ށ. ފީވަކު ބަނދަރަށް ވަންނަން އުޅުނު ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

ފީވަކު ކައުންސިލުގެ ނައިބު އަހުމަދު މަނިކު މިރޭ "ވަން" އަށް ވިދާޅުވީ، ކުޅުދުއްފުށި ސިޓީން ފުރައިގެން ށ ފީވަކަށް ދަތުރުކުރި ދޯންޏެއް، އެރަށު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުމައްޗަށް ބަންޑުން ޖަހާލާފައިވާ ކަމަށެވެ.

މަނިކު ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:00 ހާއިރު ކަމަށާއި އެވަގުތު ދޯނީގައި ތިބީ ތިން މީހުން ކަމަށެވެ. އަދި މި ތިން މީހުންގެ ހާލު ރަނގަޅު ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"ކުޅުދުއްފުށިން ފުރައިގެން އައި ދޯންޏެއް އެއީ. ދޯނީގައި ތިބީ ތިން މީހުން. މިއަދު ހަވީރު ގާތްގަނޑަކަށް 5:00 ހާއިރު ދޯނި ބަންޑުންޖަހާލާފައި މިވަނީ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެގި ރާޅެއްގައި ޖެހި، ކަނޑިންމަ މަތީން. ދޯނީގައި ދަތުރުކުރި މީހުންގެ ހާލު ރަނގަޅު. އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ،" މަނިކު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ކުރަމުންދަނީ ދޯނި ފުށުން ޖެހުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެސްކަވޭޓާއެއް ބޭނުންކޮށްގެން ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު އެމަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ ތިން މީހުންނާއެކު ކުޅުދުއްފުށިން ފުރައިގެން ފީވަކަށް ދަތުރުކުރި ދޯންޏެއް ފީވަކު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ބުންޏެވެ.