ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒް، ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ސްޕެއިންގެވެސް ތަރި އުމުރުން 18 އަހަރުގެ ޕެޑްރީ، ބާސާއާއެކު ހަދާފައިވާ އެއްބަސްވުން އާކުރީ 2026 ވަނަ އަހަރު ޖޫންގެ ނިޔަލަށެވެ. އެ ކޮންޓްރެކްޓުގައި ހިމަނާފައިވާ ރިލީސް ފީއަކީ އެއް ބިލިއަން ޔޫރޯއެވެ. އެ މާއްދާގެ ސަބަބުން ޕެޑްރީ ކޮންޓްރެކްޓުގައި ހުންނަ މުއްދަތުގައި އެހެން ކްލަބަކުން އޭނާ ގެންދަން ބޭނުންވާނަމަ، ބިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ.

ޕެޑްރީ، 2020 ވަނަ އަހަރުގެ އޯގަސްޓް މަހު ބާސާއާ ގުޅުނީ ލާސް ޕާމާސްއިންނެވެ. ޕެޑްރީ ވަނީ މިދިޔަ ސީޒަންގައި ބާސާއަށް 53 މެޗު ކުޅެދީފައެވެ. އެއީ މިދިޔަ ސީޒަންގައި އެ ކްލަބަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. ކްލަބުގައި ގިނަ މެޗުތަކެއް ކުޅުމަށްފަހު ޕެޑްރީ ވަނީ ސްޕެއިންއާއެކު މިދިޔަ ޔޫރޯގައިވެސް ހުރިހާ މެޗެއް ކުޅެފައެވެ. އެއަށްފަހު އޭނާ ވަނީ ޓޯކިއޯ އޮލިމްޕިކްސްގެ ހުރިހާ މެޗެއްގައިވެސް ސްޕެއިނަށް ކުޅެފައެވެ.

ޕެޑްރީ ވަނީ މިދިޔަ ސީޒަންގައި ޔޫއެފާ އެންމެ މޮޅު ޓީމުގައި ހިމެނިފައެވެ. ގައުމީ ޓީމަށްވެސް ޕެޑްރީ މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، އޭނާ ވަނީ ޔޫރޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. އޭގެ އިތުރުން ސްޕެއިންއާއެކު އޮލިމްޕިކްސްގެ ރިހި މެޑަލްވެސް ޕެޑްރީ ވަނީ ހޯދައިފައެވެ.

މިދިޔަ ސީޒަންގައި ގިނަ މެޗުތަކެއް ކުޅުނު ޕެޑްރީއަށް ވަނީ މިސީޒަނުގައި އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. މިހާތަނަށް ސީޒަންގައި ބާސާއަށް އޭނާއަށް ކުޅެވިފައިވަނީ އެންމެ ހަތަރު މެޗުގައެވެ.