ޚަބަރު

އުކުޅަހު ބަނދަރު މަޝްރޫއު އަންނަ އަހަރުގެ ޖެނުއަރީގައި ނިންމައިލެވޭނެ: އާޒިމް

އަލީ ޔާމިން

އއ. އުކުޅަހުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ބަނދަރުގެ މަސައްކަތް އަންނަ ޖެނުއަރީގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީން އަންނަނީ އުކުޅަހު ބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރަމުންނެވެ. އަދި އެކުންފުންޏާ ވަނީ އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއުވެސް ހަވާލުކޮށްފައެވެ.

އުކުޅަހު ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 10 ނޮވެމްބަރ 2020 ގައެވެ.

މަޝްރޫއުގެ ދަށުން، 19,630 ކިއުބިކް މީޓަރުގެ ސަރަހަދެއްގެ ބަނދަރު ފުންކުރުމާއި 136 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި 586 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއަކީ 19.92 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އާޒިމް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ނުނިމި އޮތީ ޖެޓީގެ މަސައްކަތާއި ބްރޭކްވޯޓާ އިތުރަށް އުސްކުރުމުގެ މަސައްކަތް ކަމަށެވެ.

"ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައި މިވަނީ، ބަނދަރުގެ ކީ އޭރިއާ މިހާރު ނިމިފައި މިވަނީ. އޭގެ އިތުރުން މިހާރު އޮންނާނީ ޖެޓީގެ މަސައްކަތާއި ބްރޭކްވޯޓާ އިތުރަށް އުސްކުރުމުގެ ބައި. އެބައި އިރާދަކުރެއްވިއްޔާ ޑިސެމްބަރު ޖެނުއަރީ ހާތާނގައި އެއްކޮށް ނިންމާލެވޭނެ" އާޒިމް ވިދާޅުވިއެވެ.