ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އެމެރިކާ ހުޅުވައިލަން ނިންމައިފި އެވެ.

މި ގޮތުން އެހެން ގައުމު ތަކުގެ މީހުންނަށް އެމެރިކާއަށް އެތެރެ ވެވޭ ގޮތަށް ހުޅުވައިލަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކަމަށް ވައިޓް ހައުސް އިން ބުނެ އެވެ.

އެމެރިކާއަށް ދަތުރުކުރުމުގެ ގަވާއިދަށް ގެނެވުނު މި ބަދަލަށް ނޮވެމްބަރު 8 އިން ފެށިގެން އަމަލުކުރަން ފަށާއިރު، އެމެރިކާގެ ބައިނަލްއަގުވާމީ ވައިގެ ދަތުރުކުރުންތަކަށާއި އެއްގަމު މަގުން ކުރާ ދަތުރުތަކަށް މި ގަވާއިދު ހިނގާނެ ކަމުގައި ވައިޓްހައުސްގެ އެސިސްޓެންޓް ޕްރެސް ސެކްރެޓެރީ ކެވިން މުނޯޒް ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި މި ގަވާއިދަށް އަމަލުކުރޭތޯ ޕަބްލިކް ހެލްތުން ގަވާއިދުން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމުގައި އޭނާގެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ވައިޓްހައުސްގެ އޮފިޝަލަކު ސީއެންއެން އަށް މައުލޫމާތު ދީފައިވާ ގޮތުގައި މިގަވާއިދުން އިސްތިސްނާ ވާ މަދު ހާލަތުތަކާއި ބަލައިގަނެވޭނެ ވެކްސިންތަކުގެ ފުރިހަމަ މައުލޫމާތުތަކާއި އިތުރު ތަފުސީލުތައް ނޮވެމްބަރު 8 ގެ ކުރިން އެއާލައިން ތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެގޮތުން އެމެރިކާގެ ވައިގެ މަގުން ދަތުރުކުރުމުގައި ބަލައިގަނެވޭނީ އެފްޑީއޭއިން ހުއްދަކޮށްފައިވާ ވެކްސިންތައް ކަމާއި ޑަބްލިއުއެޗް އިން ހުއްދަ ދީފައިވާ އިމަޖެންސީގައި ބޭނުންކުރެވޭނެ ވެކްސިންތަކުގެ ފުރިހަމަ މައުލޫމާތުތައް ސީޑީސީން އެއާލައިން ތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެއްގަމު ދަތުރުތަކަށްވެސް މި މައުލޫމާތުތައް ފުރިހަމަކުރާނެކަން ގަބޫލުކުރައްވާކަމުގައި އޭނާ ވަނީ ހާމަކޮށްފައެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން އެމެރިކާއަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ފުރަތަމަ މަނާކޮށްފައިވަނީ އޭރުގެ ރައީސް ޑޮނަލްޓް ޓްރަމްޕުގެ ވެރިކަމުގައެވެ. ރައީސް ޑޮނާލްޑް ޓްރަމްޕު ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ޗައިނާއިން އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފައެވެ. އެކަމުން އެމެރިކާ އަށް ކޮވިޑު އެތެރެ ވުން ހުއްޓިފައި ނުވިނަމަވެސް، ކޮވިޑުގެ ހާލަތު ގޯސްވެފައިވާ އެހެނިހެން ގައުމުތައް އެ ލިސްޓަށް ވައިޓްހައުސްއިން އިތުރުކޮށްފައިވަނީ އެގައުމުގެ ސިއްހީ ދާއިރާގެ އޮފިޝަލުންގެ ލަފަ އާއި އިރުޝާދުގެ ދަށުންނެވެ.

ލިސްޓަށް އިތުރުވި ޔޫރަޕުގެ ގިނަ ގައުމުތަކުގެ ތެރޭގައި ފުރާންސް، ޖަރުމަނު އަދި އިޓަލީ ހިމެނޭއިރު އިނގިރޭސިވިލާތާއި އަޔަލޭންޑު ވެސް ވަނީ ލިސްޓަށް އިތުރުކުރެވިފައެވެ. އޭގެ އިތުރުން ބްރެޒިލް، ސައުތު އެފްރިކާ އަދި އިންޑިއާ ވަނީ މި ލިސްޓަށް ވަކިވަކިން އިތުރުކުރެވިފައެވެ. އެއްގަމު މަގުން ދަތުރުކުރުން މަނާކޮށް އެމެރިކާއިން ބޯޑަރު ބަންދުކުރި ގައުމުތަކުގެ ތެރޭގައި ކެނެޑާ އަދި މެކްސިކޯ ހިމެނެއެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ ޒަރޫރީ ބޭނުމެއް ނެތި އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފައިވާ ގައުމުތަކުގެ ލިސްޓު ދަމަހައްޓަވައިފައެވެ.

މިހަފުތާގެ ކުރީކޮޅު ވައިޓްހައުސް އިން ވަނީ ވެކްސިން ފުރިހަމަކޮށްފައިވާ ކެނެޑާ އަދި މެކްސިކޯގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުމަށް ލުއިދިނުމަށް ވިސްނާ ކަމަށް ބުނެފަ އެވެ.