އެކަށީގެންވާ ވަރަށް އަތޮޅުތަކުގެ ރަށްރަށުގައި ސީ އެމްބިއުލާންސްގެ ހިދުމަތް ނުދެވެނީ، ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ލިޔުމުން ކުރެއްވި ސުވާލަށް، ލިޔުމުން ދެއްވި ޖަވާބުގައެވެ.
މެންބަރު ޝިޔާން ކުރެއްވި ސުވާލުގައި ވިދާޅުވެފައި ވަނީ، އއ. އަތޮޅު ހޮސްޕިޓަލުގައި ސީ އެމްބިއުލާންސްގެ ނަމުގައި ބޭނުން ކުރާ އާދައިގެ ކުޑަ ލޯންޗް ބޭނުން ނުކުރެވޭ ވަރަށް ބާވެ، ފަޅައިގެން ގޮސް ހަލާކު ވެފައިވާތީ އާއި އޭގެ އިންޖީނުތަކުގައި ވެސް މައްސަލަ ޖެހިފައިވާ ކަމަށެވެ.
އެހެންކަމުން ވަސީލަތްތައް ފުރިހަމަ އާ ސީ އެމްބިއުލާންސެއް އަތޮޅު ހޮސްޕިޓަލަށް ލިބޭނީ ކޮން އިރަކުންތޯ ވަނީ ސުވާލު ކުރައްވައިފައެވެ.
މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ، ސީ އެމްބިއުލާންސް ހިދުމަތަކީ، ސަރުކާރުން ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތެއް ކަމަށެވެ.
އެވަގުތަކު ފޯރުކޮށްދެވެން އޮތް އެންމެ ރަނގަޅަކަށް އެ ހިދުމަތް ފޯރުކޮށްދެވޭތޯ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އެ ހިދުމަތް މިހާރުވެސް ފޯރުކޮށްދެމުން އަންނަނީ ގިނަ ގޮންޖެހުންތަކަކާއެކު ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އޭގެ ތެރޭގައި އެ ހިދުމަތް ފެށުމަށް ޓަކައި 2015 ވަނަ އަހަރު އެމްއެންޑީއެފާ ހަވާލުކުރި އުޅަނދު ތަކަކީ ގިނަ ދުވަސްވެ، ހާލަތު ދަށްވެފައިވާ އުޅަނދު ތަކަކަށް ވުމާއި، މުޅި ސީއެމްބިއުލާންސް ފްލީޓަށް ބަލާއިރު ގިނަ ލޯންޗްތައް މިހާރުވެސް ގްރައުންޑް ކުރެވިފައިވާ މިންވަރު އިތުރު ވުމާއި، ހާލަތު ދަށްވުމުގެ ސަބަބުން ވަރަށް ކައިރި ކުރިމަގެއްގައި ދޫކޮށްލަން ޖެހޭނެ އުޅަނދުތައް ގިނަވުން ހިމެނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ނަމަވެސް ބަޖެޓްގެ ދަތިކަމުގެ ސަބަބުން އެތަކެތި ދޫކޮށްލެވެން ނެތުމާއި ސީ އެންބިއުލާންސް މަރާމާތު ކުރުމަށާއި ބާވެ ހާލު ދެރަވެފައިވާ އުޅަނދުތައް ބަދަލުކުރުމަށް އެކަށޭނަ މިންވަރަށް ބަޖެޓް ނުލިބުންވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ