ބޮލީވުޑްގައިވެސް ހަރަކާތްތެރިވަމުން އަންނަ ސައުތު އިންޑިއާގެ ބަތަލާ ޝްރިޔާ ސަރަން އަށް އަލަތު ދަރިފުޅު ލިބުނުކަން 9 މަސްފަހުން އިއުލާނު ކޮށްފިއެވެ.

ޝްރިޔާ އަށް އަންހެން ކުއްޖަކު ލިބިފައިވާ ކަމަށާއި ދަރިފުޅުގެ ނަމަކީ ''ރާދާ'' ކަން އާންމުކޮށްފައިވަނީ މިދިޔަ ހަފުތާގައި ކުރި އިންސްޓަގްރާމް ޕޯސްޓެއްގައެވެ. އޭނާގެ ދަރިފުޅަށް މިހާރު ވަނީ 9 މަސް ފުރިފައެވެ.

ޝްރިޔާ ވަނީ 2018 ވަނަ އަހަރު ރަޝިއާގެ ގައުމީ ފެންވަރުގެ ޓެނިސް ކުޅުންތެރިޔާ އަދި ވިޔަފާރިވެރިއެއް ކަމަށްވާ އެންޑްރެއި ކޮސްކީވް އާ ކައިވެނިކޮށްފައެވެ. ކޮވިޑުގެ ހާލަތުގައި ލޮކްޑައުންގެ ދުވަސްތައް ސްޕެއިނުގެ ބާސެލޯނާގައި ހޭދަކުރުމަށްފަހު މިއަހަރުގެ ޖޫންމަހުގެ ތެރޭގައި މި ދެމަފިރިން ވަނީ މުމްބާއީއަށް ބަދަލުވެފައެވެ.

ޝްރިޔާގެ ޕޯސްޓުގައި އޭނާ ވަނީ 2020 ވަނަ އަހަރުގެ ލޮކްޑައުންގެ ކަރަންޓީނުގައި ހަޔާތުގެ އެންމެ އުފާވެރިދުވަސްތައް އެ ދެމަފިރިން ހޭދަކޮށްފައިވާ ކަމަށް ބުނެފައެވެ.

އެދުވަސްތަކުގެ ތެރޭގައި އޭނާ އަލަތު ދަރިފުޅަށް ބަލިވެ އިން ކަމަށާއި އަންހެން ކުއްޖެއް ލިބިފައިވާކަން ހާމަކޮށް ޝްރިޔާ ބަލިވެ އިން ދުވަސްތަކުގެ ފޮޓޯތަކާއި ދަރިފުޅު ރާދާއާ އެކު ކުޅެ ހަދާ ވީޑިއޯތައް މިޕޯސްޓާއެކު އޭނާ ވަނީ ހިއްސާކޮށްފައެވެ.

ޝްރިޔާ ކުޅެފައިވާ ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ''އާވާރާޕަން'' އަދި އަޖޭ ދޭވްގަންއާއެކު ކުޅެފައިވާ ''ދްރިޝްޔަމް'' ފާހަގަކޮށްލެވެއެވެ.