އެސްޓީއޯ އާއި އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ތޮއްޑޫގެ ދަނޑުވެރިންނާއި އެރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާއެކު ރައީސް ސޯލިހު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އެރަށުގެ ދަނޑުވެރިން ވަނީ ދަނޑުވެރިކަމަށް ބޭނުންވާ މުޑުވައްތަކާއި ކާނާ އަދި ގަސްތަކަށް ޖަހާ ބޭސް ފަދަ ތަކެތި އަތްފޯރާ އަގެއްގައި ލިބެން ނެތުމުން ދިމާވާ ދަތިތައް ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކުރައްވައިފައެވެ.
އެކަމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ، ދަނޑުވެރިންނަށް ނަފާ ހޯދައިދިނުމަށް މީގެ ކުރިންވެސް ދަނޑުވެރިކަމަށް އެތެރެކުރާ ބައެއް ތަކެތިން ޑިއުޓީ ކަނޑާލި ކަމަށެވެ. ނަމަވެސް އެކަމުގެ ސީދާ ނަފާ ދަނޑުވެރިންނަށް ނުލިބޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވެ، އެތަކެތިން އެންމެ ރަނގަޅު ނަފާ ދަނޑުވެރިންނަށް ހޯދައިދިނުމަށް އެސްޓީއޯ އަދި އެގްރޯނެޓަށް ޑިއުޓީއަކާ ނުލައި އެތަކެތި އެތެރެކުރެވޭނެ ގޮތް ހަދައި ދަނޑުވެރިންނަށް ހެޔޮ އަގުގައި އެތަކެތި ލިބޭނެ ގޮތް ހަމަޖެއްސުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދަނޑުބިންތައް މިހާރު ދޫކުރާ މުއްދަތު އިތުރުކުރުމުގެ މަޝްވަރާތައް ކައުންސިލުތަކާ ގުޅިގެން ސަރުކާރުން ކުރާނެ ކަމަށެވެ.
މި ބައްދަލުވުމުގެ ކުރިން ރައީސް ވަނީ އެސްޓީއޯގެ ފަރާތުން ތޮއްޑޫގައި ހިންގާ އެގްރި ސެންޓަރުގައި ހުރި ތޮއްޑޫގެ ދަނޑުވެރިން އުފައްދާފައިވާ ކާނާގެ ބާވަތްތައް ބައްލަވާލައްވައިފައެވެ. ރާއްޖޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ 266 ދަނޑުވެރިއެއް މިހާރުވެސް ވަނީ އެގްރޯނެޓްގައި ރެޖިސްޓާ ކޮށްފައެވެ.
އެސްޓީއޯ އަދި އެގްރޯނެޓަށް ޑިއުޓީއަކާ ނުލައި އެތަކެތި އެތެރެކުރެވޭނެ ގޮތް ހެދުމަށް ރައީސް ވިސްނުންފުޅު ގެންގުޅުއްވާއިރު، ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތީގެ ތެރެއިން 158 ތަކެތީގެ އިމްޕޯޓް ޑިއުޓީ ވަނީ މިސަރުކާރުން ކަނޑާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު