އާދީއްތަ ދުވަހަކީ ރަސްމީ ބުރަ ދުވަހެކެވެ. ހަފްތާ ބަންދުގެ ދެ ދުވަހުގެ ހުއްޓުމަކަށްފަހު މަސައްކަތް ހިނގައިގަންނަ ދުވަހަށްވާތީ ވަޒީފާތަކަށްދާ ގިނަ މީހުނަށް އާދީއްތަ ދުވަސް ވެފައި އޮންނަނީ ވަރަށް ހާއްސަ ބޮޑު ދުވަހަކަށެވެ. އެހެންކަމުން ހެނދުނު އޮފީހަށް ދާނީވެސް އާންމު ގޮތެއްގައި އަތުގައި އޮންނަ އެންމެ ރީތި އެއް ހެދުމުގައި ވަރަށް ފުރިހަމައަށް ތައްޔާރުވެގެނެވެ.
ޝައުފާވެސް މިއަދު ތައްޔާރުވަމުން ދިޔައީ ވަރަށް ހާއްސަ ގޮތަކަށެވެ. އޭނާގެ ދުވަސް ފެށޭނީ އަބަދުވެސް ފަތިސް ނަމާދުގެ ބަރަކާތުންނެވެ. ނަމާދަށް އުޒުރުވެރިވާ ކަހަލަ ދުވަހުވެސް ފަތިސް ނަމާދުގެ ބަންގީގެ އަޑާއެކު އޭނާގެ ނިދި ފިލާދެއެވެ. ފިނި ފަތިހުގެ ކަންނެތްކަން ފިލުވާލަދޭ ކަޅު ކޮފީގެ މީރު ރަހައިން ސިކުނޑިއަށް ލިބޭ ހަމަޖެހުމާއި ހަށިގަނޑަށް ލިބިގެންދާ ތާޒާކަމާއެކު ދުވަހުގެ ކުރިއަށް ހުންނަ ކަންތަކަށް ސަމާލުކަންދެވޭ ގޮތް ބޮޑުވެގެންދެއެވެ.
ގަދަ މުށިކުލައިގެ ޖީންސަކާއި ފިނިފެންމާ ކުލައެއްގެ އޮފީސް ގަމީހުގައި ޝައުފާ ފެންނަނީ ވަރަށް ފުރިހަމަ ގޮތަކަށެވެ. އޭނާގެ ބުޅި އިސްތަށިގަނޑު އޮތީ ހެއާކްލިޕެއްގެ އެހީގައި ދެފަށްކޮށް މައްޗަށް ނަގާ ހަރުކޮށްފައެވެ. މާގޮތް ބޮޑު ނޫނަސް އާދައިގެ ގޮތަކަށް މޭކަޕް ކޮށްފައި ހުރުމުން ޝައުފާގެ މާފާހަގަކުރެވޭ ރީތި ކަމެއް ނެތަސް، މައުސޫމު ކަމަކާއި ސާދާކަމެއް ފެންނަ މޫނުމަތިން އަޅައިގަންނަ ފަދަ ވިދުމެއް އެކުލެވިގެންވާ ރީތިކަމެއް ފާޅުވަމުންދިޔައެވެ. ކޮޓަރީގެ ތަރުތީބު ކުރެވިފައިވާ ތަންތަނަށް ހިތްހަމަޖެހުމުގެ ލޮލަކުން ބަލާލަމުން ޝައުފާ އޭނާގެ ހާއްސަ ސެންޓްފުޅި އަތަށް ހެޔޮވަރުކޮށްލިއެވެ.
“އޭތް…ސާހިބުކަމަނާ…ކޮބާ އަދިވެސް ތައްޔާރު ނުވެވޭތަ…؟”
ކޮޓަރީގެ ދޮރުގައި ޓަތްކެއްޖެހި އަޑާއެކު އެތެރެއަށް ވަނީ ޝާމިނެވެ. އެމްޑަބްލިޔުއެސްސީގެ ނޫކުލައިގެ ޓީޝާޓުގައި ހުރި ޝާމިން އަވިއައިނު ލޮލުން ނަގަމުން ޝައުފާގެ ބޮލުން ފެށިގެން ފަޔަށް ބަލާލިއެވެ.
“އަދި ކިރިޔާ ސާޅީހެއްނު އެވީ…މިހާރުދެން މިނިމުނީއޭ…”
ޒީނަތްތެރިވާ މޭޒުމަތީގައި ސެންޓްފުޅި ބަހައްޓަމުން ޝައުފާ ބުނެލިއެވެ. އަދި މޭޒުމަތީގައި އޮތް ޕާސް ނަގައިގެން އެނބުރިލިއެވެ.
“އައްދެ…ހާދަހާވާ ރީތި ދުވަހެކޭ…އޮފީހުގައި މާހާއްސަ ކަމެއް އޮތް ދުވަހަކީތަ…؟” ސިނގިރޭޓެއް ރޯކޮށްލަމުން ޝާމިން ލޯގަނޑު ކުރިމައްޗަށް ހުއްޓިލިއެވެ.
“އުނހު…ހަފްތާ ފެށޭ ދުވަހަށްވެފަ މިއަދު ބްރީފިންވެސް ދޭންޖެހޭ ދުވަސް…އެހެންވެ ކުޑަކޮށް ރީތިވީ…ދިމާ ކުރާނެ ކަމެއް ނެތޭ…މަށެއް ނޫޅެން މާރީތި މީހެއް ކަމަށް ހެދިގެނެއް…މަށަށް އެނގެއޭ މަމީ ރީތި މީހެއް ނޫންކަން…”
ޝައުފާ އަނގައަށް ގޮތެއް ހަދާލަމުން ވާހަކަދެއްކިއެވެ.
“ހޮއެހޮއެ…އަދި ބުއްރާސްޕަރީ ހެދޭކަށެއް ނުވެއޭ.. ކޮންއިރަކު ކާކުތަ ބުނީ ސިސްޓާ ތީ ރީތި މީހެއް ނޫނޭ..”
ޝާމިން ޝައުފާއާ ގާތަށް ޖެހިލަމުން އަހާލިއެވެ. އެހާ ކައިރިން ޝާމިންގެ މޫނު ފެނުމުން ޝައުފާގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ.
“ސިސްޓާ ތީ ނުލާހިކު ހިތްހެޔޮ އެހާ އެޓްރެކްޓިވް ލޭޑީއެއް…”
“ ކޮން ސިސްޓާ އެކޭ ތި ކިޔަނީ…މަށެއްވެސް ބްރޯއެކޭ ނުކިޔަމެއްނު…”
ޝައުފާ ނުރުހިފައި ބުނެލިއެވެ. އޭނާގެ މި ޖުމްލައާއި މިޒާޖު ފެނިފައި ޝާމިނަށް ބޭއިޚްތިޔާރުގައި ހީނގަނެވުނެވެ.
“އޯކޭ…” ޝާމިން ދެކަންފަތުގައި ހިފަމުން ބުނެލިއެވެ.
“ހިނގާ ދަމާ…އެންމެ ފަހުން ރީތި ހުތުރު ބަހުސުގައި ތިބެގެން ގަޑި ޖެހުނީމަ ރީއްޗެއް ނުވާނެ…އަޅުގަނޑު މިއައީ ކާޑު ޖަހާފަ…އެހެންވީމަ ގަޑި ޖެހޭނީ ޝައުގެ…އޭރުން މުޅިން ގޯސްވީއެއްނު…ތުންދިގު މާކަނާއެއްހެން ނުހުރެ ސްމައިލެއް ދީބަލަ…ނުލާހިކު ރީތި ހިނިތުންވުމެއް ހުންނަ މަންޖެއަކު ތުންދަމައިގެން ހުރީމަ ހީވާ ފާޑު…ޗީޗީ…” ޝާމިން އަނގައަށް ގޮތެއް ހަދާލިއެވެ.
ޝައުފާއަށް ހީނގަނެވުނީ ބޭއިހުތިޔާރުގައެވެ. ނޫނެކެވެ. ސަކަ ގޮތެއްވެސް ހުންނަ މީހެކެވެ. ޔުއާނާ ނަސީބުކުޑަ މިޒުވާނާ ދޫކޮށްލީ ކޮންކަމެއް މަދުވެގެންބާވައެވެ.
އޮފީހުގެ މާހައުލުގައި އަބަދުހެން ފެންނަ ރައްޓެހި މުވައްޒަފުންނަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން ޝައުފާ އޭނާގެ މޭޒު ދޮށުގައި އިށީދެ ދުވަހުގެ މަސައްކަތްތައް ބަލާލިއެވެ. ބުރަ ދުވަހެއް ނޫނެވެ. ހައެއްކަ ސިޓީއާއި ކުށް ރަނގަޅުކޮށްލަންޖެހޭ އެންމެ ފައިލެކެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނީ އަވަހަށް ނިންމާލެވޭނެތީ އެކަންޏެއް ނޫނެވެ. ޒިޔާދުގެ ދަރިފުޅުގެ ޓިއުޝަނަށް ބޭނުންވާ ލެސަން ޕްލޭން ތައްޔާރުކޮށްލާނެ ވަގުތު ލިބޭނެތީވެސްމެއެވެ. އަދި ހަމަ އެހެންމެ ހަވީރު ޝާމިނާއެކު ހުޅުމާލެއަށް ކޮފީއެއް ބޯލަން ދާން ހަމަޖައްސާފައިވާ ދަތުރު ދެވޭ ގޮތް ވުމުންވެސްމެއެވެ.
“އޭތް…މިހާރަކަށް އައިސް ކޮން ދުނިޔެއެއްގަތި އުޅުއްވަނީ..؟ހަފްތާ ދެހަފްތާ ވީ އަހަރުންގެއަށް ވަދެވެސް ނުލާތާ ގުޅާވެސް ނުލާ…ސަމަދު އެތައް ސުވާލެއް ކުރޭ.. އަޒްމީލު އެހާ ޝަކުވާ ކުރޭ…މަންޖޭ…ހާލު ރަނގަޅުތަ…؟”
ޒިމްނާގެ ޝަކުވާގެ އަޑު އިވުމުން ކީބޯޑުގައި ހިންގަމުން ދިޔަ އިގިލިތައް މަޑުޖައްސާލުމަށްފަހު ޝައުފާ ޒިމްނާއަށް ބަލާލިއެވެ.
“މަވެސް އުޅެނީ ހަމަ ޒިމޫވެސް ތިއުޅޭ އޮފީހުގަ…ޒިމޫ ހަފްތާއެއް ދެހަފްތާވީއިރު މަ ނުފެނިގެން އުތުރާއި ދެކުނަށް ސާޗްވޮރަންޓް ފޮނުވާކަށް ނުޖެހޭނެ…މިއަދުވެސް ތިއައި ގޮތަށް މިމޭޒުދޮށަށް އާދެވޭނެއެއްނު… އަސްލު މަވަރަށް ބުރަކޮށް މި ދެހަފްތާ އުޅުނީ…އެހެންވެ ވަދެނުލެވުނީ…ދެން ފޯނުގެ ވާހަކަ…މަށަކީ ފޯނާ ވަރަށް ދުރު މީހެއް…އެކަން އެންމެ ރަނގަޅަށް އެނގޭނެ މީހާއެއްނު ތީ…”
މާކުރިއްސުރެ ޒިމްނާގެ ސުވާލުފުންޏާއި ކުރިމަތިލާންޖެހޭނެކަން އެނގި ހުރި ޝައުފާ ހާސިރު ޖަވާބު ދިނީ ހަމަޖެހިފަ އިނދެގެނެވެ.
“ދެން ކީއްވެ ހުކުރު ހާއްސައަށް ނައީ…؟” ދެއުކުޅުގައި އަތްވިއްދާލަމުން ޒިމްނާ އަހާލިއެވެ.
“އަސްތަ…ވަރަށް ސޮރީ…މިނިމުނު ހުކުރު އުޅުނީ ކޮޓަރި ފޮޅާ ސާފުކުރުމުގަ…މިއަންނަ ހުކުރުގަ ކޮންމެ ގޮތެއް ހަދާފަ ވިޔަސް ދާނަން.. ސަމަދުބެ ގާތުގަވެސް ބުނެދޭތި…”ޝައުފާ މައާފަށް އެދުނެވެ.
“މަބުނާނެ އެއްވެސް އެއްޗެއް ނެތް…ޝިޔާމާގެ އަނގައިގެ ތެރެއަށް ނުވެއްޓޭތި…ބަނޑުހައިވެފަ އޮތް ކިނބުލެއް އޮތް ކިސަނޑުކޯރަކަށް ފޭބުން ކަހަލަ ކަމެއް ޝައު ތި ކުރަނީ…!” ޒިމްނާގެ ހަރުބަސްތައް އިވުމުން ޝައުފާގެ މެއަށް ފިނިގަނޑެއް އަރައިގެން ދިޔަ ކަހަލައެވެ.
“އަމުދުން ޝާމިން އެއީ ޝިޔާމާގެ ހަމައެކަނި ހުރި ފިރިހެން ދަރި…އެސޮރުގެ އެންމެ ފިޔަވަޅެއްވެސް ޝިޔާމާއާ ވަކިން އެޅުމަކަށް އެއްބަސް ނުވާނެ…”ޒިމްނާ ކިޔައިދިނެވެ. އެއިން އެއްވެސް ވާހަކައަކަށް ޝައުފާ ޖަވާބުދޭކަށް ގަސްދެއް ނުކުރިއެވެ. އެހެންކަމުން އަނެއްކާވެސް ޝައުފާ އެނބުރިލީ މަސައްކަތާ ދިމާއަށެވެ.
އޮފީހުގެ މަސައްކަތުން އަވަދިވެގެން ޝައުފާ ހިންދެމިލިއެވެ. މާބޮޑަށްވެސް ލުއި ދުވަހެކެވެ. އިތުރުގަޑީގެ މަސައްކަތެއްވެސް ނެތެވެ. ނޯޔާގެ ޓިއުޝަން ފިލާވަޅުތައްވެސް ތައްޔާރު ކުރެވިއްޖެއެވެ. ދެން އޮތީ ޝާމިންއަށް ވެފައިވާ ވައުދު ފުރިހަމަ ކުރުމެވެ.
އިންޖީނު ރޫމުގެ ތެރެއިން ބޭރަށް ނުކުމެ ހަށިފުރާ ދިގު ނޭވާއެއް ލަމުން ޝާމިން އޭނާގެ ޖީބުން ފޯން ނަގާ ހުޅުވާލިއެވެ. މިސްކޯލުތަކުގެ ތެރެއިން ޝައުފާގެ ނަންބަރު ފެނުމުން އޭނާގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނިގެން ދިޔައެވެ.
ހަވީރު ހަތަރުގަޑި ބައިގަ ޝައުފާ ބަލާ އެގޭދޮށަށް ދިއުމަށް ބުނުމަށްފަހު ޝާމިން އެކޯލު ކަޑާލިއެވެ. އެއަށްފަހު އޭނާ އާދަވެ ގުޅާ ނަމްބަރަށް ޑަޔަލްކޮށްލިއެވެ.
“ޝާފީ…ދުއިސައްތައެއް އެބައޮތް…ވެދާނެތަ..؟ އޭނ…ތަންކޮޅެއް ރަނގަޅު ގޮތެއް ހަދައިދެއްޗޭ…މިއަދު މީ ގައިމުވެސް ތިންވަނަ ފަހަރުވިއްޔަ…” “ތޭންކްސް…ކިހިނެއް ވާން ޖެހެނީ…މަމިހިރީ އޮފީސް ކައިރީ…އުނހު…މަޑުކޮށްލާ ގޭގަ…ކައިރިކޮށްލާނަން….”
ޝާމިން ފޯން ޖީބަށް ލަމުން ގޮސް ޕާކިން ޒޯންގައި ހުރި އޭނަގެ ސައިކަލަށް އަރާ ސްޓާޓުކޮށްލިއެވެ. އޭރު އޭނާގެ އެއްވެސް އިހުތިޔާރަކާ ނުލައި ހުއްޓުމެއް ނެތި އާފުރެމުން ލޮލުން ފެން ފައިބަމުން ދިޔައެވެ. މަޑުމަޑުން ގައިގަ އަޅަމުންދާ ވޭން އިތުރުވާން ފަށައިފިއެވެ. އުނަގަނޑު ހީވަނީ ފުޑުފުޑު ވެދާނެ ހެނެވެ. ގައިގަ ނުރިއްސާ އެންމެ ކަށްޓެއްވެސް ނެތް ކަހަލައެވެ. އިރެއް އިރަކަށް ވާނީ ގޯސްކަން އެނގޭތީ ޝާމިން ބޭނުންވީ އަވަހަށް ޝާފީއާ ހަމައަށް ދިއުމަށެވެ.
މިވޭނުން ސަލާމަތްވާން އޭނާ ކިތަންމެހާވެސް ބޭނުމެވެ. މީގެ ކުރިން އެހެން އުޅެފައި ދޭތެރެއަކުން ހުއްޓާލަން ބޭނުންވީމަ ވަރަށް ފަސޭހައިން ‘ވިތްޑްރޮވަލް’ ބޭހެއް ހޯދައިގެން ފަސްވަރަކަސް ދުވަހު ބޭސްކައިގެން ކޮޓަރީގައި އޮވެގެން އޭނާ އެކަން ކާމިޔާބުކޮށްލައެވެ. އެހެންނަމަވެސް މިހާރު އޭނާއަކަށް އެކަމެއް ނުކުރެވެއެވެ. ގައިގަ އަޅާ ވޭނަށް ކެތް ކުރާނެ ހިތްވަރެއް އޭނާގެ ގަޔަކު ނުހުރެއެވެ. އަތުގައި ފައިސާ ހުއްޓަސް އަބަދަކު ނުހުންނާނެކަން އޭނާއަށްވެސް އެނގެއެވެ. ބުރަ މަސައްކަތްކޮށްގެން ހޯދާ ލާރި މިބޭކާރު ހަރަދަށް އެއްވެސް ފިކުރެއްނެތި ހުސްކުރުމަކީ އޭނާއަށް ހަމަ ވަރަށް އާދައިގެ ކަމެކެވެ. އެހެންނަމަވެސް މިހާރު އޭނާ މިކަމުން މިންޖުވާން ބޭނުމެވެ. ދުނިޔޭގެ ތެރެއަށް ބޭޒާރުވެ ބަދުނާމު ވުމުގެ ބިރަށްވުރެ އެހެން ކަމަކަށް އޭނާގެ ހިތް މަޑުމަޑުން ނުތަނަވަސް ވާން ފެށިތާ ކުޑަދުވަސްކޮޅެއް ވެއްޖެއެވެ.
“ޝާމިން…ބިރެއް ނެތި ތިގޮތަށް އުޅޭކަށް ނުވާނެ…ތިހެން ކަންތައް ކުރުމުން ތިހަލާކުކޮށްލެވެނީ އަމިއްލަ ނަފްސާއި އަމިއްލަ ދުނިޔެ…ކާކަށް ކޮން ދެރައެއް ވާނީ…ޔުއާނާ އަށް ކޮންކަމެއް މަދު ވާނީ…އޭނަ އެއުޅެނީ… ހަމަ ގަދަ އުފަލުގަ…ކާކު ގައިގަ ވޭން އަޅަނީ…ކާކުގެ ޞިއްޙަތު ދަށަށް ދަނީ…މީހުނަށް އެނގި ތި ސިއްރު ފަޅާ އެރީމަ ކާކު ލަދުގަންނާނީ…ޔުއާނާގެ ގައިން ފުކެއްވެސް މަދުވާނެތަ…؟ އޭނަ މީހަކާ އިނދެގެން ބޭވަފާތެރިނުވާ ކަމަކަށް ނުވާނެ…ތިކަން ތިހެން ކޮށްގެން ވަކި ޔުއާނާގެ ހަނދާން ނައްތާލެވިއްޖެތަ…؟
އެހެންނޫނަސް އެންމެ ފަހަރަކުވެސް ވިސްނާލަބަލަ….ޝާމިން ތިގޮތަށް ތެޅިފޮޅޭތަން ބަލަން ޑެޑީ ބޭނުން ވާނެތަ…؟ ޝާމިން ތިކަމުގެ ތެރޭގައި ނިމި ގޮސް ނަރަކައިގެ އަލިފާނުން އަޒާބު ލިބެން ޑެޑީ ނުވަތަ މަންމަ ނުވަތަ ދޮންބެ…ނުވަތަ ޝާމިނަށް ހެޔޮ އެދޭ މީހުން ބޭނުން ވާނެތަ…؟ އަދު ޑެޑީ ހުރިނަމަ ތިގޮތަށް ޝާމިން ތެޅިފޮޅޭތަން ބަލަން އެބައްޕައަށް ކެތްވާނެތަ…؟
ބުނަން…ޝާމިން…މިއީ ވަރަށް ކުލަ ރީތި ތަނެއް…ދުނިޔެ އެކި ދުވަހު ދައްކާނީ އެކި ކުލަ…މިއީ ވަގުތީ ތަނެއް..މިތާކު އަބަދަކު ނުތިބެވޭނެ…އަހަރެމެންގެ މަންޒިލަކީ މިއެއް ނޫން…އަހަރެމެން ނާއުއްމީދުވެގެން ތެޅިބާލަނީ…އަހަރެމެން މީ ވަކި މަގުސަދެއްގައި މިބިމަށް އައިސް ދަތުރެއް މަތީ ތިބި ބައެއްކަން ހަނދާން ނައްތާލާފަ…އަހަރެމެން ހަމަ ވަރަށް ކުޑަކުޑަ ކަމަކާ ހެދި މާއުއްމީދުވެ މާޔޫސްވެ ހަރާމް ހަލާލު އެއްކޮށްގެން ގެއްލިހަލާކުވާއިރު…އަހަރެމެންގެ ވެރިރަސްކަކަލާނގެ އަހަރެމެން މަތިން ނާއުއްމީދުނުވެ އޯގާވެރިކަމާއިއެކު އަދިވެސް ދެންވެސް ދެއްވުމުގައި ދެމިގެންވާއިރު އެކަމަށް އަހަރެމެން މިތިބެނީ ޣާފިލުވެފަ…އަހަރެމެން މީ ހާދަ މޮޔަ ބީތާ ބައެކޭދޯ…އަޅެ ވިސްނާލަބަލަ…ދުނިޔެއަށް ނޭވާލާ ހާ ހިނދަކު ގޮތެއް ހުހެއް ނުވާނެ…އުއްމީދަކީ އަމިއްލަ ހިތްވަރުން އާލާކުރާ އެއްޗެއް…އެހެންނޫނަސް މަރުވެ ވަޅުލެވޭ މީހުނާއެކު ދިރިތިބިން ވަޅުނުލެވޭ ގޮތަށް ގެއްލޭ އެއްޗެއް ހޯދުމުގައި ވަގުތު ބޭކާރުކުރުމުގެ މޮޔަކަން ނުކޮށް ވަގުތުގެ ބޭނުމް އެންމެ ރަނގަޅަށް އެންމެ ފުރިހަމައަށް ހިފާނީ ބުއްދިވެރިންނެއްނު.. ތިމާގެ ނަފްސުދެކެ ތިމާ ނުވި ލޯތްބެއް އެހެން މީހަކު ނުވާނެ… ޝާމިން ތީ ތިގޮތަށް ވަގުތާއި ހަޔާތުގެ އަގުހުރި ރިވެތިކަން ބޭކާރަށްގެއްލުވާލާ ވަރަށްވުރެ މާ އިލްމާއި ހިލްމު ހުރި މާބޮޑަށްވެސް ވިސްނުމާއި ހަރުދަނާކަމާއި ގޮތާއިފޮތާއި ހުރި މީހެއް…ބޭނުން ވަނީ ހަމަ ކުޑަކުޑަ ހިތްވަރެއް…ކުޑަކުޑަ…”
ކުއްލިއަކަށް ޝާމިނަށް ސައިކަލްގެ ބްރޭކް ޖައްސާލެވިއްޖެއެވެ. ޖީބުން ފޯން ނެގި ގޮތަށް ޝައުފާގެ ނަމްބަރަށް ޑަޔަލްކޮށްލިއެވެ. ހަމަ އެންމެ ރިންގްވުމަކާއެކު ޝައުފާގެ އަޑު އޭނާއަށް އިވިއްޖެއެވެ.
“ޝައްފޫ…މިނިކަމެތި މީހާއަށް އެހީވެދީފާނަންތަ…؟؟؟!!!”
“ޝާމިން…ތިހިރީ ކޮންތާކު…؟؟” ޝައުފާގެ އަޑު އެވަގުތު ޝާމިނަށް އިވުނީ މިދުނިޔެމަތިން އިވޭނެ އެންމެ ހިތްގައިމު އަޑުގެ ގޮތުގައެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ