ވާހަކަ

ވަކިވާން ޖެހުމުން - 10

1

"މަ…މަން…މާ…!"

ޝާމިންގެ ވޭނާއި ތަދުން ފުރިގެންވާ ގޮވުމުގެ އަޑަށް، ޝައުފާގެ ނިންޖަށް ބަލިވެގެން ގޮސް މެރެމުން ދިޔަ ދެލޯ ހުޅުވާލެވިއްޖެއެވެ. އެސްފިޔަތައް ތަޅުވާލަމުން އިށީނދެގެން އިން ގޮޑިން ތެދުވެ، ޝައުފާ އެނދުގައި ހުދު ފޮތިގަނޑަކާއި ކަނޑުނޫކުލައެއްގެ ރަޖާއަކުން ފޮރުވިފައިވާ ޝާމިންއަށް ބަލާލިއެވެ. ދެބައިކުޅަ އެއްބަޔަކަށް މެރިފައިވާ ލޮލުގެ ހިމަކޮޅުން ފޭދެމުންދާ ކަރުނަ ތިކިތަކަކުން ޝާމިންގެ ހެޔޮވަރު މިނަކަށް ހުރި ތުނބުޅި ތެންމަމުން ދިޔައެވެ. ކުލަމަރުވެ ދޮންފޫޑުވެފައިވާ މޫނާއި ހިކިގެން ގޮސް ފަޅައިގެން ގޮސްފައިވާ ތުންފަތުން ޝާމިންގެ ގައިގައި އަޅާ ވޭން ކިތަންމެ ރަނގަޅަށްވެސް ފެންނަމުން ދިޔައެވެ.

"ކީކޭ….؟"

އެނދާއި ކައިރިއަށް ޖެހި، ޝާމިންގެ ފިނިވެފައިވާ އަތްތިލައިގައި ހިފަހައްޓާލަމުން ޝައުފާ އަހާލިއެވެ. "ޝާމިން…ކީކޭ…؟" ޝާމިންގެ ޖަވާބެއް ނުލިބުމުން އަނެއްކާވެސް ޝައުފާ ގޮވާލިއެވެ.

"ޝައު… މިއީ ވާވަރުގެ ކަމެއް ނޫން… ކެތެއް ނުވާނެ… ހާދަ ތަދެކޭ މިވަނީ… މޭގަޑު ހީވަނީ އިރައިގެން ހިނގައިދާނެހެން… ނޭވައަށްވެސް އެބަ އުދަނގޫވޭ… ހީވަނީ އެސްތްމާ އެޓޭކްއެއް އަންނަން އުޅޭހެން… ވާހަކަ ދައްކަންވެސް އެހާ އުދަނގޫ…" ޝާމިންގެ ބަރު ރީތި އަޑު ހުރީ ކުރެހިފައެވެ. އަކުރުތަކަށް ބާރުލަމުން ވާހަކަ ދެއްކިގޮތުން ޝާމިންއަށް އަނގަ ހުޅުވައި، ދޫ ހަރަކާތް ކުރަން ދަތިވެފައިވާ ވަރު ކިތަންމެހާވެސް ރަނގަޅަށް ދޭހަވެއެވެ.

"އަނހާ… ތި މުޅިން ގޯސް ހިޔާލެއް… ބަލަ… ބަލާބަލަ… ޝާމިންގެ އަމިއްލަ ޔޮޓްބޯޓެއް އެއޮތީ ބަނދަރުގަ… އަމިއްލަ ޕްރައިވެޓް ލެންބޯގިނީގަ… ބްލޫޓޫތުން ވާހަކަ ދައްކަމުން… ކާރުން ފައިބައިގެން ގޮސް ޔޮޓަށް އެއަރަނީ… ހަފުތާ ބަންދަށް މަސްދަތުރަކަށް ރައްޓެހިންނާއެކު ފުރަނީ…" ޝައުފާ، ޝާމިންގެ އަތްތިލައިގައި މަޑުމަޑުން ފިރުމަމުން ވާހަކަ ދެއްކިއެވެ.

"އެކަހަލަ ކިތައް ހުވަފެން ސީދާ ކުރަން ޝާމިން މަސައްކަތް ކުރަން ޖެހޭ… ޑެޑީގެ ވަސިއްޔަތުގައި ޝާމިން ކީއްކުރާށޯ ބުނެފަ އޮތީ…"

ޝައުފާ، މަސައްކަތް ކުރީ ޝާމިންގެ ބަލިފައިން އެހީއެއް ހޯދައިގެން ޝާމިނަށް ވިސްނައިދެވޭތޯއެވެ. ޝާމިންގެ ބަލިފަޔަކީ އޭނާގެ މަރުހޫމް ބައްޕާފުޅުދެކެ ވާލޯތްބެވެ. އެ ޑެޑީއަކީ ޝާމިންގެ ހިތުގެ ވިންދެވެ. މޭގެ އެތިކޮޅެއްދެކެ ލޯބިވާ ވަރަށްވުރެ ބޮޑަށް ޝާމިން ޑެޑީ ދެކެ ލޯބިވެއެވެ. ޝާމިންގެ ނަމޫނާ ޝަހުސިއްޔަތަކީވެސް އެއީއެވެ. ކަމެއް ކުރާއިރު ޑެޑީއާ އެއްގޮތަށް އެކަމެއް ކުރެވޭތޯ އަބަދުވެސް އޭނާ މަސައްކަތް ކުރެއެވެ.

"ޝާމިންގެ ރޯލްމޮޑެލެއްނު ޑެޑީއަކީ… ތިކަމަކީ ޑެޑީ ކުޑަކޮށްވެސް ރުހޭނެ ކަމެއް ނޫން… ޑެޑީ ކަށިގަނޑު ބެއްލެވިޔަސް، ބޭރުގެ މޮޅު ސުއްޓާ ބެއްލެވިޔަސް އެކަންތައްވެސް ހެޔޮ ހަޔާތުގައި ހުއްޓަވާލެއްވިއެއްނު… ވީއިރު ޑެޑީގެ ލާޑްލާ ތި ދަރަޖައަށް ވެއްޓެން ބޭނުންވެލައްވާނެތަ…؟ އެހެންވެ މިބުނަނީ… ކުޑަކުޑަ ހިތްވަރެއްކޮށްބަލާށޭ…" ޝައުފާ ޝާމިންގެ އަތްތިލައިގައި މަޑުމަޑުން ފިރުމަމުން ވާހަކަ ދެއްކިއެވެ.

"ޝާމިން ތީ ނުލާހިކު ސްމާޓް އިންޓެލިޖެންޓް، ޖީނިއަސް މައިންޑެޑް މޭން އެއް… ނުވާނެ ވަރުގެ ކަމެއް ނޫން ތީ… އެހެންނޫނަސް ތިކަމާ އެކުގައި، ލައިފެއް ލިބެން އެބައޮތްތަ…؟ އަމިއްލަ ހަށިގަނޑާއި ސިކުނޑި ހަލާކަށް އެއްލާލައިގެން ޔުއާނާއަށް ވާނެ ވަކި ދެރައެއް އެބައޮތްތަ… އޭނަގެ ހިތަކަށް ނާރާނެ އަނދާ ހުލިވެގެންދާ އަޅިކޮޅެކޭވެސް… ހުރިހާ ދެރައެއް ލިބޭނީ ހަމަ ޝާމިނަށް… ވަޒީފާ ގެއްލި، ލިބިފައި ހުރި އިލްމަކާއި އުފެދުމުގައި ކަލާނގެ ދެއްވާފައިވާ ހިލްމު ބޭކާރުވެ، މައިންބަފައިންގެ ފުށުން ވާރުތަވެފައިވާ ޝާހީ ލަގަބު ވެއްޔާ މޮޑެވި، އަތްމަތި ހުސްވެ ދަރަނިވެ، ގޮތްހުސްވެ، މަގުމަތިވެ، ދުވާރަށް ވެއްޓި، އެކިޔާ ޕޭވްމަންޓަށް ވެއްޓި، އެންމެ ފަހުން ހަދާނެ ނަހަދާނެ ގޮތް ނޭނގި، އަމިއްލައަށް މަރުވާ ހިސާބަށް ދާނީ… ޝާމިންދެކެ އިންތިހާއަށް ލޯބިވާ ބައިވަރު މީހުން އެބަތިބި… އެމީހުންނަށް ކިހިނެއް ވާނީ…"

ޝައުފާ ނުހަނު އޯގާތެރިކަމާ އެކު ޝާމިނަށް ވިސްނައިދެމުން ދިޔައެވެ. ބަސްއަހާ ދެތިން އަހަރުގެ ކުޑަކުޑަ ކުއްޖެއްހެން ޝައުފާގެ ވާހަކަ އަޑުއަހަން އޮތް ޝާމިންގެ ލޮލުން ކަރުނައިގެ ތެތްކަން ފާޅުވަމުން ދިޔައެވެ. ޝައުފާ، އެކި މިސާލު ބޭނުންކޮށްގެން ޝާމިނަށް ހިތްވަރު ދެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އެކަމަކު ޝާމިން އެހަނގުރާމަ ކުރަނީ ކިހާ ވަރެއްގެ ބާރުގަދަ ވޭންހުރި އެހާމެ ނުރައްކާތެރި ބައްޔަކާކަމެއް ޝައުފާއަކަށް ނޭނގެއެވެ. ކިތަންމެ ހިތްވަރެއް ދިނަސް ކިތަންމެ ލޯތްބާއެކު ވިސްނައިދީ އޯގާތެރިކަމާއެކު ހޭހަން ކުރިޔަސް، ކަމާ ގުޅޭ ބޭހާ ނުލައި، މިބައްޔަށް ކެތްނުކުރެވޭނެ ކަމެއް ޝައުފާއަކަށް ނޭނގެއެވެ.

"ޝައު… އަޅެ ހެޔޮނުވާނެ… ކޮންމެވެސް ކަހަލަ ބޭހެއް ދޭށޭ ޑޮކު ގާތު ބުނެބަލަ… މަށަކަށް ކެތެއް ނުވާނެ… ވަރަށް ތަދުވެއޭ…ޕްލީޒް…" ޝާމިން، ޝައުފާގެ އަތްތިލައަށް ބާރުކޮށްލިއެވެ. އޭރު އެއަތުގައި ފިނިކަމާ އެކު ތުރުތުރު އެޅުމެއްވެސް ހުއްޓެވެ.

މީގެ ހައެއްކަ ގަޑިއިރު ކުރިން ޝައުފާއަށް ޝާމިންގެ ފޯންކޯލް އައީ އޮފީހުން ނިމިގެން ނޯޔާގެ ސައިންސް ވޯކްޝީޓްތަކެއް ތައްޔާރު ކުރަން އިންދައެވެ. ޝާމިން އެހީއަކަށް އެދި ގޮވާލުމާ އެކު އަވަސް އަވަހަށް ކުރަން ހުރި މަސައްކަތެއް އެހުރިވަރަކުން ހުއްޓާލާފައި އޭނާ ކާރެއްގައި ޝާމިން ހުރި ތަނަށް ދިޔައެވެ. ޝާމިން ގަޔަކު ސައިކަލް ދުއްވާނެ ވަރެއް ނެތުމުން، ދުއްވުމާ ހަވާލުވެ، ޝާމިން ގޮވައިގެން، ހޮސްޕިޓަލަށް އައީ ޝައުފާއެވެ. އިމަޖެންސީ ޔެލޯ ޒޯންގެ ނަރުހުންނާއި ޑޮކްޓަރުން ޝާމިނަށް ފަރުވާ ދޭން އަވަސްވެގަތީ ތަނުގެ މެނޭޖްމަންޓަށް އެއީ ކޮންގެއެއްގެ ކާކުގެ ދަރިއެއްކަން އެނގޭތީ، ހާއްސަކޮށް މަރްހޫމް ސައްތާރު ސައީދުގެ ދަރިފުޅަށް ވީތީއެވެ.

ހޮސްޕިޓަލުގެ އީއާރްގެ ގަވާއިދު އޮންނަ ގޮތުން ބަލިމީހާ ބާއްވާ ގޮތަށް ވަކި ބޭހެއް ދީ ފަރުވާ ފަށާކަށް ނޯވެއެވެ. އޭގެ ބަދަލުގައި ހާއްސަ ޓެސްޓްތަކެއް ހަދައި އެކްސްރޭ ނަގައި ވަގުތީ ފަރުވާ ދެމުން ގޮސް ހަތަރުގަޑިއިރަށް ފަހު ފަސްވަނަ ގަޑިއިރުގައި ބަލިމީހާއަކީ ކޮން ބައްޔަކުން ވޭން އުފުލާ މީހެއްކަން ދެނެގަތުމަށްފަހު ވަގުތީ ފަރުވާއެއްގައި ބަލިމީހާ ބޭއްވެނީ ސައުވީސް ގަޑިއިރު ތެރޭ އެބައްޔަކާ ބެހޭ ސްޕެޝަލިސްޓުން ދުރުވެ ބަލިމީހާއަށް ފަރުވާދޭން ފަށަންދެނެވެ.

ޝާމިންވެސް އެއޮތީ އެގޮތުގެ މަތިން އާދައިގެ ޕެއިންކިލާއަކާއި ހޮޑާއި ބޭރަށް ހިނގުމަށް ބޭހެއް ދިނުމަށްފަހު، ސައިކޭޓްރިސްޓުން، ދުރުވަންދެން ބޭއްވިފައެވެ. ހޮސްޕިޓަލުގެ އީއާރްގެ ނަރުހުންނާއި ޓްރެއިނީ ޑޮކްޓަރުންނަށް ޝާމިންގެ ގައިގައި އަޅާ ވޭން ބުނެދިނަސް ކަމުގެ ފަރުވާ ދެނެގަތުމުގެ ގާބިލުކަމެއް ލިބިފައި ނެތެވެ. އިރެއް އިރަކަށް ވޭނާއި ތަދު ބޮޑުވަމުން ގޮސް ޝާމިންގެ ކެތްތެރިކަން ކޮޅުން ލާން ފަށައިފިއެވެ. ދެދަތްޕިލަ ޖެހި ބާރުވާ ކަހަލަ ގޮތެއް ވާން ފަށައިފިއެވެ. މިއީ އޭނާ އެންމެ ބިރުން އުޅުނު ކަންތަކެވެ.

ހޮނޑުލަވާނެކަން އެނގޭތީ ބޭރަށް ހިންގާ ގޮތް ވާނެ ކަން އެނގޭތީ އެކަންތަކަށް ބޭހެއް ހޯދައިގެން އޮތަސް މިހާރުވާން މިއުޅޭކަން ހުއްޓުވަން ކުރާނީ ކީއް ހެއްޔެވެ. އަދިވެސް ނަފުސާނީ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރުގެ ހަބަރެއް ނުވެއެވެ. އޭނާ މިތާނގައި އެނދުމަތި ވެގެން މިއޮތީ އާއިލާގެ އެއްވެސް މީހަކަށް ނާންގާ ސިއްރު ސިއްރުންނެވެ. ޝައުފާގެ ބެލެނިވެރިކަމުގެ ދަށުން ޝައުފާ ޒިންމާ ވާ ގޮތަށެވެ.

"ޝާއު…ފާ…"

ޝާމިންގެ އަޑު ބެދިއްޖެއެވެ. ދެލޯ ބޮޑުވެގެން ގޮސް ހީވީ ލޮލުގެ ކަޅި ވިއްސައިގެން ގޮސްދާނެހެނެވެ. އަތާއި ފަޔަށް ވާންވެގެން ދިއުމާ އެކު ހަށިގަނޑު އިދިފުށަށް ދަމައިގަންނަ ކަހަލަ ގޮތެއް ވެއްޖެއެވެ. ދާދި ގާތުގައި ހުރި ޝައުފާ ބިރުން ރޫރޫ އަޅައިގަތެވެ. އަސްތާ ސުބްހާނަااللهއެވެ! ޝާމިނަށް އެވަނީ ކިހިނެއްބާވައެވެ. ޝާމިންގެ އަތުގެ ތެރޭގައި އޮތް އޭނާގެ އަތްތިލަ ހީވަނީ ފުޑުފުޑުވެދާނެހެނެވެ.

ތަންކޮޅެއް ދުރުގައި ހުރި އެނދެއްގައި އޮތް ބަލިމީހެއް ގާތުގައި ހަރަކާތްތެރިވާން ތިބި ހަތަރު ވަރަކަށް ނަރުހުންނަށް ޝައުފާ ބާރަށް ގޮވާލިއެވެ. އެގޮތަށް ގޮވުމުގެ ކުރިން ނަރުހުންނާއި ޑޮކްޓަރުން ތިބޭ ދިމާއަށް ކިތަންމެ ފަހަރަކު އޭނާ ބަލާލިއެވެ. އެކަމަކު އެތާނގައި އެއްވެސް މީހަކު ފެންނަން ނެތުމުން ބާރަށް ގޮވަން ޖެހުނީއެވެ.

އޮން ޑިއުޓީގައި ހުރި ޑޮކްޓަރު ތެޅެމުން ފޮޅެމުން އައިސް ޝާމިންގެ އެނދު ކައިރިއަށް ހުއްޓިލިއެވެ. ވޭނުގައި ތެޅެމުން ދިޔަ ޝާމިންގެ އަތުގައި ހިފާލިއެވެ.

"ޝާމިން…ޝާމިން"

ދެފަހަރަކު ޑޮކްޓަރު ގޮވާލިއެވެ. ޑޮކްޓަރުގެ ގޮވުމަށް އިޖާބަ ދޭނެހާ ވަރެއް ނެތް ޝާމިންގެ ކަޅި ޑޮކްޓަރުގެ މޫނަށް ހުއްޓިއްޖެއެވެ. މިވަނީ ކީއްކަން ނޭނގި ހުރި ޝައުފާ ބިރުގެންފައިވާ ގޮތަކަށް ސުވާލުގެ ނަޒަރަކުން ޑޮކްޓަރަށް ބަލާލިއެވެ.

"ފިޓެއް ޖެހެން އުޅުނީ…"

ނަރުސް ގެނެސްދިން އިންޖެކްޝަން ޝާމިންގެ ގަޔަށް ޖެހުމަށްފަހު ޑޮކްޓަރު ޝައުފާއަށް ޖަވާބުދިނެވެ.

"ފިޓަށް އިންޖެކްޝަނެއް މިދިނީ… އިރުކޮޅަކުން ރަނގަޅުވެދާނެ… މިހާރު ސައިކޭޓްރިސްޓުންނަށް އަންގާފައި އޮންނާނީ… ހީވަނީ އިރުއޮއްސި ހަތެއް ޖަހާއިރަށް މިކޮޅަށް ދުރުވާނެހެން…"

ޑޮކްޓަރުގެ ވާހަކައަށް ޝައުފާ ރައްދު ޖަވާބުދޭން ބޭނުންނުވީ ހިތްހަމަނުޖެހުން ފާޅުކުރަން ބޭނުން ނުވާތީއެވެ. ހާލުދެރަ ބަލިމީހަކު މަރާ ހަމައަށް ގެންދާ ވަރުގެ ހާލަތެއްގައި އޮތްއިރުވެސް ޑޮކްޓަރަށް އާދެވެން އޮތީ އެހެން ހުރިހާ ކަމަކުން ސަލާމަތްވެގެންނެވެ. ކޮންކަހަލަ ޑޮކްޓަރުންތަކެއް އުޅޭ ހޮސްޕިޓަލެއްބާވައެވެ. މާލޭގެ އެތައް ބައިވަރު ބަލިމީހުން ފަރުވާ ހޯދަން އަންނަ އައިޖީއެމްއެޗްގެ ހާލަކީ މިއީ ހެއްޔެވެ. މާލެ އެކަންޏެއް ނޫނެވެ. ރާއްޖޭގެ އެތަންމިތަނުން މިހޮސްޕިޓަލަށް އަންނަ ބަލިމީހުންނަށް ފަރުވާ ދެނީ މިގޮތަށް ހެއްޔެވެ؟! ޝާމިން ކަހަލަ ޒުވާނުންނަށް މިހޮސްޕިޓަލުން ފަރުވާ ދެނީ މިގޮތަށް ކަމަށް ވަންޏާ އެކަކުވެސް ސަލާމަތެއް ނުވާނެތާއެވެ.

ވިސްނާ ފިކުރު ކުރުމުގެ ސިލްސިލާ ދެއަތަކަށް ހޫރުވާލި ބޮލާ އެކު ސިކުނޑި ފޮޅާލަމުން ޝައުފާ ޑޮކްޓަރު ގޮސް އެހެން އެނދެއްގައި އޮތް އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައި އެތައް ތަނަކުން ހޮޅިތައް ގުޅާފައި އޮތް ބޭބެއެއްގެ ފައިލު ނަގައިގެން އެބޭބެއާ ސުވާލުތަކެއް ކުރަން ފެށި މަންޒަރުން ކަޅި ދުރުކޮށް ޝާމިނަށް ސަމާލުވެލިއެވެ. ޑޮކްޓަރު ދިން އިންޖެކްޝަނުގެ ބާރުގައި ކަމަށް ވެދާނެއެވެ. ޝާމިނަށް އޮތީ ނިދިފައިކަން ނޭނގެއެވެ. މެރިފައިވާ ދެލޮލުގެ ދިގުއެސްފިޔަތައް ޝައުފާއަށް ރަނގަޅަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ތެދުތެދަށް ބުނަންޏާ ޝާމިންގެ މޫނަށާއި ހަށިގަނޑަށް މިގޮތަށް މިހާގާތުން ފަރުވާވެ ބަލައިލެވުނު މިއީ ހަމަ އެންމެ ފުރަތަމަ ފަހަރެވެ.

ޝާމިންގެ ރީތިކަމާއި ފިރިހެންވަންތަކަމަށް ދައްކާނެ ނަމޫނާއެއް ނެތެވެ. ވަރަށް ފުރިހަމައެވެ. ރީތި ހުތުރު ސިފަ ކިޔަން އެނގޭ މީހަކު ބުނާނީ ޝާމިނަކީ ޝާހީ ޝެހެޒާދާއެކޭ ޕްރިންސް ޗާމިން ޝާމިން… ހިތް ދަމައިގަންނަ ރީތިމީހެކޭ ކަން ޔަގީނެވެ. ދިވެއްސެއްގެ ސިފައަށްވުރެ ޝާމިންގެ ސިފަގަނޑު ވައްތަރު ވަނީ ޔޫރަޕް ހިސާބުގެ ފިރިހެނުންގެ ސިފަތަކާއެވެ. ހަމުގެ ކުލަ ދޮން ނުވިޔަސް މޫނުގެ ބައްޓަމާއި ބުމަ އާއި ލޮލާއި ދަތްދޮޅި، ކުޑަކުޑަކޮށް ނުރައިގެ ހުދުކުލަ (ރަންފާޑެއްގެ ދަޅައެއްއަރާކުލައެއް) ފާޅުވާ ތުބުޅިމަތިމަސް، ފުޅާ ބާމައްޗާއި ބާރުގަދަ މުލައްދަނޑި، އިންޖީނުފަދަ ގަދަފަދަ މެޝިންތަކުގެ މަސައްކަތްކުރާ މެކޭނިކް އިންޖިނިއަރެއްގެ ބާރުގަދަ އިނގިލިތަކާއި ސާފުތާހިރު، ރީތިކޮށް ކަޑާފައިވާ ނިޔަފަތިތަކާއި ދިމާލުން… މަޑުމަޑުން ޝައުފާގެ ނަޒަރު އެންމެ ފަހުން ގޮސް ހުއްޓުނީ ޝާމިންގެ ރީތިސާފު އޮފް ފިޔަވަޅަށެވެ. މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ އެއަށް ދެވިހިފާފައިވާ އަދި އެތައް އަހަރެއް ވަންދެން އެނުބައި ވަބާގެ ތެރޭ ގެއްލިހަލާކުވެފައިވާ ޒުވާނެއްގެ އަތްތިލަ އާއި ފައިތިލަ އެހާ ސާފުތާހިރުކޮށް ހުރުމުން، ހަގީގީ ދެވިން (ކޯއެޑިކްޓުން)، މަސްތުވުމަށް ދެވިހިފާފައި ތިބޭ މީހުންގެ ނުތާހިރުކަމާއި އެމީހުންގެ ހަށިގަނޑުގެ ކަމީނާކަމާއި ސިފަބުރުސޫރަ ގެއްލިފައި ތިބޭއިރު އުޅުމާއި އަހުލާގު ސުމަކަށް ވެއްޓި، ގޮތެއްފޮތެއް ނެތް އާވާރާ ލާހޫރުމުގެ ތެރޭ، ކެއިންބުއިން ނެތި ނިންޖާއި އަރާމުން މަހްރޫމްވެ، މީހާގެ ރެ އާއި ދުވާ އެއަގުބޮޑު ނުބައި ތަކެތި ހޯދުމަށް ތެޅިފޮޅުމުގައި އުޅެ، އެތިކޮޅު ލިބުމާ އެކު ގައިގައި އަޅާ 'ވިތުޑްރޮވަލްސް' ނުވަތަ 'ސިކް' ބަލީގެ ވޭނުން މިންޖުވުމަށް، އަވަހަށް އެބޭނުން ކުރުމަށް ތެޅިގަނެ، ދުނިޔޭގެ އެހެން ހުރިހާ ކަމަކަށް ޣާފިލުވެގެން އެކަމުގެ ތެރޭ މީހާގެ ރެ އާއި ދުވާ ހުސްކުރެވިގެން ގޮސް އާއިލާ އީއި ރައްޓެހިންނާއި ތިމާދެކެ ލޯބިވާ އެންމެންނާހެން ވަކިވެ، އެންމެ ފަހުން އެކަހެރިކަމާއި އެކަނިވެރިކަމާއި ނާކާމިޔާބީ އާއި ބަދުނާމްގެ އިތުރަށް ފައިސާގެ ދަތިކަމާ ހުރެ ބޭނުންވާ ވަރަށް އެއެއްޗެހި ނުލިބި ގައިގައި އަޅާ ވޭނަށް ކެތްނުވެގެން ގޮސް، އެތައް ބައިވަރު ހާސްވުންތަކާއި ފިއްތުންތަކާ އެކު މީހާ އަމިއްލައަށް ދަންޖެހި ނުވަތަ އެނޫންވެސް އެހެން ކުފުރު މަރަކުން ނިމިދާ މީހުންނާ، ޝާމިނުގެ ތަފާތުކަން ކިތަންމެހާވެސް ސާފުކޮށް ދެފުށްފެންނަހާ ރަނގަޅަށް ފެނެއެވެ. މިފަދަ ޒުވާނަކު ގެއްލި ހަލާކުވުމަށް ދޫކޮށްލެވޭނީ ކިހިނަކުން ކޮންފަދައަކުން ހެއްޔެވެ. ހަމަގައިމުވެސް މިޒުވާނާވެސް އެވަބާގެ ޝިކާރައެއްގެ ގޮތުގައި، އެދެވިން ސަލާމަތްނުވެ އޭގެ އަވާގައި ޖެހިފައި މިއަށްވުރެ ދިގު މުއްދަތަކަށް ދެމި ހުރެއްޖެނަމަ، އެހެން އެފަދަ ދެވިހިފާފައިވާ މީހުންނެކޭ އެއް ފެންވަރަށް، އެދަށު ނިކަމެތި ދަރަޖައަށް ވެއްޓުން، ފަހަރެއްގައި، ނޫން… ޔަގީނާ ގާތަށް، އެކަށީގެންވެއެވެ.

ޝައުފާގެ ވިސްނުމާއި ފިކުރުގެ ސިލްސިލާއަށް ހުއްޓުމެއް އައީ ހަމަހިމޭނުން އޮތް ޝާމިންގެ ހަށިގަނޑަށް ހަރަކާތެއް އައިތަން ފެނިފައެވެ. ތެޅިގަތުމަކާ އެކު ކުއްލިއަކަށް ފުންމައިގެން ކަހަލަ ގޮތަކަށް ޝާމިން ތެދުވެއްޖެއެވެ. ތެދުވި ބާރުމިނުގައި ގައިމަތީގައި އޮތް ހުދުކުލައިގެ ފޮތިގަނޑު އެއްފަރާތަކަށް ޖައްސާލުމަކާ އެކު އެނދުން ފައިބަން ދިމާކޮށްލިއެވެ.

"ކިހިނެއްވީ…؟ ޝާމިން… ހޮނޑުލަވަނީތަ…؟ އެއްޗެއް ބޭނުންވީތަ…؟"

ހުށިޔަރުކަމާ އެކު ކުރިއަށް ޖެހި ޝާމިނުގެ އަތުގައި ހިފަހައްޓަމުން ޝައުފާ އަހާލިއެވެ.

"ފާހަނާ… ފާހަނާއަށް ދާން… އަވަސް… ޕްލީޒް… ވަރަށް އަވަސް..!!!"

ޝާމިންގެ ކުލަމަރުވެ ވިދުންކެޑިފައިވާ ދެލޮލާއި ވަޅުވަދެފައިވާ ކޯތާފަތާއި ހަންފޮޅޭ ކަހަލަ ގޮތަކަށް ހުރި ހިކިފައިވާ ދެތުންފަތާއި ހޭވިފައިވާ އިސްތަށިގަޑުން މުޅިން އެހެން ސިފައެއް ފާޅުވާން ފަށައިފިކަން ޝައުފާއަށް ފާހަގަވެއްޖެއެވެ. އާނއެކެވެ. ކަމާބެހޭ ގޮތުން އޭނާ އެއްކޮށްފައިވާ މައުލޫމާތުތަކުގައި ވަނީ ތެދެއްކަން ގަބޫލު ކުރަން ޖެހުނީއެވެ. ބޭނުންވާ އެތިކޮޅު ނުލިބި ގިނައިރުވެ، އެއަށް މީހާގެ ހަށިގަނޑު ބޭނުންވެ، ނުލިބުމުން ގައި ބާރުދެރަވެ މުޅިން އެހެން ސިފައަކަށް މީހާގެ ބޭރުފުށުން ފެންނަން ހުންނަ ސިފަ ބަދަލުވާނެ ވާހަކަ އަކީ ކިހާބޮޑު ތެދެއް ހެއްޔެވެ. ޝާމިންގެ އުޖާލާ މޫނުމަތި ހީވަނީ މަރުވެގެން އެތައް އިރެއް ވަނދެން ސަހަރާގައި ބާއްވާފައި އޮތް މައްޔިތެއްގެ މޫނުހެނެވެ. އެރީތި ދެލޮލުގައި ވަނީ ފިނިކަމެކެވެ. ދިރުން ކެޑިފައިވާ އެސިފަ ފެނުމުން ޝައުފާއަށް ތެޅިގަނެވުނެވެ. ހޮސްޕިޓަލަށް އައިއިރު ޝާމިން ހުރި ސިފަ ވޭތުވެގެން ދިޔަ އަށެއްކަ ވަރަކަށް ގަޑިއިރު ތެރޭ ކިހާ ބޮޑަކަށް ބަދަލުވެއްޖެހެއްޔެވެ. އަސްތަޣްފިރުاللهއެވެ. މިއީ ކޮންފަދަ ބިރުވެރި އަޅުވެތިވުމެއް ހެއްޔެވެ.

"އާދޭ… ގެންގޮސްދޭނަން…"

ފާހަނާއަށް އެކަނި ޝާމިން ފޮނުވަން ބޭނުން ނުވާތީ ޝައުފާ ޝާމިންގެ އަތުގައި ހިފައިގެން ގޮވައިގެން ކަހަލަ ގޮތަކަށް ފާހަނާއާ ދިމާލަށް ހިނގައިގަތެވެ.

"ޝައު މަޑުކޮށްލާނަން… ޝާމިން ވަދެފައި ނުކުމޭ… ކަމެއް ބޭނުންވިޔަސް އެނބުރުން އަރައި ވެއްޓޭ ކަހަލަ ކަމެއް ވިޔަސް ގޮވައްޗޭ… މިތާ ކައިރީގައި ހުންނާނަން…"

ޝާމިން ފާހަނާއަށް ވަދެ ދޮރު ލައްޕާލުމުން ކުޑަކޮށް ދުރަށް ޖެހި ހަށަން ބަދެލަމުން ޝައުފާ ފުންނޭވާއެއް ލިޔެވެ. ދެން ހަދާނެ ގޮތަކާ މެދު ވިސްނާލުމަށް އެތާނގައި ހުރި ތަނބެއްގައި ލެނގިލަމުން ޝައުފާ ލޯމަރާލިއެވެ.

"ޝައު… ފެންފޮދެއް ގެނެސް ދީފާނަންތަ… ހޮޑު ލެވުނީ… އަދިވެސް ހޮޑުލަވަނީ… ޕްލީޒް..."

ޝައުފާއަށް ޝާމިންގެ އަޑު އިވުމުން އެދިމާއަށް ބަލައިލިއެވެ. ފާހަނާގެ ދޮރު ކުޑަކޮށް ހުޅުވައިގެން އެތެރޭގައި ހުރި ޝާމިންގެ މޫނުމަތިން އޯކަށް ދެމުމުގެ އުދަނގޫ ފެންނަމުންދިޔައެވެ. ޝާމިން އަށް ފެންތަށްޓެއް ގެނެސްދިނުމަށް އަވަސް ހަލުވި ފިޔަވަޅުތަކެއްގައި ޝައުފާ ހިނގައިގަތީ ޝާމިން އެނދުމަތި ކުރެވި ބޭއްވުމަށް އެތަނުން ހަމަޖެއްސި އެނދު ހުރި ދިމާއަށެވެ.

ފުރުސަތަކަށް ބަލަބަލާ ހުރި ޝާމިނަށް ޝައުފާ ގޮސް އީއާރްގެ އަނެއް ފަރާތަށް ވަދެ ނިވާވެލިތަން ފެނުމާ އެކު ގަޔަށް ލެވުނު ބާރެއް ލާފައި ފަޔަށް ވަރު ގެންނަމުން އަވަސް ހިނގުމެއްގައި ބާރަށް ގޮސް އީއާރްގެ ބޮޑު ދޮރުން ބޭރަށް ނުކުމެއްޖެއެވެ. ނަސީބު އޭނާއަށް ދިން ރަނުގެ ފުރުސަތު ކިތަންމެހާވެސް ރަނގަޅެވެ. ނަރުހުންނާއި ޑޮކްޓަރުން ޑިއުޓީ ބަދަލުވާ ގަޑިއަށްވުމުން ހަރަކާތްތެރިވަމުން ދިޔައީ ތިމަތިމާމެންގެ ޑިއުޓީގެ އެންމެ ފަހުގެ ކަންތައް ކުރުމަށްފަހު އަންނަ މުވައްޒަފުންނަށް ޑިއުޓީ ޑެލިގޭޓްކޮށް ދިނުމުގެ މަސައްކަތުގައެވެ. އިމަޖެންސީރޫމްގެ ދޮރުން ނުކުމެވުމާ އެކު ޝާމިން މިސްރާބު ޖެހީ ކެންޓީނާ ވީ ދިމާއަށެވެ. އެދިމާލުން މަގަށް ނުކުތުމަށް ފަސޭހަވުމުގެ އިތުރަށް އެމަގު ރައްކާތެރިވެފައި އަމާންވެސް ވާނެއެވެ.

މަގަށް ނުކުމެވުމާ އެކު ދެން އޭނާ ދިޔައީ ސައިކަލާ ދިމާލަށެވެ. ޝައުފާ ސައިކަލް ޕާކް ކުރިތަން ރަނގަޅަށް ހަނދާންހުރި ކަމީ ނަސީބެކެވެ. ގައިގައި އަޅަމުންދިޔަ ވޭނަށް ކެތްކުރާނެ ހިތްވަރު ކަށިން ނެރެމުން ދިޔައިރު އެންމެ އަވަހަށް އެވޭނުން މިންޖުވާން ކަންތައް ކުރާނެގޮތް އޭނާގެ ސިކުޑީގައި ރޭވެމުން ދިޔައެވެ. ޝައުފާގެ އޯގާތެރިކަމާއި އަޅާލުމުގައި ކޮޅުފައިން ޖަހާފައި މިގޮތަށް ހޮސްޕިޓަލުން ނުކުމެގެން އަންނަން މަޖުބޫރު ކުރުވި އޭނާގެ ބަލި ނިކަމެތި ހާލަތު އެހާ ފަސޭހައިން އެއްވެސް މީހަކަށް ވިސްނައި ނުގަނެވޭނެއެވެ. އެއްވެސް ބޭހެއް އޭނާގެ ބައްޔާ ގުޅުން ހުރި އެއްވެސް ފަރުވާއެއް ނުދީ ހަމައެކަނި އެނދެއްގައި ބާއްވައިގެން އިރުއިރުކޮޅާ ޓެސްޓްތަކެއް ހެދުމުން އޭނާގެ ގައިގައި އަޅަމުން އެދާ ވޭނަށް ޝިފާއެއް ލިބޭނެ ހެއްޔެވެ. ޝައުފާގެ ކުލުނުން ފުރިފައިވާ އޯގާތެރިކަމަށް ހިތުގެ އަޑިން އޭނާ ޝުކުރުވެރިވެއެވެ. އެކަމަކު އެގޮތަށް ވޭނުގައި ތެޅެން އޮންނާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ކޮންމެވެސް އެކަށީގެންވާ ކުޑަނަމަވެސް ފަރުވާއެއް ދިންނަމަ މިގޮތަށް އޭނާ ނުކުމެގެން ނާންނާނެކަން ޔަގީނެވެ.

(ނުނިމޭ)