ޚަބަރު

ސަލާމަތީ ގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރު ދަތުރު ނުކުރުމަށް ކޯސްޓުގާޑުން އިލްތިމާސްކޮށްފި

މުހައްމަދު އިޝާން

މާލޭ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވާތީ، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ، ކުދި އަނގަމަތި އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރަ އިރު ދަތުރު ނުކުރުމަށް ކޯސްޓުގާޑުން އިލްތިމާސް ކޮށްފި އެވެ.

ކޯސްޓުގާޑުން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ހުރިތޯ ރަނގަޅަށް ޗެކް ކުރުމަށް ވެސް ވަނީ އެދިފަ އެވެ. މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލުކުރުމަށާއި ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުތައް ރަނގަޅަށް ބެލެހެއްޓުމަށް ވެސް އެމްއެންޑީއެފުން ވަނީ އޮޑިވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސް ކޮށްފައެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ މުޅި ރާއްޖެއަށް ރީދޫ ސަމާލު ނެރެފައެވެ.

ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

މާލެއިން ވިލިމާލެއަށް ދަތުރުކުރާ ފެރީގެ ހިދުމަތް ވެސް ވަނީ މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން ރޭ މެދުކަނޑާލައިފަ އެވެ.