މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިގޮތަށް ވިދާޅުވީ އެމަނިކުފާނު އއ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ރަސްދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ބިން ފުރިފައިވުމުން ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމާއި އެރަށުގައި ފަށާފައިވާ މަޝްރޫއުތައް ނުނިމި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ޔުޓިލީޓީޒްގެ ހިދުމަތް ލިބުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ އެ ރަށުގެ ތަރައްގީއަށް ރާވާފައިވާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވައިފައެވެ.

އެގޮތުން، އެމަނިކުފާނު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ރަސްދޫ ރައްޔިތުންނަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށާއި ދިގު ރާސްތާއަށް ވިސްނައިގެން މިކަމަށް ދާއިމީ ހަލެއް ހޯއްދެވުމަަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ފަށާފައިވާ ހުރިހާ މަޝްރޫއެއް ކުރިޔަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ މެދުވެރިކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް، ރަސްދޫއަށް ކުރައްވާ މި ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.