ބޯޑަ އެންޑް ބަޔޮސެކިއުރިޓީ ދާއިރާއިން މާސްޓާސް ހާސިލު ކުރި ފުރަތަމަ ދިވެއްސަކަށް މޯލްޑިވްސް އިމިގެރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ހުސައިން (ހަނަފީ) ވެވަޑައިގެންފި އެވެ.
ހަނަފީ މި ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވައި، އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ކޯސް ހެއްދެވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވެދެއްވި އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ. އަދި މި ކޯހާއެކު އޭނާގެ ކޮނޑުގައި އެޅިފައިވާ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް އިތުރު ހިތްވަރެއް ލިބިވަޑައިގެންފި ކަމަށެވެ.
ހަނަފީ ވަނީ މީގެ ކުރިން އިންޓަނޭޝަނަލް މެނޭޖްމަންޓު ދާއިރާއިން 2012 ވަނަ އަހަރު މާސްޓާސް ފުރިހަމަ ކުރައްވާފަ އެވެ.