަނޑައަޅަންޖެހޭކަން ވަނީ ހަނދާން ނައްތައިލައިފައެވެ. ސުވާލަކީ ދީނީ ވާޖިބުތަކާ އެއްގޮތަށް އޭނާއަށް ޢަމަލުކުރެވިދާނެ ބާވައެވެ؟ ނުކުރެވޭނެ ކަމަށްވާނަމަ، ނުވަތަ ކުރެވޭނީ ޚާއްޞަ ދާއިރާއެއްގެ ތެރޭގައި ކަމަށްވާނަމަ، ދީނީ މިނިވަންކަމުގެ މާނައަކީ ކޮބައިބާވައެވެ؟

އެ ޗާޓަރު ވުޖޫދަށް އައިސްފައިވަނީ އިންސާނާއަކީ އެއްވެސް ޤައިދެއްނެތް މީހެއްކަމުގައި ބެލުމުގެ ފިކުރިއްޔާތުގެ ދާއިރާގައެވެ. އޭނާ އަމިއްލައަށް އޭނާއަށްޓަކައި ޤާނޫނު ހެދިދާނެކަމުގެ ތަޞައްވުރުގެ ދަށުންނެވެ. އިލާހީ އެއްވެސް ހިދާޔަތެއް އޭނާއަށް ބޭނުންނުވާކަމުގެ ވިސްނުމުގައެވެ. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ އެ ޗާޓަރަކީ ލާދީނީ ނުވަތަ ސެކިއުލަރ ޗާޓަރެކެވެ. އެހެންކަމުން ފިޠުރީގޮތުންވެސް އެ ޗާޓަރުގެ ސަބަބުން ފުރުސަތު ލިބެނީ ސެކިއުލަރ ނަޒަރިއްޔާތައް އުފެދުމަށެވެ. އެބާވަތުގެ ހަރަކާތްތައް ހެދިފޯދި އާލާވުމަށެވެ. ސެކިއުލަރިޒަމާ ގުޅޭ އުސޫލުތައް ޢާއްމުކުރުމަށާއި ފެތުރުމަށް އޭގެސަބަބުން ފުރުސަތު ލިބެއެވެ. ޢަމަލީގޮތުން ބަލާއިރު ފިކުރީ މިނިވަންކަމާއި ފަރުދީ މިނިވަންކަމުގެ ނަމުގައި ހުރިހާ ކަމެއްގައިވެސް އެ ޗާޓަރުގެ ސަބަބުން އުފެދެމުންދަނީ އިލްޙާދެވެ. ހެއްދެވި ފަރާތާ ދުރަށް މޫނުއަނބުރައިލުމުގެ ޚިޔާލެވެ. ވަޙީއާއި ރިސާލަތާއި އާޚިރަތްދުވަހަށް އިންކާރު ކުރުމުގެ ވިސްނުމެވެ. ހިނގަމުންދަނީ އަޚްލާޤު ހަލާކުކޮށްލުމުގެ ހަރަކާތްތަކެވެ. ވަރުގަދަޔަކަށް މަސައްކަތް ކުރެވެމުންދަނީ، ދުނިޔެ ޚާއްޞަ ތަހުޒީބަކާ ދިމާޔަށް ލަވަމުން ގެންދިޔުމަށެވެ. ވަކި ޚާއްޞަ ޘަޤާފަތަކަށް އާދަކުރުވުމަށެވެ. އަދި ކީއްތޯއެވެ؟ ވަކި ތަހުޒީބަކަށް ތަބާކުރުވުމަށެވެ. ތަރައްޤީއަކީ އެއީ ކަމަށާއި، ޚިޔާލުގެ މިނިވަންކަމަކީ އެއީ ކަމުގައި ބެލެވިގެންނެވެ.

އަނެއްކޮޅުން ދީނީ ހަރަކާތްތައް ހިންގުމުގެ ދާއިރާ ހައްތާވެސްދަނީ ހަނިވަމުންނެވެ. ދީނީ ހަމަތަކާއި އަޚްލާޤީ އަގުތައް އަށަގަންނުވައި އެކަންކަން ހާމަކުރުމުގެ ފުރުސަތު ދަނީ ކުޑަވަމުންނެވެ. ފަހަރެއްގައި އެއިން ކަމެއް ކުރެވޭނެގޮތް ހޯދުނުކަމުގައިވިޔަސް ތަފާތު ގޮތްގޮތުން އެކަމަކަށް ހުރަސް އެޅެއެވެ. ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެކަމަކާ ދެކޮޅަށް މަސްރަޙު ތައްޔާރު ކުރެވެއެވެ. އެކަމެއްގެ ސިފަ ހުތުރުކޮށް ދައްކައިދެއެވެ. ބޯދާކަމުގެ ނުވަތަ ފަންޑަމެންޓަލްކަމުގެ އިލްޒާމު އެޅުވުމަށްފަހު އެކަމަކީ ގަބޫލު ނުކުރެވޭނެފަދަ ކަމަކަށް ހަދައިލައެވެ. ފުރުސަތެއް ލިބިއްޖެނަމަ ބާރުގެ ބޭނުންކޮށްގެން އެކަމެއް ހުއްޓުވުމަށްޓަކައިވެސް އެންމެ ނުލަފާ ތަދުބީރުތައް ކުރެވެމުންދެއެވެ. އެހައިތަނަށްދާއިރު ޚިޔާލުގެ މިނިވަންކަމުގެ ހުރިހާ ދަޢުވާތަކެއް އާތްވަށްވެގެން ވައިގެ ތެރެއަށް ފޭދިގެން ހިނގައިދެއެވެ.

ޝައްކެއްނެތެވެ. މިހާރަކަށްއައިސް ހުރިހާ ފަރާތަކުންވެސް އިންސާނީ ޙައްޤުތަކުގެ އަޑުއަރުވަމުން ގެންދެއެވެ. މިރޮނގުން ވަރަށް ތާރީފު ޙައްޤު ރަނގަޅު މަސައްކަތްތަކެއްވެސް ކުރެވެމުން ނުދެއެކޭ ނުދެންނެވޭނެއެވެ. އަނެއްކޮޅުން ކޮންމެ ދުވަހަކުވެސް އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފުވަމުން ދާކަމީވެސް ޙަޤީޤަތެކެވެ. އެކަން ހުއްޓުވުމުގެ އެއްވެސް ތަދުބީރެއް ކާމިޔާބުވަމުންނެއް ނުދެއެވެ.

އިސްލާމްދީނަކީ މާތް اللّـه ބާވައިލެއްވި ދީނެކެވެ. އެދީނަކީ އިންސާނާގެ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ ޖާމިނެވެ. އެދީން އަޅުގަނޑުމެންގެ ކުރިމައްޗަށް އަންނަނީ އިންސާނީ ޙައްޤުތަކުގެ ފާރަވެރިޔަކަށް ވެގެންނެވެ. އިންސާނާގެ ޙައްޤުތައް ނިގުޅައިގަތުން ހުއްޓުވުމަށްޓަކައި އެ ދީން ވަރަށް ފުރިހަމަ ތަދުބީރުތަކެއް އިޚުތިޔާރު ކުރެއެވެ. މިއީ ހަމައެކަނި ޢަޤީދާގެ ސަބަބުން ނުވަތަ ދީނީ ލޯތްބާއި ޖަޒުބާތީ ގުޅުމުގެ ސަބަބުން ދައްކާ ވާހަކައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މިއީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ތެދުތެދަށް ދަންނަވާނަމަ، އިސްލާމްދީން އިންސާނީ ޙައްޤުތަކާ ބެހޭ ހުރިހާ ދާއިރާތަކަކަށް އަލިއަޅުވައިލައިފައިވާ ތަނަވަސްކަމާއި ފުންކަމާއި ވިސްނުންތެރިކަމާއި ހަރުދަނާކަމުގެ މިސާލެއްވެސް ދުނިޔޭގެ އެހެން އެއްވެސް ނިޒާމަކުންވެސް ފެނިފައެއް ނުވެއެވެ. އިންސާނީ ޙައްޤުތަކުގެ ޗާޓަރަކުން ވިޔަސްވެހެވެ. އެހެން އެތައް ކަމެއްގައިވެސް ދުނިޔެ އިސްލާމްދީނުގެ ދީލަތިކަމުގެ ފައިދާ ލިބިގެންފައިވާ ފަދައިން މި މައްސަލައިގައިވެސް ދުނިޔެ ވަނީ އިސްލާމްދީނުގެ މުއްސަނދި ބަގީޗާއިން ވަނދު ހޮވައިފައެވެ. އެކަމަށް އިޢުތިރާފުވުމުގެ ހިތްވަރު ދުނިޔޭގައި ނެތްކަމީ މުޅީން ތަފާތު މައްސަލައެކެވެ. އިސްލާމީ ފިކުރަށް ފުރިހަމައަށް ތަބާނުވުމުގެ ސަބަބުން މިޒަމާނުގެ އެއްބަޔެއްގެ ވިސްނުން ދީލިކަޑަވެފައިވާއިރު އަނެއް ބަޔެއްގެ ފިކުރު ވަނީ ނެގިމަޑުވެފައެވެ. އެހެންކަމުން މިޒަމާނުގެ ދުނިޔެއަށް ބޭނުންވަނީ މި މައްސަލައިގައި އިސްލާމީ ފިކުރުގައި ހިމެނޭ މެދުމިންކަމާއި ތިލަފަތްހަމަކަން ހާމަކޮށްދިނުމަށެވެ. (سـيّــد جـلال الـدّيــن عـمــرى)

ޝައްކެއްނެތެވެ. އެ ޗާޓަރަކީ ބަޔާންވެދިޔަ އުނިކަންތައްތަކާ އެކުވެސް ޙަޤީޤީ އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު ތަންފީޒުކޮށްފިނަމަ އިންސާނިއްޔަތަށް ފައިދާތަކެއް ކުރުމުގެ އެކަށޭނަކަންވެސް ހުރި ޗާޓަރެކެވެ. އެކަމަކު ހިތާމަޔަކީ އެގޮތަށް ކަންހިނގަމުން ނުދާކަމެވެ.

އެ ޗާޓަރަށް ބަލާއިރު ކުރީންވެސް ދެންނެވި ފަދައިން އެ ޗާޓަރަކީ ކުޑަވެސް އުރަތްޕެއްނެތް ފުރޭފެކެވެ. ބޭނުން ބަޔަކު ތަބާވާންޖެހޭ އެއްޗެކެވެ. އދ. ގެ މެމްބަރު އެކިއެކި ޤައުމުތަކުން ވަނީ އެބައެއްގެ އަމިއްލަ މިންގަނޑުތަކެއް އުފައްދައިފައެވެ. އދ. ގެ އާރެއް ބާރެއް ނެތްކަމުގެ އެންމެ ފާޅުކަން ބޮޑު ހެތްކަކީ ކައިރި މާޒީއެއްގައި ޔޫރަޕުގެ ހިތް ކަމުގައިވާ ބޮސްނިޔާގައި ދުނިޔޭގެ އެންމެންގެ ލޯމަތީގައި ހިނގައިދިޔަ އަނިޔާވެރި ޤަތުލު ޢާއްމެވެ. ފަލަސްޠީނާއި ކޮސޯވޯއާއި އަފްޣާނިސްތާނާއި ލީބިޔާއާއި ޢިރާޤުގެ ވާހަކަވެސް އަޅުގަނޑު ވަނީ ފާހަގަކޮށްފައެވެ. 30 ނޮވެމްބަރ 1973 ގައި އދ. ގެ ޖެނެރަލް އެސެމްބްލީން ނަސްލީ އިމްތިޔާޒަކީ ފިޔަވަޅު އަޅަންޖެހޭ ކުށެއްކަމަށް ފާސްކުރަން ބޭނުންވިއެވެ. އެކަމަކު އިނގިރޭސީންނާއި އެމެރިކާނުން ފޫގަޅައިގެން ތެދުވީ އެހުށަހެޅުމާ ދިމާ އިދިކޮޅަށެވެ. އިންސާނީ ޙައްޤުތަކަކީ އެއުރެންގެ ކުރިމަތީގައި ކިހައިވަރެއްގެ އަހަންމިއްޔަތެއްހުރި ކަމެއްކަން އެކަމުން އޮޅުމެއްނެތި ހާމަވެއެވެ. ޙަޤީޤަތަށް ދަންނަވާނަމަ އެ ޑެކްލަރޭޝަނަކީ ތަރައްޤީވެފައިވާ ޤައުމުތަކުން އެބައިމީހުންގެ އަމިއްލަ އެދުންތަކުގައި ބޭނުންކުރާ ހަތިޔާރެކެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ތަރައްޤީނުވާ ޤައުމުތަކަށް އިންޒާރު ކުރުމަށެވެ. ބިރުގެންނެވުމަށެވެ. ތަރައްޤީވެފައިވާ ޤައުމުތަކުން ހޯދަން ބޭނުންވާ ހުއްދަނޫން މަންފާތައް ހޯދުމަށެވެ.

އިންސާނީ ޙައްޤުތަކުގެ ޙަޤީޤީ ޗާޓަރު

އިސްވެދިޔަތާނގައި ބަޔާންކޮށްފައިވާ ފަދައިން އިންސާނީ ތާރީޚުގައި ތެދުވެރިކަމާއެކު އިޚުލާޞްތެރި ނިޔަތުގައި އިންސާނީ ޙައްޤުތަކުގެ ދަޢުވަތާއިގެން ތެދުވެވަޑައިގެންނެވި ހަމައެކަނި ދާޢީއަކީ އިސްލާމްދީނުގެ ނަބިއްޔާއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އެވެ. އެމާތް ސާހިބާގެ ދަޢުވަތުގެ އަސާސްތައް ވަނީ ކީރިތި ޤުރްއާނުގައެވެ. ކައުނަބިއްޔާގެ މޫރިތި ޙަދީޘްފުޅުތަކުގައެވެ. ދުނިޔޭގައި ޢަމަލީގޮތުން އިންސާނީ ޙައްޤުތައް ޤާއިމުކުރި ބަޔަކީ މުސްލިމުންނެވެ. އެކަމަކު ކުރީންވެސް ދެންނެވި ފަދައިން ދުނިޔެ ވަނީ އެކަން ހަނދާން ނައްތައިލައިފައެވެ. މުސްލިމުންގެ ތަސްވީރުގެ ސިފަ ހުތުރުކޮށްފައެވެ. "މުސްލިމުން" މި ބަސް މިހާރު ހަދައިފައިވަނީ "ނިރުބަވެރީން" މިބަހާ އެއްމާނައެއްގެ ބަހެއްކަމުގައެވެ. ހުޅަނގުން ދެކެނީ އިސްލާމްދީނުގައި އިންސާނީ އަގުތަކަށް އިޙުތިރާމު ކުރުމުގެ އެއްވެސް ތަޞައްވުރެއް ނެތްކަމުގައެވެ. އެކަމަކު ޙަޤީޤަތަކީ ކޮބައިތޯއެވެ؟ ޢިލްމާއި ޙިކުމަތުގެ ދުނިޔެއަށް އިންސާނީ ޙައްޤުތަކުގެ އެންމެ ފުރަތަމަ ފިލާވަޅު ނަގައިދިނީވެސް އިސްލާމްދީނެވެ. މުސްލިމުންނެވެ. މިއަދު ދުނިޔޭގައި ދެކެވެމުންމިދާ އިންސާނީ ޙައްޤުތަކުގެ ވާހަކަތަކަކީ މުސްލިމުންގެ އެއްކައުވަންތަކަމުގެ ޢަޤީދާއާއި އިންސާނީ މުސާވަތާއި ހަމަހަމަކަމުގެ ތަޞައްވުރުގެ ރަށްގޮވާ އަޑެވެ. އިންސާނުންގެ އަސާސީ ޙައްޤުތަކުގެ ޙަޤީޤީ ޗާޓަރުގެ މަތުނަކީ ނުވަތަ ފުރޭފަކީ ކީރިތި ޤުރްއާނެވެ. އެއާވިދިގެން ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޙަދީޘްފުޅުތަކާއި އެމާތް ސާހިބާ ޙައްޖަތުލްވަދާޢުގައި ދެއްވި ޚުޠުބާއެވެ. އަންނަނިވި ފޮޅުވަތްތަކުގައި މިވަނީ އެމަތިވެރި ޚުޠުބާގެ ބައެއް އިޤުތިބާސްތަކެވެ.

އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ރައްބަކީ އެއްފަރާތެކެވެ. އެއީ އެއްކައުވަންތަ اللّـه އެވެ. ތިޔަބައިމީހުންގެ ބަފައިކަލަކީ އެއްބޭކަލެކެވެ. އެއީ آدم ގެފާނެވެ. ތިޔަބައިމީހުން އެންމެންނަކީވެސް އާދަމުގެ ދަރީންނެވެ. آدم ގެފާނު ހެއްދެވީ މަށީންނެވެ. މާތް اللّـه ގެ ޙަޟުރަތުގައި އެންމެ ޢިއްޒަތްތެރިޔަކީ އެންމެ ތަޤުވާވެރިޔެކެވެ. ތަޤުވާވެރިކަމުގެ ސަބަބުން މެނުވީ ޢަރަބީންގެ މީހަކަށް ޢަޖަމީންގެ މީހެއްގެ މައްޗަކަށް އެއްވެސް ޝަރަފެއް ލިބިގެނެއް ނުވެއެވެ. އާނއެކެވެ. ޖާހިލިއްޔަތުގެ ހުރިހާ ދުސްތޫރެއްވަނީ އަހުރެންގެ ދެފައިތިލައިގެ ދަށުގައެވެ. ޖާހިލިއްޔަ ޒަމާނުގެ ހުރިހާ ފަޚުރުވެރިވުންތަކެއް ވަނީ އުވާލެވިފައެވެ. كـعـبــة اللّـه ގެ ބެލެހެއްޓުންތެރިކަމާއި (ސިދާނާ) ޙައްޖުވެރީންނަށް ފެންދިނުމުގެ ވެރިކަން (ސިޤާޔާ) ފިޔަވައެވެ.

ގަސްތުގައި މީހަކު މަރައިފިނަމަ (ޤަތުލު ޢަމްދު) އެކަމާމެދުގައި އޮތީ ޤިޞާޞު ހިފުމެވެ. ޝިބްހު ޢަމްދަކީ ހިލައިން ނުވަތަ ލަޓީން މީހަކު މެރުމެވެ. އެކަމުގެ އަދަބަކީ ދިޔަ ދިނުމެވެ. މަރުގެ ދިޔައަކީ ސަތޭކަ ޖަމަލެވެ. އެއަށްވުރެ އިތުރުކުރުމީ ޖާހިލިއްޔަތުގެ ކަމެކެވެ. އޭ ޤުރައިޝުވަންހައިގެ މީހުންނޭވެ! ތިޔަބައިމީހުން މާތް اللّـه ގެ ޙަޟުރަތަށް ހާޒިރުވާއިރު ތިޔަބައިމީހުންގެ ބުރަކަށިތަކަށް ދުނިޔޭގެ ބަރު އެރުވިފައި އޮވެފައި އެހެންމީހުން އާޚިރަތް ބާއްޖަވެރި ކުރުމުގެ ސާމާނާއިގެން ހާޒިރުވާގޮތް ވިޔަނުދޭށެވެ. އޭ ޤުރައިޝުވަންހައިގެ މީހުންނޭވެ! ތިޔަބައިމީހުންގެ އަސްލެއް ނެތް ބޮޑާކަމާއި ކިބުރުވެރިކަން ވަނީ ވެއްޔާ އެކުވެފައެވެ. ތިޔަބައިމީހުން ކާބަފައިންގެ މޮޅުކަމުގެ ވާހަކައިން ފަޚުރުވެރިވުމަކަށް ކުޑަވެސް ޖާގައެއް ނެތެވެ.

(ނުނިމޭ)