ޝިލްޕާ ޝެޓީ އަދި ރާޖު ކުންދުރާ ޝާލީން ޗޯޕްރާގެ މައްޗަށް އަބުރުގެ ދައުވާ ކޮށްފިއެވެ.

ޝިލްޕާގެ ފިރިމީހާ ރާޖު ކުންދުރާ ވަނީ މީގެ ކުރިން ބަރަހަނާ ފިލްމު އުފައްދާ ކަމުގެ ކުށުގައި ހައްޔަރުކުރެވި މިހާރު ކަފާލާތުގެ ދަށުން މިނިވަން ކޮށްފައެވެ. ޝާލީން ޗޯޕްރާ ވަނީ ރާޖް ކުންދުރާ އަދި ޝިލްޕާ ޝެޓީ އޭނާއަށް އޮޅުވާލުމާއި މަކަރާތް ހީލަތް އަދި ނަފުސާނީ ގޮތުންނާއި ޖިންސީ ފުރައްސާރަ ކުރާ ކަމަށް ބުނެ އެމީހުންނާ ދެކޮޅަށް މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައެވެ. އޭގެ ރައްދުގައި ޝިލްޕާ އަދި ރާޖް ވެސް މިވަނީ ޝާލީންގެ މައްޗަށް އަބުރުގެ ދައުވާ ކޮށް މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައެވެ.

އޮކްޓޯބަރު 14 ވަނަ ދުވަހު ބަތަލާ އަދި މޮޑެލް ޝާލީން ފުލުހަށް ވެއްދި މައްސަލައާ ގުޅިގެން ޝިލްޕާ އަދި ރާޖުގެ ވަކީލުންގެ ޓީމުން ވަނީ އެއަށް ރައްދު ދިނުމުގެ ގޮތުން ޕްރެސް ކޮންފަރެންސެއް ބާއްވައި ބަޔާނެއް ނެރެފައެވެ. އަދި ޝިލްޕާ އާއި ރާޖު އަށް ދޮގު ތުހުމަތުތަކެއް ކުރާތީ އެމައްސަލައިގައި ޝާލީންގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

މިމައްސަލައިގައި ޝިލްޕާ އަދި ރާޖުގެ ގާނޫނީ ޓީމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޝާލީން ކުރާ ތުހުމަތުތަކަކީ އެއްވެސް ހެއްކެއް ނެތި ފަތުރާ ދޮގު ވާހަކަތަކެއް ކަމަށާއި އަދި އެއީ އެމީހުންގެ އަބުރު ކަތިލުމަށާއި ފައިސާގެ ދަހިވެތިކަމުގެ ބޭނުމުގައި ޝާލީން ކުރާ ކަމެއްކަމުގައި ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ޝާލީންގެ މައްޗަށް އަބުރުގެ ދައުވާކުރާ ކަމަށާއި ބަދަލެއްގެ ގޮތުގައި 50 ކުރޯޅު ރުޕީސް ހޯދަން މައްސަލަ ހުށަހަޅާފައިވާކަމުގައި އެ ބަޔާނުގައި ވަނީ ބުނެފައެވެ.