އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އއ. ހިމަންދޫ ބަނދަރު ހުޅުވުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވެފައިވާ ވައުދުތައް ވީހާވެސް އަވަހަށް ފުއްދުން ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާއި އެންމެ ފަހުގެ މަޖިލިސް އިންތިހާބުގެ ދުވަސްވަރު ސަރުކާރުން ވެފައިވާ ވައުދުތަކުގެ 90 ޕަސަންޓް އެކި މަރުހަލާތަކުގައި ފަށައިގެން ކުރިއަށްދާ ކަމަށާއި އޭގެ ތެރެއިން ބައެއް ވައުދުތައް ފުއްދާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި މިހާރު ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާނީ 36.9 ބިލިއަން ނުވަތަ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.

"ބަޖެޓުގެ ބޮޑު ބައެއް ހޭދަކުރަން ނިންމާފައި މިވަނީ މިހާރު ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޓީޗަރުންނާއި ސިއްހީ ހިދުމަތްތެރީންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅުއްވާނެ ކަމަށާއި މިހާރު ކުރިއަށްދަނީ އެންމެ ކުޑަ އުޖޫރައިގެ އަދަދުތައް ފައިނަލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކޮށް ބިން ހިއްކަން ޖެހޭ ރަށްރަށުގެ ބިން ކުރިއަށް އޮތް ދެ އަަހަރުގެ ތެރޭގައި ނިންމުން ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 37 ބިލިއަން ރުފިޔާ ހުށަހަޅަން ރައީސް ނިންމަވާފައިވާއިރު ފިނޭންސް މިނިސްޓްރީންވެސް ވަނީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ބުނެފައެވެ. ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންނާވެސް މަޝްވަރާކުރައްވައިފައެވެ.