މެދު އިރުމަތީ ގައުމުތަކުގައި ކުރިއަށްދާ ދާހިލާ ހަނގުރާމަތަކުގައި ބައިވެރިވާން ރާއްޖެ ދޫކޮށްދިޔަ 200 އެއްހާ މީހުންގެ ތެރެއިން ގިނަ ބަޔަކު ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ ގްލޯބަލް ސެކިއުރެޓީ ފޯރަމް (ޖީއެސްއެފް2021) ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އިރާގާއި ސިރިޔާގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދިޔަ 200 އެއްހާ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށެވެ. އެ މީހުން ރާއްޖެ ގެނެސް މުޖުތަމައު ތެރެއަށް ދޫކޮށްލާނީ ރިހެބިލިޓޭޓް މަރުކަޒުގައި ބޭތިއްބުމަށް ފަހު ކަމަށެވެ.

އިމްރާނު ވިދާޅުވީ، ރާއްޖެއަކީ އާބާދީ މަދު ގައުމެއްގެ އިތުރުން ފަންނީ ތަޖުރިބާކާރުން ވެސް މަދު ގައުމެއް ކަމަށެވެ. ރާއްޖެ މިހާރު ވެސް ދަނީ އިންޓަނޭޝަލް ޓެރަރިޒަމާއި ޑޮމެސްޓިކް ޓެރަރިޒަމްގެ ނުރައްކާ ކުރިމަތިވަމުން ކަމަށެވެ. ރާއްޖެއިން މިހާރު ވަނީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ފަށާފައި ކަމަށާއި އެ މަސައްކަތުގެ އެންމެ އިސްކަމަކަށް ވަނީ ހަރުކަށި ފިކުރަށް ގޮސްފައިވާ މީހުން ރިހިބިލިޓޭޓް ކުރުން ކަމަށް އިމްރާން ވިދާޅުވިއެވެ.

މެދު އިރުމަތީ ގައުމުތަކުގެ ދާހިލާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ މީހުންގެ ސީދާ ޖުމްލަ އަދަދު އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ސިފައިންނާއި ފުލުހުން ބުނެފައި ވަނީ ހަނގުރާމަތަކުގައި ބައިވެރިވާން ދިޔަ މީހުންގެ އަދަދު 200 އިން މައްޗަށް އަރާ ކަމަށެވެ. މިއަދުގެ ރަސްމިއްޔާތުގައި އިމްރާން ވެސް ވިދާޅުވީ އެއަދަދެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އާބާދީގެ ނިސްބަތުން ބޭރުގެ ދާހިލީ ހަނގުރާމަތަކުގައި އެންމެ ގިނައިން ބައިވެރި ވަނީ ދިވެހިންނެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ގޮސް އުޅެނީ ސިރީޔާގައި ހިނގާ ދާހިލީ ހަނގުރާމާތަކަށެވެ. ސީރިޔާގައި ތިބި ބައެއް ދިވެހިން ރާއްޖެއަށް އަންނަ ބޭނުންވެގެން ސަރުކާރުގައި ދަނީ އެދެމުންނެވެ. އެމީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ވެސް ދަނީ ކުރަމުންނެވެ. ސީރިއާ ބައެއް ސަރަހައްދުތަކަކީ އެގައުމުގެ ސަރުކާރުގެ ބާރު ނުހިނގާ ތަންތަނަށްވާތީ އެކަން ކުރަން ސަރުކާރަށް ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ހަނގުރާމައަށް ގޮސްފައި އެނބުރި އަންނަ މީހުން ރިހިބިލިޓޭޓް ކުރުމަށް ކ. ހިންމަފުށިގައި ވަނީ ރިހިބިލިޓޭޝަން ސެންޓަރެއް ހުޅުވައިފައެވެ.