ޓިކެޓިން އެންޑް ރިޒަވޭޝަން ދާއިރާއިން ތަމްރީނާއި ތަޖުރިބާ ދިނުމަށް ވިލާ ކޮލެޖުން ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަަސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި ވިލާ ކޮލެޖުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަދައްކަވަމުން އައިލެންޑް އޭވިއޭޝަން ސާވިސަަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ މި އެއްބަސްވުމަކީ އޭވިއޭޝަންގެ އެކި ދާއިރާތަކުން ކިޔަވަމުންދާ ދަރިވަރުންގެ ހުނަރުތައް އިތުރުކޮށް، ޕްރޮފެޝަނަލް ތަމުރީނާއި އެކަމުގެ އިލްމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދޭނެ މަގުތަނަވަސްކޮށް ދިނުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.
"މި އިންޓާންޝިޕުގެ އެންމެ މުހިންމު އެއް މަގުސަދަކީ އޭވިއޭޝަންގެ އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް އެކަމުގެ މަގު ފަހިކޮށްދީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދީ އިލްމީ ގާބިލުކަން އަދި ފަންނުވެރި މަސައްކަތްތެރިންތަކެއް އުފެއްދުން." ޖެނިފާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިންޓާންޝިޕްގެ ދަށުން މަސައްކަތުގެ މާހައުލަށް ލޯ ހުޅުވި، މަސައްކަތަށް އަހުލުވެރިވެ، މުސްތަގުބަލުގައި އެ ދަރިވަރުން ވެގެންދާނީ ރާއްޖޭގެ އެއާލައިންތަކުން ވަޒީފާތަކަށް ފުރުސަތު ލިބިގެންދާ ދަރިވަރުންގެ ގޮތުގައި ކަމަށެވެ.
އަދި މޯލްޑިވިއަންގެ އެންމެ މުހިންމު އެއް އަމާޒަކަށްވާނީ އޭވިއޭޝަން ދާއިރާގެ އާންމު ތަމްރީނުތަކުގެ އިތުރުން ޓެކްނިކަލް މަސައްކަތަށް ބޭނުންވާ އިންޓާންޝިޕް ފުރުސަތުވެސް ފަހިކޮށްދިނުން ކަމަށާއި އެގޮތުން ދުރު މުސްތަގުބަލަށް ބަލައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ތަމްރީނު ލިބޭނެ މަގުފަހިކުރުމަށް އިންސްޓިޓިއުޝަންތަކާއެކު މަސައްކަތް ކުރާނެ ކަަމަށް ވިދާޅުވިއެވެ.
ޖެނިފާ ވިދާޅުވި ގޮތުގައި، މިފަދަ ކޮންމެ ކަމަކުން މަސައްކަތަށް އެކަށިގެންވާ ތަމުރީނާއި ތަޖުރިބާ ލިބިފައިވާ ވޯކްފޯސްއެއް އުފެއްދުމުގެ އިތުރުން އެ ކުންފުނީގެ ސީއެސްއާރު މަގުސަދުވެސް ހާސިލުވެގެންދާނެ ކަމަށެވެ. އެހެންކަމުން އެ ތަމްރީނުތަކާއެކު އިލްމީ ގާބިލު މަސައްކަތްތެރިން އުފެއްދޭނެކަން ޔަގީންކުރާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު