ކަންކަން ރަނގަޅުކުރަން އުޅޭއިރު ގޮންޖެހުންތަކާ ކުރިމަތިވުމަކީ ތަބީއީ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި މިވަނީ ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަނީ ވަކިކޮށްފައި ވަނިކޮށެވެ.
މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމުގެ ހިތްވަރު ހޯދުނު ބަޔަކަށް ކަމަށެވެ.
"ކަންކަން ރަނގަޅުކުރަން އުޅޭއިރު ލައްކަ ގިނަ ގޮންޖެހުންތަކާ ކުރިމަތިވުމަކީ ވަރަށް ތަބީއީ ކަމެއް. ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމުގެ ހިތްވަރު ހޯދުނު ބަޔަކަށް" އިމްރާން ވިދާޅުވިއެވެ
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވައި މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ގާނޫނުގައި ބަޔާންކުރާތީ އާއި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅާފައި ނުވާތީ، ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.
"މިގޮތަށް ހަމަޖެއްސުމާ ގުޅިގެން 2021 މާރިޗް 27 ވަނަ ދުވަހުން ފެށިގެން ތިޔަ މިނިސްޓްރީ އާއި ތިޔަ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިޔުން މި ސިޓީއާ އެކު ފޮނުވިން،" ކަމަށް އެ ސިޓީގައި ވެއެވެ.
މީގެ އިތުރުން ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުއައްސަސާތައް ކުރިއެކޭ އެއްގޮތަށް ހިންގަމުން ގެންދިއުމަށްވެސް ރައީސް އަންގަވާފައިވާ ކަމަށް އެސިޓީގައިވެއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރި ނަމަވެސް ފުލުހުންގެ ކަންކަން އަދިވެސް ބަލަހައްޓަވަމުން ގެންދަވާނެ ވަޒީރަކީ ހޯމް މިނިސްޓަރު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު