ރާއްޖޭގެ ހުރިހާ ރަށެއްގެ މައުލޫމާތު އެއްތަނަކުން އެނގޭނެ ގޮތަށް ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

އއ. އަތޮޅުގެ ބައެއް ރަށްރަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެ ފަދަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ނުދެއްވައެވެ.

އެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އަތޮޅުގެ ކުރިއެރުމަށާއި އަތޮޅު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޭނުންވާ ކަންކަމުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވައިފައެވެ. އެގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅު ކައުންސިލް ހިންގުމުގައި ދިމާވާ މާލީދަތިތަކާއި އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް އަވަހަށް ފަށްޓަވައިދެއްވުމަށާއި ސޯލާ ޕަވާ ޕްރޮޖެކްޓް ނުފެށޭތީ ހުރި ކަންބޮޑުވުންތަކާއި އަތޮޅުގައި ސީ އެމްބިއުލާންސެއް ނެތުމުން ދިމާވާ ގޮންޖެހުންތައް ރައީސާ ހިއްސާކުރެއްވިއެވެ.

ކައުންސިލުން ވަނީ އަތޮޅުގެ ހުރިހާ ރަށެއް ހަމަހަމަކޮށް ތަރައްގީކޮށް ދެއްވުމަށާއި މަޑިވަރު ފިނޮޅުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާއި ރަށްރަށުގެ ދަފުތަރެއް އޮތުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ، އއ. އަތޮޅު ކައުންސިލްގެ މެމްބަރުން ދެންނެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ފަހު އެދެވޭ ގޮތަކަށް އެކަންކަން ފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ކުވެއިތު ފަންޑުގެ އެހީގައި އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށާއި ސީ އެމްބިއުލާސް އަންނަ އަހަރު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު، ރަސްދުއަށް ކުރައްވާ މި ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓްގެ މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.