ދެ އަހަރުން އެއް އަހަރު ފީފާ ވޯލްޑް ކަޕް ބާއްވަން ހުށަހެޅުމުން، އެކަމާ ދެކޮޅު ހަދައި، ފީފާ ބޮއިކޮޓު ކުރަން އެއްވެސް ގައުމަކުން ހުށަނާޅާ ކަމަށް ރައީސް ޖިއާނީ އިންފެންޓީނޯ ވިދާޅުވެއްޖެއެވެ.
ދެ އަހަރު އެއް އަހަރު ވޯލްޑް ކަޕް ބާއްވާ، ފީފާގެ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފީފާއިން ވަނީ ރަސްމީކޮށް ހުށަހަޅައިފައެވެ. އެ އިދާރާގެ ހެޑް އޮފް ގްލޯބަލް ސްޕޯޓްސް ޑެވަލޮޕްމަންޓް އާސެން ވެންގާ އިސްވެ، ފީފާގެ ކަލަންޑަރު ބަދަލުކުރުމުގެ މަޝްވަރާކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަޝްވަރާތަކަށް ފުރުސަތު ހުޅުވައިލުމަށް ފީފާގެ ރައީސް ނިންމަވާފައިވާ އިރު، އޭގެ ތެރެއިން އެންމެ މުހިންމު ބަދަލަކަށް ގެންނަން މަސައްކަތް ކުރަނީ ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވާ ގޮތަށް ބަދަލުކުރުމެވެ. އެއީ އަންހެން އަދި ފިރިހެން ވޯލްޑް ކަޕް، ދެ މުބާރާތްވެސް އެގޮތަށް ގެންދިއުމަށެވެ.
ފީފާގެ މެމްބަރު ގައުމުތަކަށް ރަސްމީކޮށް އެ ހުށަހެޅުން ހުށަހަޅާފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުން އެ ޕްރޮޕޯސަލާއެކު ޔޫރަޕުގެ ބައެއް ގައުމުތަކުން ފީފާ ބޮއިކޮޓްކޮށް، ފީފާއިން ވަކިވެގެން ދާނެ ކަމަށް ބުނެފައިވެއެވެ. ހާއްސަކޮށް އެ ޕްރޮޕޯސަލަކީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ގެއްލުންވާނެ ޕްރޮޕޯސަލެއް ކަމަށް ޔޫއެފާގެ ގައުމުތަކުން ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެފަދަ ވާހަކަތަކެއް ދެކެވުނު ނަމަވެސް އިންފެންޓީނޯ ވަނީ އެކަން އެގޮތަށް ނުހިނގާ ކަމަށް ވިދާޅުވެފައެވެ.
"ވަރަށް ހޫނުކޮށް މަޝްވަރާތައް ދިޔަ. އެއީ އެކަމަކު ޕޮޒިޓިވް ވާހަކަތަކެއް. އަހަންނަށް އެނގޭ ފުޓުބޯޅައަށް އެހާ ބޮޑަށް ލޯބިކުރާ ބަޔަކު މިފަދަ ބަދަލެއްގެ ވާހަކަ ދައްކާއިރު ވަރަށް ބައިވަރު ކަންކަން ހުންނާނެ ކަން. އެހެންނަމަވެސް ފާހަގަކޮށްލަން ޖެހޭ ވަރަށް ރަނގަޅު ފާޑުކިޔުންތައް އެނގުނު. އަދި ހާއްސަކޮށް ވަރަށް ޝައުގުވެރި ކުރުވަނިވި ވާހަކަތައް އަޑުއިވުނު،" އިންފެންޓީނޯ ވިދާޅުވިއެވެ.
އެ ވާހަކަތަކުގެ ތެރެއިން ފީފާގެ ރައީސް އިންފެންޓީނޯ ވަނީ ޔޫރަޕް ފުޓުބޯޅައިގެ 55 ގައުމުގެ އެސޯސިއޭޝަންތަކާ ފޯން ކޮންފަރެންސެއްގައި ބައްދަލުކުރައްވައިފައެވެ. ބެލެވޭ ގޮތުގައި އިންފެންޓީނޯ އެ ބައްދަލުވުން ބޭއްވީ ޔޫރަޕުގެ 37 ގައުމެއްގެ އެޕްރޫވަލް އެ ޕްރޮޕޯސަލަށް ހޯދުމަށެވެ. ޔޫރަޕުގެ އެ 37 ގައުމަކީ ފީފާއިން ފައިނަލް ނިންމުން ނިންމުމުގައި ބަސް ބުނެވޭ ގައުމުތަކެވެ.
އިންފެންޓީނޯ ވިދާޅުވެފައިވަނީ ޑިސެންބަރު 20 ވަނަ ދުވަހަށް ހުރިހާ ގައުމުތައް އެއްބަސްވާ ހުށަހެޅުމެއް ގެނެވޭނެ ކަމަށާއި ބޮއިކޮޓުގެ ވާހަކައެއް މަޝްވަރާތަކުގައި ނުހިމެނޭ ކަމަށެވެ.
ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބޭއްވުމަކީ ފައިސާއަށް ކުރަން އުޅޭ ކަމެއް ކަމަށް ގިނަ ބަޔަކު ސިފަކުރި ނަމަވެސް އިންފެންޓީނޯ ވިދާޅުވެފައިވަނީ އެކަން ކުރަން ގަސްދުކޮށްފައި ވަނީ ކުދިންގެ ހިތްތަކުގައި ފުޓުބޯޅައަށް ލޯބި އިތުރު ކުރުމަށް ކަމަށެވެ. އަދި ހާއްސަކޮށް ދުނިޔޭގެ ފުޓުބޯޅައަށް ހެޔޮ ބަދަލެއް ގެންނަން ފީފާއިން ބުރަކޮށް މަސައްކަތް ކުރަމުންދާނެ ކަމަށް އިންފެންޓީނޯ ވިދާޅުވެފައިވެއެވެ.
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް