ޝާހިދު ކަޕޫރު އަދި މީރާ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

މި އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާ ރިސޯޓުގެ އަގުބޮޑު ވިލާއެއްގައެވެ. ޝާހިދު އަދި މީރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފޮޓޯތައް އަންނަނީ ސޯޝިއަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ޝާހިދު، މީރާ އަދި ދެ ދަރީން ކަމަށްވާ މީޝާ އަދި ޒައިން ރާއްޖެ އައުމުގެ ކުރިން މުމްބާއީ އެއާޕޯޓުން އަންގާރަ ދުވަހުގެ ރޭގަނޑު އަދި ބުދަ ދުވަހުގެ ހެނދުނު ފެންނަ ފޮޓޯ އަދި ވީޑިއޯތަކެއް ބައެއް މީޑިއާތަކުން ވަނީ މީގެ ކުރިން އާއްމުކޮށްފައެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކުރަމުން އަންނައިރު ޝާހިދުގެ 31.2 މިލިއަން ފޮލޯވަރުން އަދި މީރާގެ 2.9 މިލިއަން ފޮލޯވަރުން އިންސްޓަގްރާމުގައި އެބަތިއްބެވެ.

ޝާހިދު ކަޕޫރުގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު އޭނާ އެންމެފަހުން ކުޅެފައިވާ ފިލްމު ''ޖާސީ'' މިމަހުގެ 31 ގައި ރިލީސްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޝާހިދު ކަޕޫރު އެމެޒޮން ޕްރައިމް ވީޑިއޯގެ ވެބް ސީރީސްއެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.