ދުނިޔެ

ޖަލުތަކުގައި ތިބޭ ޗައިނާގެ ވީގޫރު މުސްލިމުން ހުކުމަށްފަހުވެސް މިނިވަން ނުކޮށް ''ގެއްލުވާލަނީ''

ޖަލު ހުކުމް ތަންފީޒުކުރަމުންދާ ޗައިނާގެ ވީގޫރު ދަރިކޮޅުގެ މުސްލިމުން، އެމީހުންގެ ހުކުމް ތަންފީޒުކޮށް ނިމުމުންވެސް މިނިވަންނުކޮށް، އެމީހުންގެ މައުލޫމާތު އާއިލާއަށް ހިއްސާ ނުކުރާ މައްސަލަތަކެއް ފެންމަތިވާން ފަށައިފިއެވެ.

ވީގޫރު ދަރިކޮޅުގެ މުސްލިމެއް ކަމަށްވާ އިލްހާމް އިމިންޖާނަކީ ވާނުވާ ހުކުމްތަކެއްކޮށް ޖަލަށް 15 ދުވަސް ޖަހާފައިވާ މީހެކެވެ. އަދި މިއަހަރުގެ ޖޫން 22 ވަނަ ދުވަހު އޭނާގެ ހުކުމް ތަންފީޒުކޮށް ވަނީ ނިމިފައެވެ. ނަމަވެސް އޭނާ އެނބުރި އައިސްފައެއް ނުވެއެވެ. އަދި ޖަލު ހުކުމް އިތުރުކުރިކަންވެސް އާއިލާއަކަށް ނާންގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ފަސް ފިރިހެން ކުދިން ތިބޭ އާއިލާއެއްގެ ދެވަނައަށް އެންމެ ދޮއްޓަށް ހުންނަ އިލްހާމް ޖަލަށްލީ އޭނާގެ އުމުރުން އެންމެ 21 އަހަރުގައެވެ. އަދި އޭނާ ޖަލުން މިނިވަންވާ ގޮތަށް، ކައިވެނިކުރަން އޮތީ ތައްޔާރުވެފައެވެ.

މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާ އިރު، ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޮނޯމަސް ރީޖަނުގައި ދިރިއުޅޭ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ގަތުލްއާއްމެއް ހިންގާކަމުގެ އެތައް ތުހުމަތެއް ކުރެވެއެވެ. އެގޮތުން ވީގޫރު މުސްލިމުންނަށް އަޅުކަން ކުރުމަށާއި އެމީހުންގެ އަމިއްލަ ބަހުން ވާހަކަދެއްކުމަށްވެސް ދަނީ ހުރަސް އަޅަމުންނެވެ. ނަމަވެސް އެ ތުހުމަތުތައް ޗައިނާ ސަރުކާރުން ދޮގުކުރެއެވެ.

ރޭޑިއޯ ފްރީ އޭޝިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުން، 2017 ވަނަ އަހަރުން ފެށިގެން ޗައިނާގެ ވީގޫރު ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން 1.8 މިލިއަން މީހުން ވަނީ ޑިޓެންޝަން ކޭމްޕުތަކުގައި ބަންދުކޮށްފައެވެ.