ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކަމުން ދަނީ މުޅި ދައުލަތް ބައިވެރިވާ ސްޓޭޓް ސްޕޮންސާ ވިޔަފާރިއެއްގެ ގޮތުގައިކަމަށް ބެލެވޭ މިންވަރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ދޫވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައި އެ މައްސަލައިގެ ބަހުސްގައި މިއަދު ވާހަކަދައްކަވަމުންނެވެ.
މި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، މަސްތުވާތަކެތި ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަން ތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަހުގީގީ މަރުހަލާ އާއި، ކޯޓު މަރުހަލާއިން މިނިވަން ވެ މުޖުތަމައުގެ ތެރެއަށް ދޫވަމުންދާ ކަމަށެވެ. އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅޭ ކަމަށާއި، ގިނަ އަދަދެއްގެ މަސްތުވާތަކެޗާއެކު ހައްޔަރު ކުރެވޭ ބައެއް ފަރާތްތައް ރާއްޖޭން ބޭރަށް ފުރައިގެން ދާއިރުވެސް ފިޔަވަޅު އެޅިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ދުނިޔޭގެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވޯކުތަކާ ގުޅިގެން އެ ފަދަ ފަރާތްތަކުން ބޮޑެތި އަދަދުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު އިތުރުވެ މަސްތުވާ ތަކެތީގެ ހަބަކަށް ރާއްޖެ ބަދަލުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، މަސްތުވާތަކެތި އެތެރެ ކުރާ ބައެއް މީހުންނާމެދު ފިޔަވަޅު ނާޅާތީ އާއި އެފަދަ ފަރާތްތައް ކޯޓު މަރުހަލާއިން ދޫވާ މައްސަލަތައް އިސްތިއުނާފު ނުކުރާތީ އާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން އިތުރުވެ، ކަންބޮޑުވާ ވަރަށް މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ބިރުގަންނަ މިންވަރަށް މަގުތަކާއި ގޯޅިތަކުގައި މަސްތުވާތަކެތި ބޭނުން ކޮށްގެން އުޅޭ މީހުން ގިނަވެ، ޒުވާން ޖީލު ހަލާކުވެ، އިޖުތިމާއީ މައްސަލަތައް ގިނަވެ މުޖުތަމައުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 32 މެންބަރުންގެ ތެރެއިން 23 މެންބަރުން ވޯޓު ދެއްވައިގެން މި މައްސަލަ މަޖިލިހަށް ބަލައިގަނެ ވަނީ ބަހުސް ފަށައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް