ސެޕްޓެމްބަރު މަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި އެކްޓަރު ސިދާތު ޝުކްލާގެ އެންމެފަހުން ކުޅެފައިވާ ވީޑިއޯ ލަވަ ރިލީސްކޮށްފިއެވެ.

ޝެހެނާޒް ގިލް އަދި ސިދާތު ކުޅެފައިވާ މި ލަވަ ރިލީސްކޮށްފައިވަނީ އިއްޔެއެވެ.

ލަވަ ރިލީސްކޮށްފައިވަނީ ޝޫޓިންގެ ތެރެއިން ނަގާފައިވާ މަންޒަރުތައް ހިމަނައި އޭނާ މަތިން ހަނދާން ކޮށް ޝެހެނާޒްގެ އިތުރު ހުށަހެޅުމަކާ އެކުގައެވެ. މިލަވައިގެ ސަބަބުން ސިޑްނާޒް ގެ ފޭނުންނަށް ވަނީ ސިދާތުގެ ހަނދާންތައް އާކޮށްދީފައެވެ. ލަވަޔަށް ކޮމެންޓުކޮށް ގިނަ ބަޔަކު ބުނެފައިވަނީ ސިދާތު ދުނިޔޭގައި ނެތްކަން އަދިވެސް ގަބޫލުކުރަން ދަތި ކަމަށާއި އޭނާ މަތިން އަބަދުވެސް ހަނދާން ވާނެ ކަމަށެވެ.

ލަވަ ކިޔާދީފައިވާ ޝްރެޔާ ގޯޝާލް ވަނީ ލަވަ ރިލީސްކުރަން އުޅޭކަން މީގެ ކުރިން ހިއްސާކޮށް ސިދާތަށް ހާއްސަ ޓްރިބިއުޓެއް ދީފައެވެ. އޭނާގެ އިންސްޓަގުރާމުގައި ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ ސިދާތަކީ އޭނާއަށް ލޯބިކުރާ ފޭނުންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ފަނޑުވުމެއް ނެތް އަލިގަދަ ތަރިއެއް ކަމަށާއި އޭނާގެ ހަނދާންތައް އަބަދުވެސް އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

ސެޕްޓެމްބަރު 2 ވަނަ ދުވަހު ސިދާތުގެ ކުއްލި ވަކިވުމަށްފަހު ޝެހެނާޒް ކެމެރާގެ ކުރިމަތިން އެންމެފަހުން ފެނިފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ''ހޯންސްލާ ރަކް" ޕުރޮމޯޓު ކުރުމުގެ ތެރެއިންނެވެ. ސިދާތުގެ މަރާއެކު ޝެހެނާޒަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.