ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި "ޒުވާން މަސްވެރިޔާ"ގެ ނަމުން މަޝްހޫރުވެފައިވާ ހަސަން ސާޖިންގެ ފައި ބިނދިއްޖެއެވެ.

"ވަން" އަށް މައުލޫމާތު ދެމުން ސާޖިންގެ ބޭބެއެއް ބުނީ ސާޖިންގެ ފައި ބިންދައިގެން ގޮސްފައިވަނީ ފަރުކޮޅުފުއްޓާ ދިމާލަށް އޮތް ސަފާރީއެއްގެ ނަނގިލި ކަހާލުމުގެ ސަބަބުން އެ ސަފާރީ ފަރުކޮޅުފުށީގެ ޖެޓީއަށް ލައްވަމުން ދާތީ، ސަފާރީ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

"ސަފާރީ ޖެޓީއަށް ލައްވާތީ އޭގައި ތިބި މީހުން މިގުޅީ ސާޖިންއަށް، އެއީ ސާޖިން މެދުވެރިކޮށް ކަފު ޖަހާނެ ދޯންޏެއް ހޯދުމަށް. ދެން ސާޖިން އެކޮޅަށް (ހުޅުމާލެ) ގޮސް ކަފު ޖަހާނެ ދޯންޏެއް ހޯދައިގެން އައިސް ކަފު ޖަހަން އުޅުމުގެ ތެރޭގައި ވާ ކަނޑައިގެން ގޮސް ކަނާތު ފައި ތިލާގައި ޖެހި ބިންދައިގެން ދިޔައީ،" ސާޖިންގެ ބޭބެ ބުންޏެވެ.

ސާޖިންއަށް ޓްރީޓޮޕްގައި ފަރުވާދެމުން އަންނައިރު އޭނާގެ ފައިގެ ސާޖަރީއެއް މިއަދުގެ ވަގުތެއްގައި ކުރާނެއެވެ. ސާޖަރީގެ ކުރިން ހަދަން ޖެހޭ ހުރިހާ ޓެސްޓްތަކެއް މިހާރު ވަނީ ހަނދައިފައެވެ. ސާޖިންގެ ކަނާތު ފައިގެ ކަށިގަނޑެއް ބިނދުމުގެ އިތުރުން އެއް ކަށިގަނޑުގައި ރެނދުލައި އަދި އެހެން ކަށިގަނޑެއް ޑިސްލޮކޭޓު ވެފައިވާ ކަމަށްވެސް އޭނާގެ ބޭބެ ބުންޏެވެ.

ސާޖިން އަކީ އުރީދޫ އާއި ޕާސަނަލް ކޮމްޕިއުޓާސްގެ ބްރޭންޑް އެމްބެސަޑަރެވެ.