ދުނިޔެ

ކަންދަހާރުގެ ޝިއައީ މިސްކިތެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ގިނަ ބަޔަކު މަރުވެއްޖެ

އަފްގާނިސްތާނު ކަންދަހާރުގެ ޝިއައީ މިސްކިތެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ގިނަ ބަޔަކު މަރުވެއްޖެއެވެ.

ކަންދަހާރުގެ ބިބީ ފާތިމާ މިސްކިތުގައި އިއްޔެ ގޮވުމެއް ގޮއްވާލާފައިވަނީ ހުކުރު ވަގުތުގައެވެ.

މި މިސްކިތަކީ ޝިއައީންގެ އެންމެ ގިނަ ބަޔަކު ނަމާދަށް ގޮސް އުޅޭ މިސްކިތް ކަމަށްވެއެވެ. މި ޕްރޮވިންސުގެ ޕަބްލިކް ހެލްތު އޮފިޝަލުން މައުލޫމާތު ދޭގޮތުގައި މިހަމަލާގައި މިހާތަނަށް 32 މީހުން މަރުވެ 45 މީހަކު ވަނީ ޒަހަމުވެފައެވެ.

މި ހަމަލާ ހިނގުމާ ގުޅިގެން އެކަން ހިނގައިދިޔަ ގޮތް ބެލުމަށް ތާލިބާނުގެ ހާއްސަ ވަފުދެއްވަނީ އެސަރަހައްދަށް ގޮސްފައިކަމަށް ރިޕޯޓުތައް ބުނެއެވެ. ހާދިސާ ހިނގިއިރު އެސަރަހައްދުގައި ހުރި މީހަކު އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި މިސްކިތުގައި ވަނީ ތިން ގޮވުމެއް ގޮވައިފައެވެ. ފުރަތަމަ ގޮވުން ގޮއްވާލާފައިވަނީ މިސްކިތަށް ވަންނަ މައި ދޮރު ކައިރިން ކަމަށާއި، ދެވަނަ ގޮވުން މިސްކިތުގެ ހުޅަނގު ފަޅިން އަދި ތިންވަނަ ގޮވުން ގޮއްވާލާފައިވަނީ ވުލޫ ކުރާ ސަރަހައްދުގައި ކަމަށް އޭއެފްޕީން ބުނެއެވެ.

އޭގެ އިތުރުން މަންޒަރު ދުށް އިތުރު މީހެއް ކަމަށްވާ މުރްތާޒާ އެނޫހަށް މައުލޫމާތު ދިންގޮތުގައި މި ހަމަލާދީފައިވަނީ ހަތަރު މީހަކު ޖާނުން ފިދާވެގެންނެވެ. އެސޯސިއޭޓެޑް ޕްރެސްއަށް ފޯނުން މައުލޫމާތު ދެމުން މުރްތާޒާ ބުނިގޮތުގައި އެތަނުން ދެމީހަކު މިސްކިތުގެ ސެކިއުރިޓީ ގޭޓު ކައިރީ ހަރަކާތްތެރިވިއިރު އަނެއް ދެމީހުންވަނީ މިސްކިތު ތެރެއަށް ވަދެގަނެ ޖަމާއަތް ހަދައިގެން ނަމާދުކުރަން ތިބި މީހުންނަށް ހަމަލާ ދީފައެވެ. އާއްމުކޮށް އެ މިސްކިތަށް ހުކުރު ކުރަން 500 އެއްހައި މީހުން ދާކަމާށް އޭނާ މައުލޫމާތު ދެއެވެ.

ކަންދަހާރުގެ ހޮސްޕިޓަލުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާގޮތުގައި މި ހަމަލާއާއި ގުޅިގެން އެކިވަރުގެ ޒަހަމުތަކާއެކު ހޮސްޕިޓަލަށް ގެނެވޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު، މިހަމަލާއާއި ގުޅިގެން މަރުވި މީހުންނާއި ޒަހަމުވި މީހުންގެ އަދަދުތައް މައްޗަށް ދާނެކަމަށް ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގާފައިމިވަނީ މީގެ ހަފުތާއެއް ކުރިން އުތުރު ކުންދުޒް ޕްރޮވިންސުގެ މިސްކިތަކަށް ދިން މިފަދަ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެ 100 އަށްވުރެ ގިނަ ބަޔަކަށް ޒަހަމުކޮށްލާފައިވަނިކޮށެވެ. އެހަމަލާގެ ޒިއްމާ އޭރުވަނީ ހައްދު ފަހަނައެޅި ޖަމާއަތެއް ކަމަށްވާ އައިސިލް-ކޭ އިން ނަގާފައެވެ. ކުންދުޒްގައި ދިން ހަމަލާއާއި ގުޅިގެން އަފްގާނިސްތާނު ހިންގުމާއި ހަވާލުވެފައިވާ ތާލިބާނުން ބުނެފައިވަނީ އެ ހަމަލާގެ ފަހަތުގައިވާ މީހުން ހޯދައި ޝަރީއަތުގެ ކުރިމައްޗަށް ގެނެވި އަދަބުދޭނެކަމަށް ރައްޔިތުންނަށް ވައުދުވެފައެވެ.