ގދ. ތިނަދޫގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ތުއްތު ކުއްޖަކު މަރުވީ ކޮވިޑު ޖެހިގެން ނޫން ކަމަށް އެރަށުގައި ހުންނަ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން މީގެ ކުރިން ބުނެފައިވަނީ މި ކުޑަ ކުއްޖާ މަރުވީ ކޮވިޑު ޖެހިގެން ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެ ހޮސްޕިޓަލުން ބުނީ ތިން މަހުގެ ތުއްތު ފިރިހެން ކުއްޖާ މަރުވީ ކޮވިޑު ބަލީގައި ނޫން ކަމަށެވެ.
ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ ތުއްތު ކުއްޖާގެ މަރާ ގުޅޭ ގޮތުން ކުރިން ހޮސްޕިޓަލަށް އޮޅުން އަރާފައިވާ ކަމަށެވެ. ނަމަވެސް އެ ކޭސް ރިވިއު ކުރުމުން އެއީ ކޮވިޑު މަރެއް ނޫންކަން އެނގިފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށާއި އެ ކުއްޖާ ކަރަންޓީނުގެ މުއްދަތު ހަމަވެ މިއަދު ރިލީސް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ އޮފީސްތައް ހުޅުވުމުން ކަމަށް ވެފައި ކުއްޖާގެ ހާލު ދެރަވެ ހޮސްޕިޓަލަށް ގެނައީ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ވަގުތު ކުއްޖާ ހޮސްޕިޓަލުން ރިސީވް ކުރީ ކޮވިޑު ޕޭޝަންޓެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް މިއީ ކޮވިޑު މަރެއް ނޫންކަން އޭނާ ވިދާޅުވި އެވެ.
ކުއްޖާގެ މަރާ ގުޅިގެން ތިނަދޫން ވާހަކަ ދެއްކި މީހަކު "ވަން" އަށް ބުނީ ކުއްޖަގެ މަރުގައި ހޮސްޕިޓަލުގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި ކުއްޖާ މަރުވުމުގެ ކުރިން ރޭގެ ވަގުތެއްގައި ކުއްޖާ މާބޮޑަށް ބޭރަށް ހިންގައި ހޮޑުލެވޭތީ ޑޮކްޓަރަށް އޮންލައިން ކޮށް ދެއްކި ނަމަވެސް ޕޮޒިޓިވް ވެ ކަރަންޓީނުގައި ހުރި ތުއްތު ކުައްޖަކަށް ދޭން ޖެހޭ ސަމާލުކަން ހޮސްޕިޓަލުން ދީފައި ނުވާ ކަމަށެވެ.
މިކަމާ ގުޅިގެން ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވީ ތުހުމަތުތަކެއް ކުރާ ކަމުގެ އަޑުތަކެއް އިވޭ ކަމަށާއި ނަމަވެސް ރަސްމީކޮށް އެއްވެސް ފަރާތަކުން އެކަން ހޮސްޕިޓަލަށް ހުށަނާޅާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަށެވެ.
އެރަށުން ވާހަކަ ދެއްކި މީހާ ބުނީ ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއިން ބުނާ ކަމަށެވެ.
މިފަހުން ފުވައްމުލަކު ހޮސްޕިޓަލުންވެސް ކުޑަ ކުއްޖެއްގެ ގަޔަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކުއްޖާ މަރުވެފައިވާ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ ހޮސްޕިޓަލުން މި ކުއްޖާ އަށް ދިނީ ބަސްކޮޕަން އިންޖެކްޝަނެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ނަމަވެސް ތިނަދޫ ހޮސްޕިޓަލުން މި ތުއްތު ކުއްޖާގެ ގަޔަށް އިންޖެކްޝަނެއް ޖެހި ކަންވެސް އަދި ޖެހީ ކޮން އިންޖެކްޝަނެއްކަންވެސް ޔަގީނެއް ނުވެ އެވެ.
އެޗްޕީއޭގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ ކުއްޖާގެ މަރަކީ ކޮވިޑު މަރެއްތޯ ރިވިއު ކުރި ކަމަށެވެ. އަދި ރިވިއު ކުރުމަށްފަހު އެއީ ކޮވިޑު މަރެއް ނޫން ކަން ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު